Advertisement

ފައިސާ ޗާޕު ކުރުމަކީ އެތައް ގޮތަކުން ބަލާއިރު ބޮޑު ކުށެއް، މުއިއްޒު ހިފާފައި ހުރި ނުރައްކާތެރި މިސްރާބާމެދު ވިސްނަންޖެހޭ: ޖަމީލް

މީގެ ކުރިން ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ޖަމީލް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ފައިސާ ޗާޕު ކުރުމަކީ އެތައް ގޮތަކުން ބަލާއިރު ބޮޑު ކުށެއް، މުއިއްޒު ހިފާފައި ހުރި ނުރައްކާތެރި މިސްރާބާމެދު ވިސްނަންޖެހޭ: ޖަމީލް

ފައިސާ ޗާޕު ނުކުރާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު، ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ އެތައް ގޮތަކުން ބަލާއިރު ވެސް ކުށެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިސްރާބު ހިފާފައިހުރި ނުރައްކަލާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުގެ ސިޔާސަތުތައް ގޯސްކަމާއި އެއްވެސް މިސްރާބެއް ނެތްކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި، އެމަނިކުފާނުގެ ބަހާއި އަމަލާ އެއްގޮތަކަށް ވެސް ދިމާނުވާކަން މިއަދު ހާމަވެފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"2.4 ބިލިއަން ރުފިޔާ ޗާޕުކުރީ އެކަން ނުކުރާނެކަމަށް ހަރުއަޑުން ވިދާޅުވި މުއިއްޒު. އެއްވެސް ބޮޑު، ކުޑަ ވައުދެއް ހިފެހެއްޓިފައެއް ނުވޭ. މިއަދު ޕެންޝަން އޮފީހުގައި ތިއްބެވި ހަރުދަނާ އަދި އުސޫލު ހިފަހައްޓަވާ ބޭފުޅުން އިހުތިޖާޖުކޮށް އިސްތިއުފާ ދެއްވުމަކީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭކަމަށް،" ޖަމީލުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެތައް ބިލިއަން ރުފިއާއެއް ޗާޕު ކޮށްފައި ވެރިއަކު ރައްޔިތުން މަގުމަތި ކޮށްލުމަކީ ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަ ކުރައްވައި ޖަމީލު ވިދާޅުވީ އެއީ ބޮޑު ކުށެއް ކަމަށެވެ.

"ވިސްނަންވީ ރައްޔިތުން. ވިސްނަންވީ މުއިއްޒުގެ އިހުލާސްތެރިކަމެއް ނެތް މިންވަރު، ވިސްނަންވީ މުއިއްޒު ހިފާފައި ހުރި ނުރައްކާތެރި މިސްރާބާމެދު،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ އެ ނިންމުމާ ގުޅިގެން އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ. ސުޖާތާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.

ސުޖާތާ އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.

ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނީ، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.

ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.

ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެ އެވެ.