Advertisement

ހަތް އަހަރު ނުވަނީސް ވެސް ކުއްޖަކަށް ސަނީ އުމަރު ޖިންސީ ގޯނާކުރި، ސާބިތުވެއްޖެނަމަ 44 އަހަރުގެ ހުކުމެއް އަންނާނެ!

about 1 hour 0

ސަނީ އުމުރު ދިރިއުޅުނު އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހު އޭނާ ފުލުހުންގެ ކާރަށް އަރުވަނީ ---


ހަތް އަހަރު ނުވަނީސް ވެސް ކުއްޖަކަށް ސަނީ އުމަރު ޖިންސީ ގޯނާކުރި، ސާބިތުވެއްޖެނަމަ 44 އަހަރުގެ ހުކުމެއް އަންނާނެ!

about 1 hour 0

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ސަނީ އުމަރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފަ އެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ދައުވާތައް ސާބިތުވާ ހާލަތުގައި އެންމެ ބޮޑު އަދަބު ދިނުމަށް އެ އޮފީހުން އެދޭނެ އެވެ. އޭރުން އޭނާގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ތިން ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި ދައުވާތައް އުފުލީ ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ސަނީ އުމަރު ގަސްތުގައި އަތްލާފައިވާތީ އެވެ.

އޭގެ އިތުރުން، ކުޑަކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ސަނީ އުމަރު ވަނީ ގަސްތުގައި އަތްލާފަ އެވެ. އަދި ކުޑަކުއްޖެއްގެ އުމުރުން ނުވައެއް ނުވަތަ 10 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އޭނާ އަތްލާފައިވާ ކަމަށް ދައުވާ އުފުލިކަން ހާމަކުރަމުން ޕީޖީން ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރަނީ ފޯނެއް ގެއްލިފައިވާ ކަމަށް ބުނުމާއި ސިމާ ގުޅޭ މައުލޫމާތު ނުދިނުމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލި އެވެ. ނަމަވެސް ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައެ އެވެ.

ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

އަދި ޑިސެމްބަރު 1، ގެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ ޑިސެމްބަރު 2، ގަ އެވެ.

ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.

ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.