Advertisement

ދަތް އުނގުޅުން އުމުރު ދިގުވުމާ ވެސް ގުޅުން އެބަހުރި!

about 2 hours 0


ދަތް އުނގުޅުން އުމުރު ދިގުވުމާ ވެސް ގުޅުން އެބަހުރި!

about 2 hours 0

ދަތްތަކާއި އަނގަޔަކީ ހަމައެކަނި ހަށިގަނޑުގެ ވަކި ގުނަވަނެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، އާ ދިރާސާތަކުން ދައްކާގޮތުގައި އަނގަޔަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ދޮރާށްޓެވެ. ދަތްތަކާއި ހިރުގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަކީ އަލްޒައިމާސް ފަދަ ނުރައްކާތެރި ބަލިތަކުން ދުރުކޮށްދީ، އުމުރު ދިގުވުމަށް އެހީތެރިވެދޭ ކަމެއްކަން ސައިންސްވެރިން މިހާރު ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ އެރިޒޯނާގައި މިދިޔަ ހަފުތާގައި ބޭއްވި އެމެރިކަން އެސޯސިއޭޝަން ފޯ ދަ އެޑްވާންސްމަންޓް އޮފް ސައިންސްގެ އަހަރީ ކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދިރާސާވެރިން ވަނީ އަނގަޔާއި ހަށިގަނޑުގެ އެހެން ގުނަވަންތަކާ ހުރި ގުޅުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ޔުނިވާސިޓީ އޮފް މިނެސޯޓާގެ ޕްރޮފެސަރު އަލްޕްޑޮގަން ކަންތާރްސީ ވިދާޅުވި ގޮތުގައި، ދަތްތަކުގެ ސިއްހަތު ރަނގަޅުކޮށް ބެލެހެއްޓުމަކީ ހަށިގަނޑުގެ އެކި ނިޒާމުތަކަށް ޖެހޭ 50 އަށް ވުރެ ގިނަ ބަލިން ރައްކާތެރިވުމާ ގުޅިފައިވާ ކަމެކެވެ.

"ދިރާސާތަކުން ދައްކަނީ ކުޑަކޮށް ނުވަތަ މެދު މިންވަރަކަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން، ގަވާއިދުން ދަތް އުނގުޅާ، އަނގަޔަށް ސަމާލުކަންދޭ މީހުންގެ ސިކުނޑީގެ މަސައްކަތްތައް މާ ރަނގަޅު ކަމަށް،" އޭނާ ވިދާޅުވިއެވެ.

ހިރުގަނޑު ދުޅަވުމުގެ ބަލި ނުވަތަ 'ޕީރިއޮޑޮންޓައިޓިސް' އަކީ އުމުރުން ދުވަސްވާ ވަރަކަށް ބޮޑުވާ މައްސަލައެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަންގެ ސަބަބުން، ހުޅުތަކުގެ ބަލިތަކާއި އަދި ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޓަފްޓްސް ޔުނިވާސިޓީން 2024 ވަނަ އަހަރު "ދަ ލާންސެޓް" މަޖައްލާގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވަނީ، އަނގަޔާއި ދަތުގެ ސިއްހަތަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ޖިސްމާނީ ބަލިކަށިކަމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

ނިއުޔޯކްގެ މަޝްހޫރު ޑެންޓިސްޓެއް ކަމަށްވާ ޑރ. މައިކަލް ޖޭ. ވޭ ވިދާޅުވާ ގޮތުގައި ދުވާލަކު ތިން ފަހަރު ދަތް އުނގުޅުމަކީ ހިރުގަނޑުގެ ބަލިތައް އުފައްދާ ބެކްޓީރިއާ ކޮންޓްރޯލް ކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.

"އަނގަޔަށް ދޭ ސަމާލުކަމަކީ ހަމައެކަނި ދަތްތަކަށް ކުރާ ކަމެއް ނޫން، އެއީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް ކުރެވޭ އިންވެސްޓެއް،" އޭނާ ވިދާޅުވިއެވެ.

---

މި ލިޔުން ގެނެސްދީފައި ވަނީ ފެމެލީ ޑެންޓަލް ކެއާއިންނެވެ.