Advertisement

ޕްލާސްޓިކް ފުޅި އަލުން ބޭނުންކުރުމުގެ ނުރައްކާ!

23 ފެބުރުވަރީ 2026 - 09:59 0


ޕްލާސްޓިކް ފުޅި އަލުން ބޭނުންކުރުމުގެ ނުރައްކާ!

23 ފެބުރުވަރީ 2026 - 09:59 0

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި، ދޮވެގެން އަލުން ފެންބޯން ނުވަތަ ކާބޯތަކެތި އެޅުމަށް ބޭނުންކުރުމަކީ އާދައެކެވެ. ތިމާވެއްޓަށް ފައިދާހުރި "ރީޔޫސް" ކުރުމުގެ އަމަލެއްގެ ގޮތުގައި މިކަން ފެނުނު ކަމުގައިވިޔަސް، ސިއްހީ ނަޒަރަކުން ބަލާއިރު މިއީ ހަށިގަނޑަށް ބޮޑު ނުރައްކަލެކެވެ. އެހެންވެ، މިފަދަ އަމަލުތައް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ރޯދަ މަހު މާރުކޭޓުން ފެންނަ މަންޒަރަކަށް ބަލާލަމާ ހިނގާށެވެ. ފެން ހުސްކުރި 1.5 ލީޓަރުގެ ޕްލާސްޓިކް ފުޅިއަށް ކުރުނބާ ފެން އަޅައިގެން ވިއްކާއިރު، އޭގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދެއެވެ. މިފަދަ ފުޅިތަކަކީ އެއްފަހަރު ބޭނުންކުރަން އުފައްދާފައިވާ އެއްޗެހި ކަމުން، ތަކުރާރުކޮށް ބޭނުންކުރުމަކީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ.

ސިއްހީ ގޮތުން ހުރި މައިގަނޑު ނުރައްކާތައް

1. ނުރައްކާތެރި ކެމިކަލް މާއްދާތައް ފެނުގެ ތެރެއަށް ދޫވުން

ގިނަ ޕްލާސްޓިކް ފުޅިތައް ހަދާފައި ހުންނަނީ ޕޮލިއެތްލީން ޕެރެފަތަލާއިންނެވެ. މި ބާވަތުގެ ޕްލާސްޓިކް ތަކުރާރުކޮށް ބޭނުންކުރުމުން ނުވަތަ ހޫނުވުމުން (މިސާލަކަށް އަވީގައި ނުވަތަ ކާރުތެރޭގައި ބޭއްވުމުން) އޭގައި ހިމެނޭ އެންޓިމޮނީ ފަދަ މާއްދާތައް ފެނުގެ ތެރެއަށް ދެއެވެ.

މީގެ އިތުރުން، އެންމެ ކަންބޮޑުވާންޖެހޭ އެއް މާއްދާއަކީ ބިސްފެނޯލް އޭ އެވެ. ބައެއް ފުޅިތަކުގައި އެ މައްދާ ނުހިމެނޭ ކަމަށް ބުނި ކަމުގައިވިޔަސް، އޭގެ ބަދަލުގައި ބޭނުންކުރާ ބީޕީއެސް ފަދަ މާއްދާތަކަކީވެސް ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލުތައް ގެނުވާ އެއްޗެހިކަން ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކާއި، ހަކުރު ބައްޔާއި، ބައެއް ކަހަލަ ކެންސަރަށް މަގުފަހިވެއެވެ.

2. ބެކްޓީރިއާ އާލާވުން

ޕްލާސްޓިކް ފުޅިއަކީ ބޭނުންކުރާ ވަރަކަށް އޭގައި ވަރަށް ފަސޭހައިން ކުދިކުދި ރެނދުލާ އެއްޗެކެވެ. ފުޅި ދޮންނައިރު ނުވަތަ ބޭނުންކުރާއިރު އުފެދޭ މި ކުދިކުދި ރެނދުތަކުގެ ތެރޭގައި ބެކްޓީރިއާ އާލާވެ، "ބަޔޯފިލްމް" އުފެދެއެވެ. ދިރާސާއަކުން ދައްކާގޮތުގައި، ގިނަ ދުވަހު ދޮވެގެން ބޭނުންކުރާ ޕްލާސްޓިކް ފުޅިއެއްގައި ހުންނަ ބެކްޓީރިއާގެ މިންވަރު، އާންމުކޮށް ކުއްތާ ކާން ބޭނުންކުރާ ތަށްޓެއްގައި ހުންނަ ބެކްޓީރިއާއަށްވުރެ ވެސް ގިނަވެދާނެއެވެ.

3. މައިކްރޯޕްލާސްޓިކްގެ އަސަރު

ޕްލާސްޓިކް ފުޅި ބޭނުންކުރާ ވަރަކަށް އޭގެ ބާރުދެރަވެ، ލޮލަށް ނުފެންނަ ކުދިކުދި ޕްލާސްޓިކް ކޮޅުތައް ފެނުގެ ތެރެއަށް ދެއެވެ. މިއީ ދިގު މުއްދަތުގައި ގޮހޮރަށާއި، ދިފާއީ ނިޒާމަށް އަދި ލޭގެ ދައުރުވުމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ޕްލާސްޓިކްގެ ބާވަތް ދެނެގަންނާނީ ކިހިނެއް؟

ކޮންމެ ޕްލާސްޓިކް އެއްޗެއްގެ ފުލުގައިވާ ތިނެސްކުގެ ތެރޭގައި ނަންބަރެއް ޖަހާފައި ހުންނާނެއެވެ. މިއީ އެ ޕްލާސްޓިކެއްގެ ރައްކާތެރިކަން ދެނެގަންނަން އޮތް އެންމެ ފަސޭހަ މަގެވެ.

  • ނަންބަރު 1: ބޭނުންކޮށްފައި އުކާލާ. އަލުން ބޭނުން ނުކުރޭ
  • ނަންބަރު: 2, 4, 5: ތަކުރާރުކޮށް ބޭނުންކުރަން ހަދާފައިވާ ބާވަތްތައް
  • ނަންބަރު: 3, 6, 7: ވަރަށް ނުރައްކާ، ވިހަ ކެމިކަލް ހިމެނޭ މިންވަރު ގިނަ

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  • ބިއްލޫރި ނުވަތަ ސްޓީލް ފުޅި ބޭނުންކުރުން
  • ޕްލާސްޓިކް ފުޅި އިރުގެ އަވިން އަދި ހޫނުން ރައްކާތެރިކުރުން
  • ރަނގަޅަށް ހިއްކުން: ފުޅިއެއް އަލުން ބޭނުންކުރާނަމަ، ދޮވުމަށްފަހު ފުޅީގެ އެތެރެ އެއްކޮށް ހިކެންދެން ބަހައްޓާށެވެ. ތެތްކަން ހުރުމަކީ ބެކްޓީރިއާ އާލާވާ ކަމެކެވެ.

ޕްލާސްޓިކް ފުޅީގެ ބަދަލުގައި ރައްކާތެރި ގޮތަކީ ފެންވަރު ރަނގަޅު ސްޓީލް ނުވަތަ ބިއްލޫރި ފުޅި ބޭނުންކުރުމެވެ.

މައުލޫމާތު: https://www.webmd.com/