Advertisement

ރެފެރެންޑަމް މުއިއްޒު ކާމިޔާބުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެއް: ހަސަން ލަތީފް

about 12 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. 2008 ގެ ކުރިން އޮތްފަދަ ވެރިކަމެއް އުފެެދިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި. --- ފޮޓޯ: މުހައްމަދު ޝާބިން


ރެފެރެންޑަމް މުއިއްޒު ކާމިޔާބުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެއް: ހަސަން ލަތީފް

about 12 hours 0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓު ރައީސް މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ 2028 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެއް ނަން ކަމަށާއި އެ ވޯޓު ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެޕްރީލް ހަތަރެއްގައި ނަގާނެ އެވެ. އެ ވޯޓުގައި ފެންނަ ކަމަށް ގިނަ ރައްޔިތުން ވޯޓު ދީފިނަމަ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް މަދުވާނެ އެވެ. މުއިއްޒުގެ ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށެވެ.

"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ރައީސްކަން ވެސް ކުރެއްވި ހަސަން ވަނީ މި ރެފެރެންޑަމްގެ ނަތީޖާ ނުކުންނަ ގޮތުން 2008 ގެ ކުރިން ރާއްޖޭގައި އޮތް ފަދަ ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު ވެރިޔަކަށް ހުންނަ މީހަކަށް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ނިމޭ ހިސާބަކީ ރައްޔިތުންގެ އަތުގައި އޮންނަ ވޯޓުލުމުގެ ބާރު، ބަސް ބުނެ ކަންކަން ނިންމުމުގެ ބާރު މިހާރު ނަންގަވަން ފެންނަ ނުފެންނަ ވޯޓެއް އެ ނަންގަވަނީ. އޭގެ ފަހުން މި ވޯޓު ކާމިޔާބު ކުރައްވައިފިނަމަ މުއިއްޒު، ރިޔާސީ އިންތިހާބުގެ ވޯޓު ވެސް ވާނީ ފެންނަ ނުފެންނަ ވޯޓަކަށް، އެންމެ ނަމެއް އޮވެފައި،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ހަސަން ވިދާޅުވި އެވެ.

ކުޑަ ބާރަކުން ވެރިކަމަށް އަންނަ ވެރިން ގައުމުތަކުގެ ދުސްތޫރު މުޅިން އެއްކޮށް ބަދަލުކޮށް ބާރުތައް މުށުތެރެއަށް ނެންގެވުމަކީ ދުނިޔޭގެ ގައުމުތަކުގައި ހިނގާ ކަންކަން ކަމަށް ހަސަން ވިދާޅުވި އެވެ.

ގާނޫނުއަސާސީ އެކުލަވާލަމުންދިޔައިރު މިނިވަން މުއައްސަސާތަކުގެ ދައުރު އެކި މުއްދަތުތަކުގެ ތެރޭ ހަމަވާ ގޮތަށް ކަނޑައެޅީ ބަހުސް ކުރެވިގެން ކަމަށް އެ ދިރާސާތަކުގައި ބައިވެރިވި ހަސަން ވިދާޅުވި އެވެ. އެއީ ސަރުކާރު ޒިންމާދާރުކުރުވުމަށް އެ މުއައްސަސާތަކަށް ޖާގަ ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވާހަކަ ދެކެވިފައި ހުންނާނެ ކޮންމެހެން އެއްކޮށް އިންތިހާބު ބާއްވާކަށް ނޫން. އެހެން ނަމަވެސް މިހާރު އޮތްގޮތަށް ބޭއްވީމާ ދިމާވާނެ މައްސަލައެއް އޮންނާނެތޯ. އޭގެ މައްސަލައެއް ނެތް ކަމަށް ފެނިވަޑައިގެން އެގޮތަށް ހަ މަސް ދުވަސް ފަހުން މަޖިލީހުގެ އިންތިހާބު ބާއްވަން މިއޮތީ. އެއީ ސަރުކާރަށް ޗެކެއްގެ ގޮތުގައި ބޭއްވުމަށް،" ހަސަން ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދިނުމަކީ ސަރުކާރު ޒިންމާދާރުކުރުވުމަށް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.