އައިލީންގެ ދެލޯ މެރިގެން ދިޔުމާއެކު ނަދާލްއަށް ހީވީ އޭނާގެ ފުރާނަވެސް ހަށިގަނޑާ ވަކިވެގެން ދިޔަހެނެވެ. ކޮށި ދައްޗަކުން މޭގައި އަޅުވައި އޭނާގެ ހިތް ހަށިގަނޑާ ވަކިކޮށްލި ނަމަވެސް އެވަރުގެ ވޭނެއް އިހުސާސް ކުރެވޭނެކަމާމެދު އޭނާއަށް ޝައްކެވެ. "މަންމާ! މައި! ހެލްޕް!" އައިލީންގެ މޫނު އިތުރަށް މޭގެ ތެރޭގައި ފޮރުވައިލަމުން އޭނާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ.
ނުސްރާއާއި މައިރާއަށް އެތަނަށް އާދެވުނީ އެކުއެކީގަ އެވެ. ހަބަރު ހުސްވެފައިވާ އައިލީންގެ ހަށިގަނޑު މެޔާލައި ބޮނޑިކޮށްލައިގެން އިނދެ ތުރުތުރު އަޅަމުންދިޔަ ނަދާލް ފެނުމާއެކު ދެ މީހުންގެ ލޯވެސް ފެންކަޅި ވެގެންދިޔަ އެވެ. އެމީހުންގެ ފަހަތުން އެތަނަށް އައިސް ހުއްޓިލި މާޖިދުގެ ހިތަށްވެސް އަސަރުކުރި އެވެ.
"ނެޑް.. ނެޑް ދޫކޮށްބަލަ" ކަފައިގެން ގޮސްފައިވާ އައިލީންގެ އަތްތިލަ ފެނުމާއެކު މައިރާ ބެލީ ނަދާލް އެތަނުން ދުރުކުރެވޭތޯ އެވެ. ނަމަވެސް ނަދާލް އިހުނަށްވުރެ ބާރަށް އައިލީންގެ ގައިގައި ބައްދައިލަމުން ބޯ ހޫރައިލި އެވެ. ދެލޯ މަރައި ތަގުޅިކޮށްލައިގެން އިނީ އައިލީންގެ ދެލޯ ނުހުޅުވަނީސް ދެލޯވެސް ނުހުޅުވާން ހިތުލައިގެން ކަހަލަ އެވެ. އޭރުވެސް މެރިފައިވާ ނަދާލްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އައިލީންގެ އިސްތަށިގަނޑުގެ ތެރެއަށް ހިނދެމުންދިޔަ އެވެ.
"ސުބްހާނައްﷲ.. ނަދާލް... މާޖިދޫ ހޮސްޕިޓަލަށް ގުޅާބަލަ. މަގޭ ދަރި. ލީން.. ލީން" ނުސްރާ ލަސްނުކޮށް އަމިއްލަ ބޮލުގައި އަޅާފައި އޮތް ކުޑަ ބުރުގާ ދަމައިގަންނަމުން އައިލީންގެ އަތުގައި އެ އައްސައި ލޭ މަނާކޮށްލި އެވެ.
"ނެޑް.. ދުރަށް ޖެހިބަލަ. ލެޓް ހަރ ބްރީތް ނެޑް!" މައިރާ ގަދަކަމުން ނަދާލް އައިލީންއާ ދުރުކުރުވި އެވެ.
"އެބަ.. އެބަ ކައިރިކުރޭ އެމްބިއުލާންސް" މާޖިދު ހާސްވެފައިހުރެ އެތަނުން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލި އެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ގޮސް ނަދާލްމެން ތިބި ދިމާލަށް ތިރިވެލި އެވެ.
"ނަދާލް ދަރިފުޅާ" މާޖިދު އެގޮތަށް ނަދާލްއަށް އެ ގޮވައިލީ މަހެއްހާ ދުވަސް ފަހުންނެވެ.
ނަދާލްއަށް ސިހިފައި ދެލޯ ހުޅުވައިލެވުނެވެ. ކުރިން ނުލިބުނު ހިތްވަރެއް ހަމަ ކުއްލިއަކަށް ލިބުނުކަހަލަ އެވެ. ދެލޯ ފޮހެލުމަށްފަހު އައިލީންގެ ހަށިގަނޑު އަތްދަނޑިމައްޗަށް ހިއްލައިލަމުން ދޮރުން ނުކުތެވެ. އޭނާއާއެކު މައިރާވެސް ދިޔަ އެވެ.
"މާޖިދު.. ލީންއަށް ކަމެއްވިއްޔާ އަހަރުމެންގެ ނަދާލް.. އެ ފަކީރު.." ނުސްރާ ގިސްލަމުންގޮސް ކައިރީގައިހުރި މާޖިދުގެ ގައިގައި ބައްދައިލި އެވެ.
އެމްބިއުލާންސަށް އެރުމާއެކު އައިލީންއަށް އަވަސްފަރުވާ ދެވެން ފެށުނެވެ. އޭރު އައިލީންގެ ފައިތިލައިގައި ހިފަހައްޓައިލައިގެން އިން ނަދާލްއަށް އިނދެވުނީ ނޭވާ ހިފަހައްޓައިލައިގެނެވެ. މައިރާ ހިތްވަރުދިނުމުގެ އަތެއް ނަދާލްގެ ކޮނޑުގައި ބާއްވައިލައިގެން އިނދެ ހުއްޓުމެއްނެތި އިވާންއަށް ފޯނު ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ.
"ޕިސް.. އިވާން.. ފޯނު ނަގާބަލަ" މައިރާ ހިތާހިތުން ކިޔަމުންދިޔަ އެވެ. އިވާންއަށް ގުޅޭވަރުވީ އައިލީން ހޮސްޕިޓަލަށް ވައްދައި ފަރުވާ ދެވެންފެށި ފަހުންނެވެ.
"އިވާން ކިހިނެއް ވެގެންތަ ތި އުޅެނީ؟ އަހަރެންދެކެ ކިތަންމެ ހިތްހަމަނުޖެހިފަ ހުއްޓަސް ފޯނު ނަގަންވާނެ ދޯ؟ ކަމަކާނުލާ މިވަރަކަށް ނުގުޅާނެއެއްނު؟" ނަދާލްއާ ދުރަށް ޖެހިލަމުން އިވާންއާ ވާހަކަދެއްކި މައިރާގެ އަޑުގައިވަނީ ހާސްކަމެވެ.
"މިރޭ ފުރަންޖެހޭތީ ފިހާރައަށް ގޮސްލާފަ އައިސް ފެންވަރާލައިގެން މި ނުކުތީ" އިވާންގެ އަޑުގައިވަނީ އެހެންޏާވެސް ހުންނަފަދަ މަޑުމައިތިރި ކަމެކެވެ. މައިރާއަށް ދެލޯ މަރައިލެވުނީ އިވާންއަށް އެ ހަބަރުދޭނެ ގޮތަކާ ދޭތެރޭ ވިސްނަމުންނެވެ. އެ ރަށުގައި ހޭދަވި މަދު ދުވަސްކޮޅު، އިވާންއާއި އައިލީންގެ ދެމެދުގައި އޮތް ބަދަހި ގުޅުން އެންމެ ގާތުން ދުށް މީހަކީ އޭނާ އެވެ.
"ކިހިނެއްތަ ވީ؟" އިވާންގެ އަޑަށް މައިރާ ފުން ނޭވާއެއް ދޫކޮށްލި އެވެ.
"އިވާން.. ލީން.. ޝީ ޓްރައިޑް ޓު.." މައިރާ ކުރުގޮތަކަށް ހިނގައިދިޔަ ކަންތައް ކިޔައިދިން ހިނދު އިވާން ހުއްޓުންއެރި އެވެ. އަތުގެ އުޅަނބޮށްޓާ ހަމައަށް ލައްވާލެވިފައިވާ ޓީޝާޓާއެކު ދެއަތް ތިރިކޮށްލެވުނުއިރު ކަންފަތާއި ކޮނޑާ ދެމެދު ހިފަހައްޓައިލައިގެންހުރި ފޯނު ވެއްޓުނީ ބިންމައްޗަށެވެ.
މައިރާގެ ދެބުމަ ގޮށްޖެހުނެވެ. ދެފަހަރަކު އިވާންއަށް ގޮވައިލުމުންވެސް ވަކި ރައްދެއް ނުލިބުމުން އިވާންއަށް ވީގޮތާމެދު ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް ފިޔަވަޅު އަޅައިލެވުނީ ހޮސްޕިޓަލުގެ ދޮރާ ދިމާލަށެވެ. ހިތް އެދެމުންދިޔައީ ވީހާވެސް އަވަހަށް އިވާންގާތަށް ދިޔުމަށެވެ. އެހެނަސް އޭނާ އެ ފިޔަވަޅުގެ މަތީގައި ހުއްޓިލަމުން ފަހަތަށް ބަލައިލި އެވެ. ބޮލުގެ ފުށްކިބައާ ދިމާލުން ދެއަތުގެ އިނގިލިތައް ގުޅުވާލައިގެންހުރެ އަވަސްފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ކުރުކާލި ކަނޑަމުންދިޔަ ނަދާލްފެނި ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވި އެވެ. ކޮޓަރިން ނުކުތް ނަރުސްކުއްޖާ ފެނުމާއެކު މައިރާ ދުއްވައިގަތީ އެ ދިމާލަށެވެ.
"ސިސްޓަރ.." ނަދާލް ކުރަކިވެފައިވާ އަޑަކުން އެދުނީ ޖަވާބަކަށެވެ.
"ޑޮކްޓަރު އަންގަނީ މާ ގިނައިން ލޭ ބޭރުވެފަ ހުރީމައާއެކު ޕޭޝަންޓްގެ ކަންޑިޝަން ވަރަށް ކްރިޓިކަލް ކަމަށް. އެންމެ އަވަސްވާނެ ގޮތަކީ ބްލަޑް ބޭންކުން ލޭ ގެނެސްގެން އެޅުން. އެކަމަކު މިވަގުތު ލޭ ލިބެން ހުރި ދަތިތަކާއެކު ފަހުން ނަމަވެސް ޑޯނަރެއް-"
"ވާން އޮތް ގޮތަކަށް ކުރިއަށް ގެންދޭ.. ވީ ވިލް އެރޭންޖް އަ ޑޯނަރ.." ނަދާލް ހުރީ ވާހަކަދެއްކޭނެ ހާލަތެއްގައި ނޫންކަން ނަގައިގަންނަމުން މައިރާ ބުނެލި އެވެ. އެ ނަރުސްކުއްޖާ އެތެރެއަށް ވަނުމުން ނަދާލް އަނެއްކާވެސް ދެފައި އެއްތާ ނުޖަހައި ހިނގަން ފެށްޓެވެ. އޭނާގެ ދެއަތުން ބޮލުގެ އިސްތަށިތައް ލުހެލަން މަސައްކަތްކުރާ ކަހަލަ އެވެ.
"ނެޑް.. ނެޑް.. ކާމް ޑައުން.. ޕްލީޒް" އެންމެފަހުން މައިރާއަށް ކެތްނުވެގެންގޮސް ނަދާލްގެ އަތުގައި ހިފެހެއްޓި އެވެ. ނަދާލް އެ އަތް ފޮޅައިލުމަށްފަހު ދުރަށް ހިނގައިގަތް ނަމަވެސް ދެތިން ފިޔަވަޅު ކުރިއަށް ނުދެވެނީސް އޭނާއަށް ކައިރީގައިހުރި ފާރުގައި ބުރަކަށި ކާތަމުން ކަހަލަ ގޮތަކަށް އޭނާއަށް ބިންމަތީގައި އިށީނދެލެވުނެވެ.
"ނެޑް ނޯ.. ބަލާބަ އެހެރީ އެކޮޅުގަ ގޮނޑިތައް. އެ ދިމާލަށް ދާން ހިނގާ ދޯ؟" މައިރާ މަސައްކަތްކުރީ ނަދާލް މަސަލަސް ކުރެވޭތޯ އެވެ. އޭރު އެދިމާލުގައި ހިނގާބިނގާވެ އުޅުނު ބައެއް މީހުންގެ ހަމްދަރުދީގެ ލޯތައް އެމީހުންނާ އަމާޒު ވަމުންދިޔަ އެވެ.
"ނޫނެކޭ މައި!" ނަދާލް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބެހެއްޓި އެވެ. "މައި.. މައިއަށް އިވުނުތަ؟ ކްރިޓިކަލްއޯ ބުނީ.. ޕްލީޒް.. ޕްލީޒް ސޭވް ހަރ. އިޓް.. އިޓްސް އޯލް މައި ފޯލްޓް. އައި.." ނަދާލްއަކަށް އޭނާގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއްނުވި އެވެ. މައިޝާންގާތުން އައިލީން މިނިވަން ކޮށްގެން ހޮސްޕިޓަލަށް ގެނެވުނުރޭ އެކުރެވުނު ފަދަ ބިރުވެރި އިހުސާސެއް ދެން ދުވަހަކުވެސް ނުކުރެވޭނެއޭ ހީވުމަކީ އެރޭ އޭނާއަށް ކުރެވުނު ކުށްހީއެއްތާ އެވެ؟ މިއަދު އޭނާގެ ހިތުގައިވާ ބިރު އެ ވަނީ އެރެއަށްވުރެ ދެގުނަވެފަ އެވެ. ކުއްލިއަކަށް ނަދާލް އިންތަނުން ތެދުވެ ދުރަށް ހިނގައިގަތީ މައިރާއަށްވެސް ސިހުމެއްދީފަ އެވެ.
"ނެޑް؟ ނެޑް ކޮންތާކަށް؟" ނަދާލްގެ އަތުގައި ހިފަހައްޓަމުން މައިރާ އަހައިލި އެވެ.
"މައި އަހަ.. އަހަރެން ބޭނުމެއް ނޫނޭ މިތާ ހުންނާކަށް. މައިއަކަށް ނޭނގޭނެ.. ހަޔާތުގަވެސް އައިލީންއާއެކު ނޫން ގޮތަކަށް އެންމެ ދެފަހަރު އަހަރެން ހޮސްޕިޓަލަކަށް ވަނީ.. ފުރަތަމަ ފަހަރު މަންމަ. ދެން ކާފަ. ދެފަހަރުވެސް ކަފުނުގަ.. އައިލީންއާއެކު އެއްފަހަރު މިތަނުން ނުކުމެވިއްޖެ.. ވަޓް އަރ ދަ ޗާންސަސް މައި.. މިއީ ހުސް އަހަރެންގެ ސުންޕާކަން.. އައި ކާންޓް.." ނަދާލް ދެފަރާތަށް ބޯ ހޫރަން ފެށުމާއެކު މައިރާ ދަތްކުނޑި ވިކައިލަމުން ނަދާލްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެއްސެވެ.
"އެއްވެސް ތާކަށް ނުދެވޭނެ. ހަމަ މިހާރު މިތާ އިށީނދޭ! ލީން މަރާ ހަނގުރާމަ ކުރަމުންދާ ވަގުތެއްގަ ނެޑްއަށް ވިސްނަން އެނގެނީ ތިހާ ނެގެޓިވްކޮށްތަ؟ ތިއީތަ ނެޑް ލީންދެކެ ތި ވާ ލޯތްބަކީ؟ ގޯޝް ވަޓް އޭމް އައި އިވަން ގޮނަ ޑޫ ވިތް ޔޫ؟ އިށީނދެ މިތާ!" މައިރާގެ މަސައްކަތުން ކައިރީގައިހުރި ގޮނޑިބަރިއަކާ ހަމައަށް ނަދާލް ގެންދެވޭވަރު ވިއެވެ.
ނަދާލްއަށް އަނެއްކާވެސް މޫނުގައި އަތް އަޅައިލެވުނީ އިތުރަށް އޭނާގެ ކަރުނަތައް ހިފެހެއްޓުން ވަނީ ނާދިރު ކަމަކަށް ވެގެނެވެ. މައިރާއަސް ނޭނގުނަސް ހޮސްޕިޓަލުތަކާ ގުޅިފައިވާ ހިތި ހަނދާންތަކުން އޭނާގެ ސިކުނޑި ކަމުންދިޔައީ ކެތްނުވާ މިންވަރަށެވެ. މާގިނައިރެއް ނުވެ އިވާންވެސް ދުވެފައި އެތަނަށް އަތުވެއްޖެ އެވެ. ނަދާލްއަށް އެކަންވެސް ރޭކައިލީ އިވާންގޮސް އެމީހުންގާތު ހުއްޓިލުމަށްފަހު އައިލީން ކޮބާތޯ ސުވާލު ކުރުމުންނެވެ.
"އައި ހޭވް ބީން ކޯލިންގް ޔޫ. ކޮބާ ލީން؟" އިވާން ވާހަކަދެއްކީ މައިރާއާ އެވެ. އެއާއެކު ނަދާލް ކުޑަކުޑަކޮށް އިސް އުފުލާލައި، ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލުން މައިރާއަށް ބަލައިލި އެވެ.
"އަހަރެން އިވާންއަށް ގުޅީ.. އެބަ އަންނަން އެނގޭ؟" މައިރާ އިވާން ގޮވައިގެން ދުރަށް ހިނގައިގަތެވެ. "ލީން އެތެރޭގަ.. އަދި ވަރަށް ކްރިޓިކަލް. ބްލަޑް ބޭންކުން ލޭ ހަމަޖެހިއްޖެ އެކަމަކު ފަހުންވިޔަސް ޑޯނަރެއް-"
"އަހަރެން ތިކަން ހަމަޖައްސާނަން. އަހަރެންނާ ލީންއާ މެޗްވާނެ. މިވަގުތު މުހިއްމީ ލީން" އިވާން ކައިރީގައިހުރި ފާރަށް ލެގިލަމުން އަވަސްވެފައިވާ ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ.
"ހްމްމް. ޔޫ އޯކޭ؟" އިވާންގެ ކޮނޑުގައި އަތް ޖަހައިލަމުން މައިރާ ސުވާލުކުރި އެވެ.
"ޔަ.. ޔާ.. އިންޝާﷲ ދެރަގޮތެއް ނުވާނެ" އިވާން އަވަސްއަވަހަށް ބޯ ޖަހައިލި އެވެ. ކިތަންމެ ފައްސިކޮށް ވިސްނަން މަސައްކަތްކުރި ކަމުގައިވިޔަސް އޭނާގެ ހިތްވެސް ދިޔައީ އައިލީންއާމެދު ބިރުގަންނަމުންނެވެ. "އާރ ޔޫ އޯކޭ؟" އޭނާ މައިރާގާތު އަހައިލި އެވެ.
"ތި އެންމެން އޯކޭ ވަނިކޮށް އަހަރެންވެސް އޯކޭ ވެދާނެ" މައިރާ މާޔޫސްވެފައިހުރެ ބަލައިލީ ގޮނޑިބަރީގައި އިށީނދެލައިގެން އިން ނަދާލްއަށެވެ. މައިރާއެކޭ އެއްފަދައިން އިވާންގެ ލޯވެސް އެދިމާލަށް ދަތުރުކޮށްލި އެވެ.
"އެނގޭތަ؟ އަހަރެންނަށް ދުވަހަކުވެސް ފެނުނު ނެޑްއެއް ނޫން މިއީ.. ނެޑްގެ އެންމެ ވޯރސްޓްގަވެސް އަހަރެންނަށް ނެޑް ފެނިފަ ހުންނާނީ. ޔަތީމެއްގެ ގޮތުގަ ގެއަށް ގެނެވުނު ދުވަހުވެސް. ކާފަ ނިޔާވި ދުވަހުވެސް.. އެކަމަކު.. އިޓް ހޭޒް ނެވަރ ބީން ދިސް ބޭޑް.. މިއަދު ފުރަތަމަ ލީންގެ ގައިން ދޫވެސް ނުކުރި.." މައިރާ ކޮންމެވެސް ވަރަކަށް ނަދާލްގެ ހާލަތު އިވާންއަށް ކިޔައިދިނެވެ.
"އަހަރެން ވާހަކަ ދައްކާލަންތަ؟" އިވާންގެ ހިތުގައިވެސް ނަދާލްއާމެދު ހަމްދަރުދީ އުފެދުނެވެ.
މައިރާގެ އިޒުނައާއެކު އިވާންގޮސް ނަދާލްއާ ޖެހިގެންހުރި ގޮނޑީގައި އިށީނދެލަމުން ނަދާލްގެ ކޮނޑުގައި ހިތްވަރުގެ އަތެއް ބާއްވައިލި އެވެ. ނަދާލް އިސްއުފުލައިލާކަށް ނޫޅުނެވެ. ހުއްޓުން އަރައިފައި އިން ބުދެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. ގޮނޑީގެ ކުރިއަށް ޖެހިލައި އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލައިގެން އިންއިރު އެ ހަށިގަނޑުގައި ދިރުމެއްވާކަމުގެ ކިރިޔާވެސް ހެއްކަކީ އެސްފިޔަތައް ފޫއަޅުވައިލާ ތިރީގައިވާ މުށިތަކުގެ މައްޗަށް ޖެހެމުންދިޔަ ކަރުނަތަކެވެ.
"ލީންއަކީ ސްޓްރޯންގް ކުއްޖެއް.. އިންޝާﷲ މިކަމުންވެސް އަރައިގަންނާނެ" އިވާންގެ ވާހަކަ ހުރިގޮތުން ނަދާލްއަށް ކުރީ އިތުރު އަސަރެކެވެ.
"އައި.. އައި އޮންލީ ވޯންޓެޑް ޓު ޕްރޮޓެކްޓް ހަރ.. އައިމް ސޮރީ" ނަދާލްގެ ދެކޮނޑު ތުރުތުރުލާންފެށި އެވެ.
އިވާންގެ ދުލަކަށްވެސް އިތުރު ލަފްޒެއް ނައެވެ. ނަދާލްގެ މަކަރުވެރިކަން ކޮންމެ ހިސާބެއްގައި ހުއްޓަސް، އޭނާއަށް މީގެ ކުރިން ނަދާލް އަބަދުވެސް ފެނިފައިވަނީ ނުގުޑާފަދަ އަޒުމެއްގެ ވެރި، ޝަހްސިއްޔަތު ވަރުގަދަ މީހެއްގެ ގޮތުގަ އެވެ. އެހެނަސް މިއަދު އޭނާއަށް ފެންނަމުން މިދާ ނަދާލްގެ ވަށައިގެން ރާނައިފައިވާ އެފަދަ ހުރިހާ ފާރެއް ފުނޑުފުނޑުވެފައިވާފަދަ އެވެ. އޭނާގެ ދުނިޔެ ބިމާ ހަމަވެފައިވާފަދަ އެވެ. އިވާންއަށް ހަމަ ހަގީގަތުގައިވެސް ނަދާލް އައިލީންދެކެ ލޯބިވާ މިންވަރު އަންދާޒާ ކޮށްލެވުނެވެ. ހިމޭންކަމުގައި ފަސްވަރަކަށް މިނަޓު ފާއިތުވެ ދިޔަތަނާ އިވާންގެ ޖީބުގައި އޮތް ފޯނުން އަސްރު ނަމާދުގެ ބަންގީގެ އަޑު އިވުނެވެ. އިވާން އެ އަޑު މަޑުކޮށްލުމަށްފަހު ނަދާލްއަށް ބަލައިލި އެވެ.
