about 8 hours 0
ލީވާން އަލީ ނާސިރު
އަލީ ހުސައިން: ދައުލަތް ހިންގުމާ ދޭތެރޭގައި ފެންނަ ގޮތެއްގެ ވާހަކަ އެހުމަކީ ޑިމޮކްރަސީއެއްގައި އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން
about 8 hours 0
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އަންނަ އެޕްރީލް 4، ގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރައްޔިތުން އަނދިރީގައި ބައިތިއްްބައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އިއްޔެ ވިދާޅުވެއްޖެ އެވެ.
"ދެ އިންތިހާބު އެއްކުރަން ނުފެނޭ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިފިނަމަ، ވޯޓުލާއިރު ޖަވާބުދާރީ ކުރުވަން އުޅެނީ ކާކުކަން ނޭގޭނެތީ ރައްޔިތުން ތިބޭނީ އަނދިރިކަމެއްގައި ކަމަށެވެ.
"ރައްޔިތުން ވާނުވާގައި ބައިތިއްބައިގެން، އަނދިރީގައި ބައިތިއްބައިގެން ހަގީގަތުގައި މިއުޅެނީ ވޯޓެއް ނަގަން. އަނދިރީގައި ބައިތިއްބައިގެންނޭ މިދެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބާ އެއްކޮށްލައިފި ކަމުގައިވާނަމަ ވޯޓުލާއިރަކު ނޭގޭނެ ހަގީގަތުގައި ޖަވާބުދާރީ ކުރުވަން އުޅެނީ ކާކު ކަމެއް. އެހެންވީމަ ރައްޔިތު މީހާ ހުންނާނީ އަނދިރީގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ގިނަ އިންތިހާބުތަކެއް ބޭއްވުމަކީ އަދި ރައްޔިތުން ގާތުގައި ގިނަ ގިނައިން ސަރުކާރާ ދޭތެރޭގައި، ދައުލަތް ހިންގުމާ ދޭތެރޭގައި ފެންނަ ގޮތެއްގެ ވާހަކަ އެހުމަކީ ޑިމޮކްރަސީއެއްގައި އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމަށް، ރައްޔިތުންގެ ކިބައިގައި އޮންނަ ބާރެއްގެ ބޭނުން ކޮށްގެން ރައްޔިތުން ކުރާ ވެރިކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަކީ ވެރިން ކަމުގައިވާއިރު ހުރިހާ ބާރެއް ރައްޔިތުންގެ ކިބައިގައި އޮންނައިރު ރައްޔިތުންގެ ކިބައިން އަހަންޖެހޭ މިންވަރު ނުވަތަ ސަރުކާރާ ދޭތެރޭ ދެކޭ ގޮތް ބަލަންޖެހޭ މިންވަރު، އަދަދު މަދުކުރުމަކީ އެއީ ޑިމޮކްރަސީއެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަލީ ހުސައިން ވެސް ވަނީ އެ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދިނުމަށް ހުރިހާ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment