Advertisement

ބަދުނަސީބެއް މެދުވެރިވެގެން ހިތާމަކުރަމުންދާ ކޮންމެ މީހަކަށް

ޗެޓްޖީޕީޓީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއްގައި، މީހަކު ފަރުބަދައެއްގެ އެންމެ މަތީގައި.


ބަދުނަސީބެއް މެދުވެރިވެގެން ހިތާމަކުރަމުންދާ ކޮންމެ މީހަކަށް

ވަރުގަދަ މުއުމިނުން ބަލިކަށި މުއުމިނުންނަށްވުރެ ﷲ ގެ ހަޒުރަތުގައި ހެޔޮވެފައި ލޯބިވެތިކަން ބޮޑެވެ. އަދި ކޮންމެ މުއުމިނެއްގެ ކިބައިގައި ވެސް ހެޔޮކަންވެއެވެ. ކަލެޔަށް މަންފާކުރާ ކަންކަމަށް ރައްކާތެރިވާށެވެ. އަދި ﷲ ގެ ހަޒުރަތުން ވާގިވެރިކަމަށް އެދޭށެވެ! އަދި ނުކުޅެދުންތެރިނުވާށެވެ. ކަލެއަށް ދެރައެއް ލިބިއްޖެނަމަ ނުބުނާށެވެ؛ އަޅެ އަހަރެންނަށް އެހެން މިހެން ހެދުނު ނަމައެވެ. އެކަމަކު ބުނާށެވެ؛ ﷲ ކަނޑައެޅުއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވިހިނދުން އެކަމެއް ކުރައްވައެވެ. ފަހެ "ނަމަ" ޝައިޠާނާގެ އަމަލުތަކަށް ދޮރު ހުޅުވައެވެ.

ތިޔަ ވިދާޅުވީ އަބޫހުރައިރާގެފާނު މާތް ނަބިއްޔާގެ އަރިހުން ރިވާކުރައްވާފައިވާ އިތުރު އެކަލޭގެފާނުގެ ހަދީސް ބަސްފުޅެކެވެ. ކުރު ޖުމުލައިން އުންމަތަށް ދެއްވާފައިވާ މި ނަބަވީ އިރުޝާދުގައި ނަފުސާނީ ދުޅަހެޔޮކަމަށް ތަރުހީބުދީފައިވާ މިންވަރާއި އެކަން އޭގެ ޒާތުން އީމާންކަމާ ގުޅުވާފައިވާ ގޮތް މިއީ އަހަރެމެން އެކަމާމެދު ވިސްނާ ފިކުރުކޮށްލުން މުހިންމު މައުލޫއެކެވެ.

ޔަގީނެވެ. ކޮންމެ މުސްލިމަކަށް އަދި ކޮންމެ މުއުމިނަކަށް ހޯދައިގަނެވިދާނެ އެންމެ ބޮޑު ޝަރަފަކީ ﷲ ގެ ހަޒުރަތުގައި އެމީހަކީ އެންމެ ލޯބިވެތިކަން ބޮޑު މީހާކަމުގައި ވެވުމެވެ. އެމަގަށް މަސައްކަތްކުރުން މުހިންމުވެފައިވާ މުސްލިމުންނަށް މާތް ނަބިއްޔާ އަންގަވައިދެއްވަނީ، ބަލިކަށި މުއުމިނަކަށްވުރެ ވަރުގަދަ މުއުމިނެއް ﷲ ގެ ހަޒުރަތުގައި ހެޔޮކަން ބޮޑުވެގެންވާ ކަމަށެވެ.

މި ހަދީސް ބަސްފުޅުގައި، "މުއުމިން" މި ލަފުޒު ބޭނުންކުރައްވާފައި އޮތީ ވަކި ސަބަބެއް ވެގެންނެވެ. މުއުމިންގެ މާނައަކީ އީމާންވެގެން ހުންނަ މީހާއެވެ. އިލްމުވެރިން އެއްބަސްވާ ގޮތުގައި އީމާންކަމަކީ ދަށްވެ މަތިވާ އެއްޗެކެވެ. މަދުވެ ގިނަވެސް ވާ އެއްޗެކެވެ. އެހެން ނުވަނީ އިސްލާމްކަމަށެވެ. އެހެނީ އިސްލާމްކަމުން ބައެއް އުނިވީމާ ދީނުން ބޭރުވާތީއެވެ. މިބަސްފުޅުގައި މުއުމިނުގެ ލަފުޒު މިގޮތަށް ބޭނުންކޮށްފައި އޮތުމުން އެއިން އިލްމުވެރިން ނެރުއްވާ މާނައަކީ، ހަދީސްގައި އޮތް ވަރުގަދަކަން ގުޅެނީ އީމާންކަމުގެ ގޮތުން ވަރުގަދަވުމާކަމަށެވެ. ހަށިގަނޑުގެ ގޮތުން ވަރުގަދަވުމާ ނޫންކަމަށެވެ.

ޝައްކެތް ނެތެވެ. ހަށިގަނޑު ވަރުގަދަކުރުމަކީ ވެސް އިސްލާމްދީން ބާރުއަޅާފައިވާ ކަމެކެވެ. އަދި ދީނީގޮތުން ތަރުހީބުދެވޭ ކަމެކެވެ. އެހެންނަމަވެސް މި ހަދީސް ބަސްފުޅުގައި މިއޮތީ، ނަފްސާނީ ދުޅަހެޔޮކަމުގެ ގޮތުން ވަރުގަދަ މުއުމިނުން އެނޫން އަނެކާއަށްވުރެ ﷲ ގެ ހަޒުރަތުގައި ހެޔޮކަންބޮޑުވެގެންވާ ވާހަކައެވެ.

އީމާންކަމުގެ ގޮތުން ނުވަތަ ނަފްސާނީ ދުޅެހެޔޮކަމުގެ ގޮތުން ދަށް މީހާއަށް ހަދީސްގެ ފެށުމުން ގޮސް ނިމެންދެން ދެއްވާފައިވާ މި ނަބަވީ އިރުޝާދަކީ ނަފްސާނީ ތެރަޕީއެއްވެސްމެއެވެ. ވިދާޅުވާށެވެ. ހަދީސް ބަސްފުޅުގެ ފެށުމުގައި އަންގަވާފައި އެވަނީ އީމާންކަމުގެ ގޮތުން ވަރުގަދަ މީހާ އީމާންކަން ބަލިކަށި މީހާއަށްވުރެ ހެޔޮވެގެންވާކަމެވެ. މިއިން އެނގެނީ އީމާންކަމުގެ ގޮތުން ބަލިކަށި މީހާއަކީވެސް ﷲ ގެ ހަޒުރަތުގައި ހެޔޮވެގެންވާ ލޯބިވެތިވެގެންވާ މީހެއްކަމެވެ. އެހެންނޫންނަމަ އެގޮތަށް އަޅާކިއުމެއް ނުއޮތީހެވެ. އަދި ޖެހިގެން އައި ޖުމުލައިގައި އެކަން އިތުރަށް ކަށަވަރުކޮށްދެއްވައި މާތް ނަބިއްޔާ އަންގަވާފައިވަނީ، ކޮންމެ މުއުމިނެއްގެ ކިބައިގައިވެސް ހެޔޮކަންވާކަމުގައެވެ.

އެއަށްފަހު ހަދީސްކުރައްވަނީ، "ކަލެޔަށް މަންފާކުރާ ކަންކަމަށް ރައްކާތެރިވާށެވެ." އިލްމުވެރިން ވިދާޅުވާ ގޮތުގައި، މި ބަސްފުޅުގައި އިރުޝާދުލިބިފައި އެވަނީ، ތިމާއަށް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ލާބަޔާއި މަންފާހުރި ކޮންމެ ކަމެއް ހޯދައިގަތުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ. އަދި ދެ މަންފާއެއް ތައާރުޒުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެތަނުން ބޮޑަށް މަންފާކުރާނެ ކަމެއް އިސްކުރުމަށްވެސް މިބަސްފުޅުން މުރާދުލިބިގެންދާކަމުގައެވެ.

