about 1 hour 1
ލީވާން އަލީ ނާސިރު
about 1 hour 1
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރު އަބްދުﷲ ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރު ދިރާސާކޮށް، ރާއްޖެއަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ދަނީ ހަރުދަނާ ކުރަމުން ކަމަށެވެ.
މިގޮތުން ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ ގޮތް ހޯދުމަށް އެހެން މާކެޓްތައް ދެނެގަނެ އެ މާކެޓްތަކުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ފަށާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮގެންނަނީ މެދުއިރުމަތިންކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އެ ސަރަހައްދު ބަންދުކޮށްފައިވާތީ ވަކި ގައުމަކަށް ބަރޯސާނުވެ ތެޔޮ ލިބޭނެ އިތުރު މަގުތައް އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކުން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވައިގެ ސަރަހައްދުތައް ބަންދުކުރުމުން ރާއްޖެއަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އައު ރޫޓްތަކުން ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތް ދަނީ ބަލަމުން ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އެންމެ ބޮޑަށް ބަލަމުންދަނީ ރާއްޖެއަށް އެއާލައިންތަކުގެ ފްރިކިއުންސީ އިތުރު ކުރުމަށް ކަމަށްވާއިރު، ކާގޯ ފްލައިޓްތައް ވެސް އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަނގުރަމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ބޭނުންކުރަން ދީފައި ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން ހަލީލް ވިދާޅުވީ އެފަދަ ރިކުއެސްޓްތައް އައި ނަމަވެސް ހުއްދަ ނުދޭ ކަމަށެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމަ ދިގު ދެމިގެންދާ ވަރަކަށް ރާއްޖެއަށް ކުރާނެ އަސަރުތައް ޑޭޓާ އެނަލައިޒްކޮށްގެން ދެނެގަނެ، މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެއަށް ކަމަށެވެ.
ހަނގުރާމައާ ގުޅިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްއަށް 20 މިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފައިވާ ކަމަށާއި އެކަން ފޫބެއްދުމަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހަނގުރާމަކުރަމުންދާތާ 12 ދުވަސް ފާއިތުވެގެންދިޔައިރު މިއީ ރާއްޖެއިން ހަނގުރާމައާ ގުޅިގެން އަޅާ ފިޔަވަޅުތައް ހާމަކުރި ފުރަތަމަ ފަހަރެވެ. ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަމަލުކުރާނެ ގޮތްތައް ނިންމަން ކެބިނެޓުގައި ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment