about 2 hours 0
ލީވާން އަލީ ނާސިރު
މި ފަހަރު އީދަށް ސިޓީތައް ފިޔަވައި އެހެން ރަށްރަށުގައި އީދު ލައިޓް ނުދިއްލާނެ ކަމަށާއި ސިޓީތަކުގައި ވެސް އީދު ލައިޓް ދިއްލާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ؛ ރައީސް އޮފީސް
about 2 hours 0
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅުގައި ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ތައްޔާރުވަމުންދާތީ އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާއެކު އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލުމަށް ސަރުކާރު ނިންމައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ހަމައެކަނި ސިޓީތަކުގައި އީދު ލައިޓު ދިއްލަން ނިންމީ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މިގޮތުން މިފަހަރު އީދަށް ސިޓީތައް ފިޔަވައި އެހެން ރަށްރަށުގައި އީދު ލައިޓް ނުދިއްލާނެ ކަމަށާއި ސިޓީތަކުގައި ވެސް އީދު ލައިޓް ދިއްލާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް ހަލީލް ވިދާޅުވި އެވެ.
"އީދު ލައިޓުގައި ކެބިނެޓުގެ މަޝްވަރާއާ އެއްކޮށްު ރައީސް ނިންމަވާފައި އެއޮތީ ފިތުރު އީދު ދިއްލުން ރަށްރަށުގައި މިވަގުތުގައި ނުބާއްވާ ގޮތަށް ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށްގެންދާ ގޮތަށް. އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި އެނގޭތޯ،" ހަލީލް ވިދާޅުވި އެވެ.
އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ދަނޑިވަޅެއްގައި އިމްޕޯޓަށް މުޅިން ބަރޯސާވެފައިވާ ރާއްޖޭގައި ބޮޑު ހޭދަކޮށްގެން ކުލަގަދަކޮށް އީދު ފާހަގަކުރަން ސަރުކާރުން އޮތީ ނިންމާފަ އެވެ.
އެމްއެންޑީއެފްއިން ވަނީ ސަރުކާރުގެ 10 ކުންފުންޏެއް ބައިވެރިކޮށްގެން އެމްއެންޑީއެފް އިސްވެ ތިން ދުވަހަށް މާލެ ސަރަހައްދުގައި އީދު ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެ އެވެ.
ރާއްޖޭން ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު އޭޝިއާގެ ގިނަ ގައުމުތަކުން ވަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
Comment