about 1 hour 0
އަހުމަދު އަބްދުﷲ ސައީދު
about 1 hour 0
މިއަދަކީ މިހިނގާ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމުން، އިސްލާމީ ޝަރުޢީ އާދަކާދައިގެ މަތިން، ފިޠުރު ޢީދަށް ހަނދު ބެލުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އިސްލާމީ ގިނަ ގައުމުތަކުގައި އޮންނާނެއެވެ. އިސްލާމީ ޝަރުޢުގައި މައްސަރެއްގެ ދިގުމިނަކީ 29 ދުވަސް ނުވަތަ 30 ދުވަސް ކަމަށް ސުންނަތުން ސާބިތުވާތީ، މަހުގެ 29 ދުވަހަށް އިރު އޮއްސުމުން، އަނެއް މަހަށް ހަނދު ފެނޭތޯ ބެލުމަކީ ކުރަންޖެހޭ ކަމެކެވެ.
ނަމަވެސް، މާތް ﷲ ވުޖޫދުކުރައްވާފައިވާ ކައުނީ ޤާނޫނުތަކަށް ރިއާޔަތްކުރާއިރު، ދުނިޔޭގެ އެންމެ އިރުމަތީ ބިތުން ފެށިގެން އެންމެ ހުޅަނގު ބިތާ ދެމެދުގައިވާ އެއްވެސް ގައުމަކަށް، މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ މިއަދުގެ އިރު އޮއްސޭއިރު ވެސް، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުންދާ، ރަމަޟާން މަހުގެ ބުރު މުޅިން ފުރިހަމަ ނުވާތީއެވެ. އެހެންކަމުން، ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިއަދުގެ އިރު އޮއްސޭއިރު ވެސް، ޝައްވާލް މަހުގެ އައު ހަނދު އުފަން ނުވާނެއެވެ.
ޝަޢުބާން މަސް ނިންމައި، އިރާއި ހަނދާއި މި ބިން ކޮންޖަންކްޝަން (އިޤްތިރާން)ވެ، މި ހިނގާ ރަމަޟާން މަސް، ފަލަކީ ގޮތުން ފެށުނީ ޝަޢުބާން މަހުގެ 29 (ފެބްރުއަރީ 17، 2026) ވީ އަންގާރަ ދުވަހު ޖީއެމްޓީ ގަޑިން 12:01 ގައެވެ. އެއީ އެ ދުވަހު ރާއްޖޭ ގަޑިން 17:01 އެވެ. އެހެންކަމުން، އިސްލާމީ ގިނަ ގައުމުތަކުން މިއަހަރު ރޯދަ ހިފަމުން މިއަންނަނީ، ހުސްވި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
އިރާއި ހަނދާއި މި ބިމުގެ ދައުރާނާގައި މާތް ﷲ ލައްވާފައިވާ ފުރިހަމަ މިންގަނޑަށް ބަލާއިރު، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ، އެވްރެޖް ގޮތެއްގައި 29 ދުވަހާއި 6 ގަޑިއިރާއި 35 މިނެޓެވެ. މާނައަކީ، މި ބިމުގެ ވަށައިގެން ހަނދު، ބުރެއް ފުރިހަމަކުރާނެ އެންމެ ކުރު މުއްދަތަކީ އެއީއެވެ.
މި ފަލަކީ ހަގީގަތްތަކަށް ރިއާޔަތްކޮށް، ރާއްޖެއަށް މިއަދުގެ އިރު އޮއްސޭއިރު ހަނދުގެ އުމުރުން ހޭދަވާނޭ މުއްދަތަށް ބަލާއިރު، ރާއްޖެއަށް މިއަދުގެ އިރު އޮއްސޭއިރު ފަލަކީ ގޮތުން ރަމަޟާން މަސް ފުރިހަމަ ނުވާނެކަން ޔަގީންވެއެވެ. ސަބަބަކީ ރާއްޖެއަށް މިއަދުގެ އިރު އޮއްސޭއިރު، ރަމަޟާން މަހުގެ ހަނދުގެ އުމުރުން ފުރިހަމަވާނީ، 29 ދުވަހާއި އެންމެ ގަޑިއިރަކާއި 16 މިނެޓެވެ.
