Advertisement

ފާޑުކިޔުން އަމާޒުވެފައި އޮއްވާ ބައްސާމް އަނބުރާ ޖަލަށް ބަދަލުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: އޭނާ ގޭބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ވަނީ ބަދަލުކޮށްފައި -- ފޮޓޯ: އަދަދު


ފާޑުކިޔުން އަމާޒުވެފައި އޮއްވާ ބައްސާމް އަނބުރާ ޖަލަށް ބަދަލުކޮށްފި

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާ ޖަލަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަންސް އިން ބުނީ ބައްސާމް ވަގުތީ ގޮތުން ގެއަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން ގަވާއިދުގައި އޮންނަ ގޮތަށް ކަމަށެވެ.

ނަމަވެސް ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާއަށް އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އޭނާ ޖަލަށް ބަދަލުކުރެވިފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

މުއްދަތެއް ނެތް ގޮތަށް ބައްސާމް ގެއަށް ބަދަލުކުރީ ރޭގެ ވަގުތެއްގަ އެވެ. މިގޮތުން 24 ގަޑިއިރު ނުވަނީސް އޭނާ އަނބުރާ ޖަލަށް ބަދަލު މިކުރީ ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. މި މައްސަލައިގައި އޭނާ 23 އަހަރަށް ޖަލަށް ލުމަށާއި 44 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ހުކުމެއް އޮތީ އިއްވާފަ އެވެ. އެހެންވެ އޭނާގެ ޖަލު ހުކުމުގެ ޖުމުލަ 32 އަހަރަށް އަރަ އެވެ.

މީގެއިތުރުންވެސް ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.