about 1 hour 0
about 1 hour 0
މެދުއިރުމަތީގައި ކުރިއަށްދާ ބޮޑު ހަނގުރާމައަށް ބެލުމެއްނެތި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ވެސް އިތުރު ކުރާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 142 މުވައްޒަފުން ނަގަން އިއުލާނު ކުރުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަނީ ގައުމަށް ހިޔާނާތްތެރިވާ މަންޒަރު ކަމަށެވެ.
"މިފެންނަނީ މިނާޒުކު ދަނޑިވަޅުގައި ވެސް ގައުމާމެދު ހިޔާނާތްތެރިވާ ތަން،" ޖަމީލް ވިދާޅުވެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާއިން ފެބްރުއަރީ 28، ގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލި އެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 100 ޑޮލަރުން މަތީގަ އެވެ.
އެއާއެކު، ޔޫރޮޕު ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު، ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރަކުން އަދި ނާޅަ އެވެ. އޭގެ ބަދަލުގައި މިފަހަރުގެ ކުޑަ އީދު ވެސް އިންތިހާ ހަރަދުބޮޑުކޮށް ފާހަގަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ސަރުކާރުގެ އެކި ކުންފުނިތަކަށް މުވައްޒަފުން ނަގާ އަދަދު ވެސް މިފަހުން ވަނީ އިތުރުވެފަ އެވެ. މުވައްޒަފުން އިތުރު ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބު ގާތްވުމުންނެވެ. އެ އިންތިހާބު ބާއްވަނީ އޭޕްރީލް 4، ގަ އެވެ.
އޭގެ އިތުރުން ޖަމީލް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މީހުން ވެސް ތާއީދު ކުރަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކަށް ނޫން ކަމަށެވެ. ސަރުކާރަށް ބަޔަކު ތާއީދު ކުރަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"މުއިއްޒު ހަރަދު ކުޑަކުރާ ގޮތް މިފެންނަނީ! މިވާހަކަތަކަށް ނޫން ތާއީދުކުރާ ބަޔަކު އެކުރަނީ. އެއީ މުޅިން އެހެން މަސްލަހަތުތަކެއް ހިމާޔަތް ކުރަން،" ޖަމީލް ވިދާޅުވި އެވެ.
އެންމެން އެކުވެރިވެ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ނޫނެކޭ ބުނަން އިލްތިމާސްކުރަން. މުއިއްޒު އަމާޒު ހިފާފަ ހުރީ ގައުމު ފުނޑާލަވެސް ބާރުތައް ޖަމާކޮށް ވެރިކަމުގައި ދެމިހުންނަން!
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment