Advertisement

ރޯދަ މަހު ސިއްހީ ހިދުމަތްތެރިންގެ މަސައްކަތްކުރާ ގަޑި ތަފާތުކުރުމުން ކަންބޮޑުވުން

ސިއްހީ ހިދުމަތްތެރިޔަކު މަސައްކަތުގައި: ސިއްހީ ހިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތުކުރާތީ ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ރޯދަ މަހު ސިއްހީ ހިދުމަތްތެރިންގެ މަސައްކަތްކުރާ ގަޑި ތަފާތުކުރުމުން ކަންބޮޑުވުން

ރޯދަ މަހު ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކޮށް، އެކި މުވައްޒަފުންނަށް ތަފާތު ވަގުތުތަކެއް ރަސްމީ ގަޑީގެ ގޮތުގައި ކަނޑައެޅުމުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް ހެލްތު ޕްރޮފޭޝަނަލް ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 ކަމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައި ވަނިކޮށް، ސިއްހީ ހިދުމަތްތެރިންނަށް އެ ގަޑި ތަފާތުކޮށްފައިވާ ކަމަށެވެ.

"މި ބަރަކާތްތެރި ރަމަޟާން މަހު ދައުލަތުގެ އެންމެހައި އިދާރާތަކުގެ ރަސްމީ މަސައްކަތުގެ ވަގުތަކީ ހަތަރު ގަޑިއިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައި ވަނިކޮށް، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކޮށް، އެކި މުވައްޒަފުންނަށް ތަފާތު ވަގުތުތަކެއް ރަސްމީގަޑީގެ ގޮތުގައި އެ އިދާރާތަކުން ކަނޑައަޅާފައިވުމަކީ މި ޔޫނިއަންއިން ނުހަނު ކަންބޮޑުވާ މައްސަލައެއް،" އެ ޔޫނިއަނުން ބުންޏެވެ.

މޯލްޑިވްސް ހެލްތު ޕްރޮފޭޝަނަލް ޔޫނިއަން އިން ބުނީ މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅުމަކީ ގާނޫނުއަސާސީގައި މަސައްކަތްކުރުމުގެ ހައްގު ބަޔާންކޮށްފައިވާ މާއްދާ އާއި ވަޒީފާއާ ބެހޭ ގާނޫނުނުގައި ތަފާތުނުކުރުން ބަޔާންކޮށްފައިވާ މާއްދާއާގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

ދިވެހި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގައިވާ ގޮތުން، މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައިވަނީ، ދުވާލަކު އަށް ގަޑިއިރު އަދި ހަފްތާއަކު ހަ ދުވަހުގެ މަސައްކަތުގެ ގަޑިއަށްކަން ފާހަގަކޮށް އެ ޔޫނިއަނުން ބުނީ ނުސީދާގޮތެއްގައި ދައުލަތުގެ އައު ވަޒީފާގެ އޮނިގަނޑުތަކަށް ގޮސް، މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަކީ ދުވާލަކު އަށް ގަޑިއިރު އަދި ހަފްތާއަކު ހަ ދުވަސް ކަމަށެވެ.

ނަމަވެސް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދީފައިވާ ލުއިގެ ތެރެއިން ބައެއް މުވައްޒަފުން މަސައްކަތްކުރަމުން އަންނަނީ ދުވާލަކު ހަ ގަޑިއިރު އަދި ހަފްތާއަކު ފަސް ދުވަސް ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

އެ ޔޫނިއަނުން ބުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ވަކި ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު އަށް ގަޑިއިރު އަދި ހަފްތާއަކު ހަ ދުވަހު މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އެއްހަމައަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ބޮޑު ތަފާތުކުރުމެއް ކަމަށެވެ.

"މި ރަމަޟާން މަހު ރަސްމީ ގަޑީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ހަތަރު ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމަށް ހޮސްޕިޓަލުތަކުން އަންގާފައިވާ މުވައްޒަފުންނަށް ހަތަރު ގަޑިއިރަށްވުރެ އިތުރުވާ ވަގުތުތަކަށް އިތުރު އެއްވެސް އިނާޔަތެއް ނުދީ މަސައްކަތް ކުރުވުމަކީ، އެ މަސައްކަތްތެރިންނާމެދު ވެވޭ ނުހަނު ބޮޑު ބޭއިންސާފެއް ކަމަށް މި ޔޫނިއަނުން ދެކެން،" އެ ޔޫނިއަނުން ބުންޏެވެ.

އެ ޔޫނިއަނުން ބުނީ ސިއްހީ މަސައްކަތްތެރިންނަކީ އެ މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އެތަކެއް ހިރާސްތަކެއް އެކުލެވޭ މާހައުލެއްގައި، ރައްޔިތުންނަށް ބޭނުންވާ ނުހަނު ހައްސާސީ އަސާސީ ހިދުމަތެއް ދިނުމުގައި މަސައްކަތްކުރަމުން ގެންދާ ބަޔަކަށްވީހިނދު، އެއް މިންގަނޑަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައަޅާފައިވާ މުވައްޒަފުންތަކެއްގެ ދެމެދުގައި މިފަދަ ބޭއިންސާފީ ގޮތަކަށް ތަފާތުކުރުން ގެންގުޅުމަކީ، އެ މަސައްކަތްތެރިންނަށް ނަފްސާނީ ގޮތުން އިތުރު ބުރައަކަށްވެފައިވާ ކަމަށެވެ.

ރޯދަ މަހުގެ ރަސްމީ މަސައްކަތުގެ ވަގުތު ކަމަށް ރައީސް އޮފީހުން ކަނޑައަޅާފައިވާ ހަތަރު ގަޑިއިރަކީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ އެންމެހައި ތަންތަނުގެ މުވައްޒަފުންގެ ވެސް ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސަން އެ ޔޫނިއަނުން ގޮވާލި އެވެ.

މީގެއިތުރުން ހަތަރު ގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން ލައްވާ ކުރުވާ މަސައްކަތްތަކަށް އެކަށީގެންވާ އިނާޔަތެއް ހަމަޖެއްސުމަށް ސަރުކާރަށް އަދި ނެޝަނަލް ޕޭ ކޮމިޝަނަށް އެ ޔޫނިއަނުން ގޮވާލި އެވެ.