މިބަސްފުޅުގެ އިދިކޮޅުން މާނަވެވެނީ ދީނީގޮތުންނާއި ދުނިޔަވީ ގޮތުން މަންފާއެއް ނެތް ކަންކަމައިގެން ނޫޅުމަށެވެ. ވަރަށް ގިނަ ކަންކަމަކީ ދީނީ ގޮތުން މަންފާއެއް އޭގައި ނުވިޔަސް ދުނިޔަވީ ގޮތުން މަންފާއެއް ލިބިދާނެ ކަންކަމެވެ. އެހެންނަމަވެސް ދުނިޔަވީ ގޮތުންވެސް މަންފާއެއް ނެތް ކަންކަމާ އުޅުމުގެ މާނައެއް ނެތެއްނުންތޯއެވެ. އެއީ ކޮން ބާވަތެއްގެ ކަންތައްތަކެއްތޯ ވިސްނާއިރު، ހަދީސްއިން އިޝާރާތްކުރަނީ، މާޒީގައި ހިނގާފައިވާ ކަމަކަށް ހާސްވެ ކަންބޮޑުވެ މިހެންވިނަމައޭ އެހެންވި ނަމައޭ ހިތަހިތާ އިނުން ފަދަ ބޭކާރު ވިސްނުންތަކަށް ސިކުނޑި ހުޅުވާނުލުންކަން ހަދީސްގެ ފަހަތު ބައިން އެނގިގެންދެއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ބޭކާރު ތާކުންތާކު ނުޖެހޭ ހިޔާލުތައް ނުކުރާށެވެ. މިގޮތަށް ހަދީސްކުރެއްވުމުގެ ބަދަލުގައި، "ކަލެޔަށް މަންފާކުރާ ކަންކަމަށް ރައްކާތެރިވާށެވެ." މިގޮތަށް ބަޔާންކުރެއްވީ ވެސް ސަބަބުތަކަށްޓަކައެވެ. އެއް ސަބަބަކީ، މި ހަދީސުން ނަފްސާނީ ބަލިކަށިކަން ހުރި މީހުންނާ ވެސް މުހާތަބުވެވޭއިރު، އެފަދަ ފަރާތްތަކާ މުހާތަބުކުރުމުގައި މި އުސްލޫބަކީ މާ އެދެވޭ ގޮތަކަށްވާތީއެވެ. "ބޭކާރު ހިޔާލުތައް ނުކުރާށެވެ." ބުނުން ފަދަ ޖުމުލަ ތަކަކީ ބައެއް ފަހަރަށް ނަފްސާނީ ބައްޔެއް ތަހައްމަލުކުރާ މީހަކަށް ދެވޭ އިތުރު އަނިޔާއެކެވެ. އެކަމަކު ހަދީސްގައި އެވާ ގޮތަށް "ކަލެޔަށް މަންފާކުރާ ކަންކަމަށް ރައްކާތެރިވާށެވެ." މިގޮތަށް ނަސޭހަތްތެރިވުމުން، އެފަދަ މީހުންގެ އިހުސާސްތަކަށް އިހުތިރާމުކުރުމާއެކު ނަފްސާނީ ދުޅަހެޔޮކަމަށް މަގުދައްކައިދެވެއެވެ.

އެއަށްފަހު ދެން އެ އަންގަވަނީ، ﷲ ގެ ހަޒުރަތުން ވާގިވެރިކަމަށް އެދުމަށާއި އެއްވެސް މުސީބާތެއްގެ ކުރިމަތީގައި ނުކުޅެދުންތެރިނުވުމަށެވެ. ﷲ ގެ ހަޒުރަތުން ވާތްގަށް އެދެންވީ ގޮތުގެ ފުރިހަމަ މިސާލު މި ހަދީސް ބަސްފުޅުގައި ބަޔާންވެފައި އެބަވެއެވެ. އެންމެ މުހިންމު ކަމަކީ، ބަދުނަސީބެއް ދިމާވެއްޖެނަމަ، އެކަމެއް މާޒީކަމުގައިވުމަށްފަހު، އެކަމުގެ މައްޗަށް ހިތާމަކޮށް ނަފުސު ކުށްވެރިކުރުމުގެ ބަދަލުގައި މާތް ﷲ މިންވަރުފުޅަށް އެކަމެއް ދޫކޮށްލުމެވެ. އާދޭހެވެ! އަމިއްލަ ނަފްސުކުށްވެރިކޮށް އެހެންވިނަމައޭ މިހެން ހެދުނު ނަމައޭ ފަދަ ހިޔާލުތަކާ ފުރަތަމައިނުންވެސް އެކީއެކަށް ދުރުވެގަތުމެވެ.

މިހެން ބުނުމުން ފަހަރުގައި މީހަކު ހިތާފާނެއެވެ. ކޮންމެ ފަދަ ނުބައި ނަތީޖާއެއް ނުކުމެދާނެ ކޮންމެ ކަހަލަ ކަމެއް ކޮށްފައިވެސް އެކަމެއް ގެ ނަތީޖާ ފެނުމުން، މާތް ﷲ ގެ ޤަޟާޤަދަރާ އެކަން މަތިކޮށް އެކަމުން ރެކިގަންނަ ވާހަކަތޯއެވެ؟ އެހެންނަކުން ނޫނެވެ. އެކަމަކު މާޒީ ބަދަލެއް ނުކުރެވޭނެއެވެ. އަދި އިއާދައެއް ވެސް ނުކުރެވޭނެއެވެ. ވީކަމެއް ވެ ނިމުނީއެވެ. އަމިއްލަ ނަފުސު ކުށްވެރި ނުކުރާށެވެ. ނަމަވުމުގައި ދުވަސްތައް ހޭދަނުކުރާށެވެ. ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުކަމުގައި ބުނާށެވެ. އެކަމަކު އެހާ ހިސާބުން ނިމުނީއެއް ނޫނެވެ.

މާޒީގައި އެކަން އެހެންވީ ﷲ ގެ އިރާދަފުޅާ މިންވަރުފުޅުންކަމަށް ބުނުމުގެ ހަގީގީ ބޭނުމަކީ މުސްތަގުބަލަށް ދެވޭ ފޮނި އުންމީދުގެ ހުޅުކޮޅު ރޯކުރުމެވެ. މާޒީގައި އެހެންވީ މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުންކަމަށްވާނަމަ، ހަމަ އެ އިރާދަފުޅާއި މިންވަރުފުޅުން، މުސްތަގުބަލު މާ އުޖާލާ ކުރެވިދާނެ ކަމުގެ އުންމީދީ ތަސައްލީ ހޯދައިގަތުމެވެ. އާދޭހެވެ! ﷲ ގެ ހަޒުރަތުން ވާގިވެރިކަމަށް އެދޭށެވެ. އަދި ނުކުޅެދުންތެރިނުވާށެވެ.

މާތް ނަބިއްޔާ އުންމަތަށް ދެއްވާފައިވާ މި ތަފާތު އިރުޝާދުގެ ބަސްފުޅުގައި ހަދީސްކުރައްވާފަދައެވެ. ނަފްސާނީގޮތުން ވަރުގަދަ މުއުމިނެއް ﷲ ގެ ހަޒުރަތުގައި ބޮޑަށް ހެޔޮވެފައި މަތިވެރިވިޔަސް، ކަލޭވެސް ތިޔައީ ހެޔޮވެގެންވާ މުއުމިނެކެވެ. އެހެނީ ކަލެޔަކީ ވެސް މުއުމިނަކަށްވާކަމަށްޓަކައެވެ. އެހެންވީމާ ކަލެޔަކީ ވެސް ހެޔޮ މީހެކެވެ. ވަކި ދެރަ މީހެއް ކަޑަ މީހެއްވެސް ނޫނެވެ. އެހެންވީމާ ކަލެޔަށް މަންފާކުރާ ކަންކަމަށް ބޮޑަށް ރައްކާތެރިވާށެވެ.

މަންފާއެއް ނުކުރާ ކަންކަން ދޫކޮށްލާށެވެ. އެއީ ހިޔާލެއްވިޔަސް ބުނާ ބަހެއް ވިޔަސް ކުރާ ކަމެއް ވިޔަސްމެއެވެ. މަންފާއެއް ނެތިއްޔާ އެކަމެއް ކުރާނެކަމެއް ނެތެވެ. މަންފާ ކުރާ ކަންކަމުގެ ތެރެއިންވެސް ބޮޑަށް މަންފާކުރާ ކަންކަމަށް އިސްކަންދޭށެވެ. އަދި މި ނަފްސާނީ ދުޅަހެޔޮކަން ހޯދައިގަތުމަށް ﷲ ގެ ހަޒުރަތުން ވާގިވެރިކަމަށް އެދޭށެވެ! އަމިއްލަ ނަފުސުކުށްވެރިކުރުމުގެ ބަދަލުގައި އެކަލާނގެ މިންވަރުފުޅާއި އިރާދަފުޅު، ނަފުސުކުށްވެރިކުރުމަށްވުރެ މަތިވެރިވެފައި އެ މިންވަރުފުޅުގެ ދީލަތިކަން ހީކުރާވަރަށްވުރެ ބޮޑުކަން ހަނދާނަށް ގެންނާށެވެ. ނަމަވުމާއި ނަމަކިޔުމުގައި ހިޔާލުގެ ވާފަށްތައް މޮހާނުލާށެވެ!