Advertisement

އިދިކޮޅު ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅަނީ މުއިއްޒުގެ އިރުޝާދުގެ ދަށުން: އައްބާސް

14 ފެބުރުވަރީ 2026 - 12:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: އިދިކޮޅު ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅަނީ މުއިއްޒުގެ އިރުޝާދަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އިދިކޮޅު ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅަނީ މުއިއްޒުގެ އިރުޝާދުގެ ދަށުން: އައްބާސް

14 ފެބުރުވަރީ 2026 - 12:53 0

އަންނަ އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންނަށް މިލިއަނުން ރިޝްވަތު ހުށަހަޅަމުންދަނީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް މިލިއަނުން ރިޝްވަތު ހުށަހަޅަމުންދާތީ ކަންބޮޑުވާން ޖެހޭ ކަމަށެވެ. އަދި އެއީ މުއިއްޒު ހިންގަވާ "ބަގާވަތުގެ އަމަލެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ ބަޣާވާތުގެ އަމަލެއް. ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް، އެ ފައިސާއިން ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މި މަސައްކަތަކީ ފިރުއައުނު ފަދަ ހުދުމުހުތާރު ވެރިންނާއި، ޔަމަނުގެ ފަސާދަވެފައިވާ ވެރިކަންތަކުން ފެނިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތައް،" އައްބާސް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް، އިންތިހާބުގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރު ހިންގާ ޕީއެންސީން ނުބައި ރޭވުންތަކެއް ރާވާފައިވާ ކަމަށް ވެސް އައްބާސް ތުހުމަތު ކުރައްވަ އެވެ.

ރިޝްވަތުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން އައްބާސް ވަނީ ވަގުތީ ވަޒީފާއަކަށް ނުވަތަ ފައިސާކޮޅަކަށް އެމީހެއްގެ އީމާނާއި، އަބުރާއި، ގައުމުގެ މުސްތަގުބަލު ވިއްކާނުލާން ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން އައްބާސް ވިދާޅުވީ ގައުމަށް ހިދުމަތް ކުރަން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ހުރަސް އަޅައި، ޑިމޮކްރަސީގެ ރޫހު ކަތިލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ވެސް ތެދުވަން ޖެހޭ ކަމަށެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް ރިޝްވަތު ހުށަހަޅާ ކަމަށް އަޑު ފެތުރިފައިވާއިރު، އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން އެސްއޯއީތަކުގައި ތިބި މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.

މިގޮތުން ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުނުކުރާ ބައެއް މުވައްޒަފުން އެހެން ރަށްތަކަށް ބަދަލުކުރަމުންދާއިރު، އެސްއޯއީތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ނަގަމުންނެވެ.