about 2 hours 0
އަމަން ހަލީމް
ރައީސް މުހައްމަދު މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ޑިސެމްބަރު 17، 2025 ގައި ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި ވިޔަފާރިވެރިން ޝަކުވާކުރުމުން ރައީސް ވިދާޅުވީ ރޯދަ ފެށުމުގެ ކުރިން ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ސަރުކާރުން ފައިސާ ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކާ ނިންމާ، މި ރޯދަ މަސް ފެށުމުގެ ކުރިން ވިޔަފާރިތަކަށް ދޭން އޮތް ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ފައިސާ ނުދެއްކުނު ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ސަރުކާރުގެ ޕެންޑިން ބިލުތަކަށް ފައިސާ ދަައްކާ، ހަލާސްކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ޑިސެމްބަރު 17، ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގަ އެވެ.
މިހެން ވިދާޅުވި ނަމަވެސް، ބިލުތަކަށް ފައިސާ ނުލިބޭ މައްސަލައިގައި މި ނޫހަށް މައުލޫމާތު ދެމުން އަންނަ ވިޔަފާރިތަކުން ބުނީ ނުދައްކައި ހުރި ބިލުތައް އަދިވެސް އެބަހުރި ކަމަށެވެ.
މިހެން ނަމަވެސް މިދިޔަ އޮކްޓޫބަރުގެ ފަހުން، ކުރިން ފައިސާ ނުލިބި ވަރަށް ގިނަ ދުވަސްވެފައި ހުރި ބައެއް ބިލުތަކަށް ފައިސާ ލިބިފައިވާ ކަމަށް ދެ ވިޔަފާރިވެރިޔަކު ބުންޏެވެ. ފައިސާ ނުލިބޭ ބިލުތަކުގެ ތެރޭގައި އަދިވެސް އުޅެނީ، އެ ވިޔަފާރިވެރިން ބުނި ގޮތުގައި، ސަރުކާރު ކުންފުނިތަކަށް ފޮނުވާފައިވާ ބިލުތަކެވެ.
"[ސަރުކާރު] ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބޭ. ގުޅައިގެން ނެގޯޝިއޭޓު ކުރެވޭތޯ އުޅެނީ. ބައިބަޔަށް ބަހާލައިގެންނާ ޖޫރިމަނާ މާފުކޮށްދީގެންނާ. [ޖޫރިމަނާ މާފުކޮށްދިން ބިލުތަކަށް] ވެސް ފައިސާ ނުލިބޭ،" އޮފީސް ސާމާނު ސަޕްލައި ކުރާ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުނުވެ އެތައް ދުވަހެއް ވެފައިވާއިރު، މި މައްސަލައާ ހުރެ ބައެއް ވިޔަފާރިތަކުގެ ހިންގުމަށް ބުރޫއަރާފައިވާ ކަމަށް މި ކަން ތަހައްމަލު ކުރަމުންދާ ވިޔަފާރިތަކުން އަންނަނީ ބުނަމުންނެވެ. ހަމަ އެހެންމެ، ޓެކުހާއި ދަރަނިތައް ނުދެއްކި އިތުރު މާލީ ބުރަތައް އުފުލަން ޖެހޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.
ރޯދައިގެ ކުރިން ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ ވިޔަފާރިވެރިން ވެސް މި ޝަކުވާ ކުރި އެވެ.
ސަރުކާރުން ބުނާ ގޮތުގައި މިއީ ކުރީ ސަރުކާރުން ވާރުތަވީ މައްސަލައެކެވެ. އެ ސަރުކާރުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވިޔަފާރިތަކަށް ނުދައްކައި ހުރި ކަމަށް ވެ އެވެ.
މުއިއްޒު ވަނީ ވެރިކަމުގެ ކުރީކޮޅު މި މައްސަލަ ފާހަގަކުރައްވައި، ވަރަށް ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަ ސަރުކާރުން ހައްލުކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި، އެކި ދުވަސް މަތިން މި ކަން ހައްލުކޮށް ނިންމާނެ ކަމަށް އެމަނިކުފާނު އެކި ތާރީހުތައް ދެއްވާފައިވެ އެވެ.
މިހެން ނަމަވެސް، ސަރުކާރަށް ދެ އަހަރާ ބައި ވާން ތިން މަހަށް ވީއިރު، އަދިވެސް މައްސަލަ ހައްލު ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment