Advertisement

ދީނާ އެއްގޮތަށް ކުރިއަށްދާ ސަރުކާރެކޭ ބުނަނީ ވަޒީފާގެ ބިރުވެރިކަމުގައި: ޖަމީލު

ޑރ. މުހައްމަދު ޖަމީލު އަހްމަދު: މި ސަރުކާރަކީ ދީނާ އެއްގޮތަށް ކުރިޔަށްދާ ސަރުކާރެކޭ ބުނަނީ ވަޒީފާގެ ބިރުވެކަމުގައި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު


ދީނާ އެއްގޮތަށް ކުރިއަށްދާ ސަރުކާރެކޭ ބުނަނީ ވަޒީފާގެ ބިރުވެރިކަމުގައި: ޖަމީލު

މި ސަރުކާރަކީ އިސްލާމް ދީނާ އެއްގޮތަށް ކުރިއަށްގެންދާ ސަރުކާރެއް ކަމަށް ބުނަނީ ވަޒީފާގެ ބިރުވެރިކަމުގައި އެކަނި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒު ވެރިކަން ކުރައްވާ ގޮތުން މި ވެރިކަމަކީ އިސްމާލް ދީނާ އެއްގޮތަށް ކުރިއަށްގެންދާ ސަރުކާރެއް ކަމަށް ބުނަނީ ވަޒީފާދެކެ ބިރުން ކަމަށެވެ.

"ވެރިކަމުގެ މަސްއޫލިއްޔަތާ، ގަވަނަންސުގެ ޒިއްމާޔާ، ބައިތުލް މާލު ބޭނުންކުރާގޮތާ، އަދި ބަހާ އަމަލާ ދިމާކުރުން ހިމެނޭ. މިގޮތަށް ބަލާއިރު މުއިއްޒުގެ ވެރިކަމަކީ އިސްލާމް ދީނާ އެއްގޮތަށް ކުރިޔަށްދާ ސަރުކާރެކޭ ބުނާނީ ވަޒީފާގެ ބިރުވެކަމުގައި އެކަނި،" އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިއީ ދީނާ އެއްގޮތަށް ކުރިއަށްދާ ސަރުކާރެއް ކަމަށް ވިދާޅުވާ ބޭފުޅުން މުއިއްޒުގެ ހަގީގަތް އެނގިތިބެ ވަޒީފާއަށްޓަކައި އިލްމު ފޮރުވާ މީހުންގެ ތެރޭގައި ހިމެނުމަކީ ދެ ދުނިޔޭގެ ހިތާމަޔަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށެވެ.

މިއަދު ސަރުކާރުގެ ދީނީ ކަންކަން އަދި އިގްތިސާދު ވެސް ރަނގަޅު ކަމަށް ވިދާޅުވާ ބޭފުޅުން ހުއްދަކުރަނީ މި ސަރުކާރުން ކުރަމުންދާ ނުބައި ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމުގައި އިގްތިސާދީ، ދީނީ އަދި އިޖުތިމާއީ ގޮތުން ވެސް ރާއްޖެ ކުރިއަށްދާ މިސްރާބު ރަނގަޅު ކަމަށް ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެވެ.

އިސްލާމިކް މިނިސްޓަރު އެހެން ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ބިލިއަނުން ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި އަހަރުގެ މެދު ތެރޭގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ބޮޑު ބޭރު ދަރަންޏެއް ވެސް ދައްކަންޖެހެ އެވެ.