ހަނދު މަހެއް ފުރިހަމަވަނީ، ބިމުގެ ވަށައިގެން ހަނދު ބުރެއް ފުރިހަމަކުރުމުން ކަމަށްވާތީ، މިހިނގާ ރަމަޟާން މަސް ފުރިހަމަވުމަށްޓަކައި، ހަނދު މިހާރު ޖަހަމުންދާ ބުރު ފުރިހަމަވެ، އައު ބުރެއް ގުނަން ފަށާނެ (ކޮންޖަންކްޝަން ވާނެ) ވަގުތަކީ، މާޗް މަހުގެ 19 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 01:23 އެވެ. އެއީ ރާއްޖޭ ގަޑިން މާދަމާގެ ހެނދުނު 06:23 އެވެ.
ރާއްޖެއަށް މިއަދުގެ އިރު އޮއްސޭއިރު، ފަލަކީ ގޮތުން ވެސް ރަމަޟާން މަސް ފުރިހަމަ ނުވާތީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންމަތީގައި ނުހުންނާނެކަން ކަށަވަރުވެއެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި ފިތުރު އީދަށް ހަނދެއް ނުފެންނާނެއެވެ. ސަބަބަކީ، ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސުމާއި، އިރު އޮއްސުމުގެ ކުރިން ފަލަކީ ގޮތުން ވެސް ހަނދު މަސް ނުފެށުމެވެ.
ރާއްޖޭގެ ހއ. ތުރާކުނުން އައްޑު އަތޮޅުގެ ހިތަދުވާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 30-32 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، ރާއްޖޭގެ އެއްވެސް ރަށަކަށް އަދި ރާއްޖޭގެ ޖޯގްރަފީ ސަރަހައްދަށް ވެސް މިރޭގެ އިރު އޮއްސުމަށް ފަހުގައި ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެއެވެ.
ރާއްޖެއަށް ވުރެ އިރުމަތީގައި ހުރި ގައުމުތަކަށް ބަލާއިރު، ބުރުނާއީ، މެލޭޝިޔާ އަދި އިންޑޮނީޝިޔާއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 34-37 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން އެއިން ގައުމަކަށް ވެސް، މިރޭ އީދަށް ހަނދެއް ނުފެންނާނެއެވެ.
އޭގެ އިތުރުން އެ ގައުމުތަކަކީ، ރާއްޖެއަށް ވުރެ އެއް ދުވަސް ފަހުން، 19 ފެބްރުއަރީގައި ރޯދަ ހިފެން ފެށި ގައުމުތައް ކަމަށްވާތީ، މިއަދަކީ އެ ގައުމުތަކަށް ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. އެހެންކަމުން މިރޭ އެ ގައުމުތަކުގައި ހަނދު ބެލުމެއް ވެސް ނޯންނާނެއެވެ.
ރާއްޖެއަށް ވުރެ ހުޅަނގަށް ހުރި މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާގެ މައްކާ އާއި މަދީނާއަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 28 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. އަދި މެދުއިރުމަތީގެ ހުރިހާ ގައުމުތަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 27-30 މިނެޓް ކުރިން ހަނދު އޮއްސޭނެތީ، އެއިން އެއްވެސް ގައުމަކަށް މިރޭ އީދަށް ހަނދެއް ނުފެންނާނެއެވެ.
އެއަށް ވުރެ އުތުރުން ތުރުކީ ވިލާތުގެ އިސްތަންބޯލަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 29 ކުރިން ހަނދު އޮއްސޭނެއެވެ. ތުރުކީ ވިލާތަކީ ވެސް އެއް ދުވަސް ފަހުން ރޯދަ ހިފަން ފެށި ގައުމަކަށް ވާތީ، ތުރުކީއަށް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. އެހެންކަމުން ތުރުކީގައި މިރޭ ހަނދު ބެލުމެއް ނޯންނާނެއެވެ.
އެފްރިކާ ބައްރުގެ ދެކުނުން ކޮމޮރޯސްގެ ވެރިރަށް މޮރޮނީއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 26 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. އަދި އެފްރިކާ ބައްރުގެ އިރުމަތީގައި އޮތް މިސްރުގެ އިސްކަންދަރިއްޔާއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 32 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. މިސްރަކީ ވެސް ރާއްޖެއަށް ވުރެ އެއް ދުވަސް ފަހުން ރޯދަ ހިފަން ފެށި ގައުމަކަށް ވުމުން، އެ ގައުމަށް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. އެފްރިކާ ބައްރުގެ އެންމެ ހުޅަނގުގައި އޮތް މޮރޮކޯ އާއި ސެންގޯލްއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 18-23 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ.
މި ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، އެއްވެސް އިސްލާމީ ގައުމަކަށް މިރޭ އީދަށް ހަނދެއް ނުފެންނާނެއެވެ.
ރާއްޖެއަށް ވުރެ އެއް ދުވަސް ފަހުން ރޯދަ ހިފަން ފެށި ގައުމުތަކުގެ ތެރޭގައި، މެލޭޝިޔާ، އިންޑޮނީޝިޔާ، ސިންގަޕޫރު، ބުރުނާއީ، މިސްރު، ތުރުކީ ވިލާތް، އީރާން، މޮރޮކޯ، ތޫނިސް، އުރްދުން، ސީރިޔާ ހިމެނެއެވެ. މިއަދަކީ މި ހުރިހާ ގައުމަކަށް ވެސް ރަމަޟާން މަހުގެ 28 ވަނަ ދުވަސް ކަމަށްވާތީ، މިއިން އެއްވެސް ގައުމެއްގައި، މިރޭ އީދަށް ހަނދު ބެލުމެއް ނޯންނާނެއެވެ.
އެހެން ނަމަވެސް، މާޗް 19 ވަނަ ދުވަހު ބުރުނާއީ، އިންޑޮނީޝިޔާ އަދި މެލޭޝިޔާ އަށް ހަނދު އޮއްސޭނީ އިރު އޮއްސޭތާ 17-19 މިނެޓް ފަހުންނެވެ. އަދި އެއަށް ވުރެ ހުޅަނގުގައި ހުރި ގައުމުތަކަށް އެ ވަގުތު އިތުރުވަމުން ގޮސް، އެންމެ ހުޅަނގުގައި އޮތް މޮރޮކޯގެ ރަބާތަށް އެ ދުވަހުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 45 މިނެޓް ފަހުންނެވެ.
މި ހިސާބުތަކަށް ބަލާއިރު، އަހަރެމެން ދިވެހިން މާދަމާ (މާޗް 19) ރަމަޟާން މަހުގެ 30 ވަނަ ދުވަސް ގުނުމަށް ފަހު، އީދު ކުރާނީ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އަހަރެމެންނަށް ވުރެ ފަހުން ރޯދަ ހިފަން ފަށައި، މާދަމާއަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމުގައި ބަލާ ގައުމުތަކުން ވެސް، މާޗް 19 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނިގެން، މާޗް 20 ވަނަ ދުވަހު އީދު ކުރާނެއެވެ.
ރޯދަ ހިފަން ފެށުމުގައި މިފަދަ ތަފާތުތަކެއް ހުއްޓަސް، ރޯދަ މަސް ނިންމައި އީދު ކުރުމުގައި ގިނަ ގައުމުތައް އެއްގޮތްވާނެ ކަމަށް ބެލެވެއެވެ. އެހެންވެއްޖެ ނަމަ، އިސްލާމީ އުންމަތުގެ ގިނަ ގައުމުތަކަށް މިފަހަރު އަންނާނީ ދެ އީދު އެކުވެގެންނެވެ. އެއީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ހުކުރަކަށް ވާތީއެވެ.
Comment