Advertisement

އައްޑޫގައި ދުވާލު ކާން ތިބެގެން ނަސޭހަތްދިން ތިން މީހުންގެ ނަން ފުލުހުން ހާމަނުކުރި

އައްޑޫ ސިޓީ: އެ ސިޓީގައި ދުވާލު ކާން ތިބި ތިން މީހުންނަށް ފުލުހުން ނަސޭހަތްދީފައިވާއިރު، އެ ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކުރަން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: އަލީ އިބްރާހިމް


އައްޑޫގައި ދުވާލު ކާން ތިބެގެން ނަސޭހަތްދިން ތިން މީހުންގެ ނަން ފުލުހުން ހާމަނުކުރި

އައްޑޫ ސިޓީ ހިތަދޫގައި ވެހިކަލެއްގެ ތެރޭގައި ދުވާލު ވަގުތުގައި ކާން ތިބެގެން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިން ތިން މީހުންގެ ނަން ހާމަކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ވެހިކަލުގައި ތިބި ތިން މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން އެ ތިން މީހުން ޕޮލިސް ސްޓޭޝަނަށް ގެނެސް ނަސޭހަތްދީފައިވޭ. ހައްޔަރުނުކުރާ މީހުންގެ ވަނަވަރު ހާމަނުކުރަން،" ފުލުހުން ބުންޏެވެ.

ނަަމަވެސް ފުލުހުން މީގެކުރިން ނަސޭހަތްދޭ މައްސަލަތަކުގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފައިވެ އެވެ. އެ މުއައްސަސާއިން ކުއްލިއަކަށް މައުލޫމާތު ދޭ އުސޫލު ބަދަލުކުރި ސަބަބެއް ނޭނގެ އެވެ.

މި ހިނގާ ރޯދަ މަހު ދުވާލު ކާން ތިބި މައްސަލަތަކުގައި މާލެއިން ބައެއް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފައިވެ އެވެ. އެހެންކަމުން އައްޑޫއިން ހައްޔަރުކުރި މީހުންނާމެދު ތަފާތުކޮށް އަމަލުކުރީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ވެހިކަލަކީ ވެމްކޯގެ ވެހިކަލެކެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅޭ ވެހިކަލް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސަންސް ނެތް މީހެއްކަމުން އެ ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ވެމްކޯއާ އަދަދު އިން ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ޝުއާއު ހަނީފް ވިދާޅުވީ ވެމްކޯގެ ވެހިކަލެއް ޓްރެފިކް މައްސަލައެއްގައި އިއްޔެ ޓޯކުރި ކަމަށެވެ.

ނަމަވެސް ދުވާލު ކާންތިބި ކަމުގެ ތުހުމަތުގައި ވެމްކޯގެ އެއްވެސް މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.