މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން -- ފޮޓޯ: ލޯކަލް ގަވަމަންޓް މިނިސްޓްރީ
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ގްރޭޓާ މާލެ ސަރަހައްދަށް ބެހުން މިއަދު ހުއްޓާލާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 24، އިން ފެށިގެން ބަހަމުންދާ މަސްދަޅު ކޭސްތައް މިއަދުން ފެށިގެން ބެހުން ހުއްޓާލަނީ އެކަން މީގެ ދެ ދުވަސް ކުރިން އިއުލާންކުރުމަށްފަހު އެވެ.
މާލެ ސަރަހައްދުން މަސްދަޅު ކޭސް ދޫކުރަމުންދަނީ ޖުމްލަ 14 މަރުކަޒަކުންނެވެ. މަސްދަޅު ކޭސް ހޯދުމަށް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މަސްދަޅު ކޭސް މިރޭ ދޫކުރުމަށް ހަމަޖެހިފައިވަނީ 8:30 އިން 23:00 ޖެހުމުގެ ނިޔަލަށެވެ. އެއަށްފަހު މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުން ނިމޭނެ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65،230 ޑޮމެސްޓިކް މީޓަރުތަކުގެ ތެރެއިން 43،923 މީޓަރަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
Comment