16 ފެބުރުވަރީ 2026 - 17:19 1
ލީވާން އަލީ ނާސިރު
ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: މުއައްސަސާތަކުގައި ސިޔާސީ ޕާޓީތަކުގެ ކުލަ ލާ އެތަންތަނުގެ ހައިބަތު ގެއްލުވާލަމުންދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް
16 ފެބުރުވަރީ 2026 - 17:19 1
ދައުލަތުގެ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ކުންފުނިތަކަށް ދަނީ ވަޒީފާ ބަހަމުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއައްސަސާތަކުގައި ސިޔާސީ ޕާޓީތަކުގެ ކުލަ ލާ އެތަންތަނުގެ ހައިބަތު ގެއްލުވާލާ ރައްޔިތުންގެ ހިތުގައި އެތަންތަނަށް އޮތް ލޯބި އަދި އިތުބާރު ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"މިއަދު ފެނިގެން މިދަނީ ދަޢުލަތުގެ ހުރިހާ މުއައްްސަސާތަކެއްގެ ވެރިން ސިޔާސީ ގޮތުން ހައްދުފަހަނައަޅާ ގޮސް ލަދު ހަޔާތްކެޑި ހަމައެއް ލަމައެއް ނެތި މުޅި މުއައްްސަސާ ސިޔާސީ ޖަގަހައަކަށް ހަދާފައިވާ ހިތާމަވެރި ހިތްދަތި މަނަޒަރު،" އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ބޭނުމަށް އިއުލާން ކުރުމެއް ނެތި ހިތުހުރި ބަޔަކަށް ހިތުހުރި މުސާރައިގައި ވަޒީފާތައް ބަހާލުމަށް ފަހު، އެ މުވައްޒަފުން ލައްވާ ޕީއެންސީގެ އެކި މަސައްކަތްތައް ކުރުވަވަމުންދާ ކަމަށެވެ.
"ހާއްސަކޮށް އެމްޓީސީސީ އާ އާރުޑީސީ އާ ވެމްކޯ މުއައްޒަފުން ފެނިގެންދަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޕޯސްޓަރު ހަރުކުރުމުގައި އާ ޖަގަހަތަކުގެ ކުލަ ލުމުގައި އާ ދިދަ ޖެހުމުގެ މަސައްކަތުގައިކަން ލޮލަށް ފެންނަ މަންޒަރުތަކުން ހާމަވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިޔާސީ ބޭނުމަށް ވަޒީފާތައް ދެނީ ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބެލުމެއް ނެތި ކަމަށާއި އޭގެ ސަބަބުން ތައުލީމީ އެތައް ޒުވާނުންނެއް މަގުމަތިވަމުންދާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިމީހާ ބޭނުންވުމުން ބޭނުން ގޮތަކަށް ގާނޫނު އަސާސީއަށް ގާނޫނުތަކަށް ބަދަލު ގެނެސް އެެއްވެސް ހަމައެެއް ލަމައެެއްނެތި ދައުލަތަށް އެތަކެއް ބުރައެެއް އޮންނަގޮތަށް އެތައް ބިލިއަން ރުފިޔާގެ ޕްރޮޖެކުޓުތައް ވެރި މިީހާއަށް ބައި އަޅާގޮތަށް ވެރިމީހާ ބޭނުންވާ މީހަކަށް ބަހާލަމުންދާ ކަމަށެވެ.
މި ސަރުކާރު ރައްޔިތުން ގެނައި އިސްލާހީ ބަދަލަކީ މިހާރު ފެންނަމުންދާ މަންޒަރުތޯ ސުވާލު އުފައްދަވާ އައްބާސް ވިދާޅުވީ ކޮންމެ ކަމެއް ކޮށްފައި ކުރީ ސަރުކާރޭ ކިޔުމަކީ ރައްޔިތުން އެދުނު އިސްލާހުތޯ ވެސް ސުވާލު އުފެއްދެވި އެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ނަގަމުންނެވެ. އޭގެއިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކުރާތީ އެހެން ރަށްތަކަށް ދަނީ ބަދަލުކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment