about 12 hours 0
ސާއިފް ޝިޔާދު
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަހަކަ ދައްކަވަނީ. މަޖިލީހުގައި ހަތަރު ދައުރު ހިދުމަތް ކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން
about 12 hours 0
ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ސަރުކާރުން ވަނީ މި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފަ އެވެ. އެ ވޯޓު އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާނެ އެވެ.
ގާނޫނުއަސާސީއަށް މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލުގެ ދިރާސާ މަރުހަލާގައި ކޮމިޓީއަށް ހާޒިރުވެ މި ސަރުކާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ދެ އިންތިހާބުގެ ދުރުކުރުމުގެ ވިސްނުމެއް ހާއްސަ މަޖިލީހުން ގެންގުޅެފައެއް ނުވެ އެވެ.
"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމްގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާނޫނީ ވަކީލު މާރިޔާ ވިދާޅުވީ މިހާރު ދެކެވެމުން މިދަނީ އިންތިހާބުތަކުގެ ތެރޭގައި އޮންނަން ޖެހޭ މުއްދަތުގެ ވާހަކަ ނޫން ކަމަށެވެ.
"މި ދައްކަނީ ދެ ވާހަކައެއް، އެއް ވާހަކައަކީ ދެ އިންތިހާބު ދާން ޖެހޭނީ އެކީގައޭ. އެއްވެސް އިރެއްގައި ގާނޫނުއަސާސީ އިސްލާހުކުރިއިރު ދެ އިންތިހާބު އެކީގައި ދާކަށް ވާހަކަ ދެކެވިފައެއް ނެތް،" މަޖިލީހުގައި ހަތަރު ދައުރު އަދާކުރެއްވި މާރިޔާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް 2005 ވަނަ އަހަރު މެންބަރުން އިންތިހާބު ކުރީ ފަސް އަހަރަށް ކަމަށާއި ނަމަވެސް އެ މަޖިލީހުގެ ދައުރު ކުރުކޮށް 2009 ވަނަ އަހަރު އިންތިހާބު ބޭއްވި ކަމަށް ކ. އަތޮޅު މެންބަރުކަން ކުރެއްވި މާރިޔާ ވިދާޅުވި އެވެ.
މިފަހަރުގެ ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ވެސް މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 2007 ވަނަ އަހަރު ބޭއްވި ނިޒާމީ ވޯޓަށް ވަރަށް ބޮޑަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރެވުނު ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މާރިޔާ ވިދާޅުވި އެވެ.
"ރައީސް މައުމޫން ވެސް ދިގު 30 އަހަރު ތެރޭ އިސްލާހީ އެޖެންޑާއެކޭ ވިދާޅުވުމަށް ފަހު ގާނޫނުއަސާސީ ބަދަލުކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ނުކުމެވަޑައިގެންނެވިއިރު އެ ބޭފުޅާ ފުރުސަތު ދެއްވި، އެ ވާހަކަތައް އިސްލާމީ މަރުކަޒުގައި ކިޔައިދެއްވާފައި، ދެން ވަގުތު ދެއްވި ރައްޔިތުންނަށް، އެކަމާ ގުޅޭގޮތުން ބަހުސް ކުރާށޭ ވެސް ވިދާޅުވި،" ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި 2000 ވަނަ އަހަރު މަޖިލީހުގައި ހިދުމަތް ކުރައްވަން ފެއްޓެވި މާރިޔާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބަދަލުކުރުމުގައި ދުނިޔޭގެ ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަކީ ވަރަށް ގިނަ ބަޔަކު އެކަމުގައި ޝާމިލުވެ ގިނަ ބަހުސްތަކެއް ކުރުން ކަމަށް އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ ވިދާޅުވި އެވެ.
"ވެރިޔަކަށް ހުންނަ މީހާ ހިތަށް އެރީމާ ކުރާ ކަމެއް ނޫނޭ [ގާނޫނުއަސާސީ ބަދަލުކުރުމަކީ]. ގާނޫނުއަސާސީއަކީ ދިވެހި ރައްޔިތުންގެ ވިންދު. ދިވެހި ރައްޔިތުން ދެން ދާން ބޭނުންވާ މިސްރާބު ނިންމާ ނިންމުމެއް."
މިހާރު އިންތިހާބު އޮންނަ ގޮތުން ވެސް ރައްޔިތުންނަށް ސަރުކާރާ މެދު ވިސްނުމަށް ވަގުތުކޮޅެއް ލިބޭ ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ. އަދި ރައްޔިތުންގެ ކައިރިއަށް އެއް ފަހަރު ދާން އުޅެނީ ރައްޔިތުން އަޅުވެތި ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
"މީނައަކީ ޑިކްޓޭޓަރު ވައްތަރަށް ދާން އުޅޭ މީހެއްތޯ، ކިހިނެއްތޯ، މިއީ ވައުދު ފުއްދާނެ މީހެއްތޯ، މިއީ ކޮން ކަހަލަ ވެރިޔެއްތޯ ވިސްނާލަން ވެސް ޖާގަ ލިބެޔޭ. ހަތަރު ފަސް މަސް ތެރޭ އަސްލު ކުލަ ފެންނަން ފަށާނެ. އެ ކުލަ ފެނި މީނައަކީ ހިފަހައްޓަން ޖެހޭ މީހެއްކަން ނުވަތަ އިސްރާފުކުރާނެ މީހެއްކަން އެނގޭ ކަމަށްވަންޏާ ރައްޔިތުން ބޮޑަށް އިހުތިޔާރު ކުރާނީ އޮޕޮޒިޝަނަށް ބޮޑަށް ބުރަވެ ތިބެ އޮންނަ މަޖިލީހެއް،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވެސް ވަނީ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.
Comment