"ނަމާދަށް ދާނަންތަ؟" އިވާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ނަދާލް އެ އިންގޮތަށް އިނދެ ބޯ ހޫރައިލި އެވެ.
"މިއަދު ހުކުރަށްވެސް ދިޔައިން" ނަދާލް ދެއްކީ ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އޭނާއަށް ގަވައިދުން ކުރެވިފައިވާ ހަމައެކަނި އަޅުކަމުގެ ވާހަކަ އެވެ. އެކަންވެސް ގިނަފަހަރަށް ކުރެވެނީ އަޅުކަމަކަށްވުރެ ބޮޑަށް އާދަކާދައިގެ ތެރެއިން ކުރެވޭ ކަމެއްގެ ގޮތުގަ އެވެ. އެހެނެއްކަމަކު އޭނާ ހިތުން އެވަރުވެސް އޭނާއަށް ފުދެ އެވެ.
"ހިނގާ.." އިވާން ގޮނޑިން ތެދުވެ ނަދާލްގެ އަތުގައި ހިފައި ކޮޅަށް ނެގި އެވެ.
"ޔޫ ޑޯންޓް ގެޓް އިޓް ޑޫ ޔޫ؟ އައި ހޭވް ޓު ބީ ހިއަރ ވެން ޝީ ވޭކްސް އަޕް!" ނަދާލް ހިތްހަމަނުޖެހިފައި ހުރެ އިވާންގެ އަތު ތެރެއިން އޭނާގެ އަތް މިނިވަންކޮށްލި އެވެ.
"ވެން ޝީ ވޭކްސް އަޕް؟ ދެއަ އިޒް އޮންލީ ވަން ދެޓް ކޭން ޑިސައިޑް އިފް ޝީ ވޭކްސް އަޕް. އައިލީން ހޭލާނެތޯ ނޫންތޯ ނިންމާ ފަރާތުގެ ގޮވާލުމަށް ބީރު ކަންފަތެއް ދީފަ ނަދާލް މިތާ އިނެކޭ ކިޔާފަ އެއްވެސް ކަމެއް ނުވާނެ!" އިވާން މާބޮޑު އުއްމީދެއް ނެތި ނަދާލްއަށް ނަސޭހަތެއް ދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މިފަހަރު އިވާން ބުނެލި ޖުމްލަ ނަދާލްގެ ހިތުގެ ކަނެއްގައި ކޮށްޓައިލި އެވެ. ވަގުތުން މީހާ ހިމޭންވެލި އެވެ. އިވާން އޭނާގެ ކޮނޑުގައި އަތް އަޅުވައިލުމާއެކު މިފަހަރު އެ އަތް ދުރުކޮށްލާކަށް ނޫޅުނެވެ.
"މިސްކިތަށް މި ދަނީ" މައިރާގެ މޫނުމަތީގައިވި ސުވާލަށް ޖަވާބުދެމުން އިވާން ނަދާލް ގޮވައިގެން ހޮސްޕިޓަލުން ނުކުތެވެ. ހަމަ އެވަގުތު އަވަސްފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އައިލީންއަށް ފަރުވާދިން ޑޮކްޓަރާއި ނަރުހަކު ބޭރަށް ނުކުތެވެ. އެމީހުންގެ ވާހަކަ އިވި މައިރާގެ މޫނު ވަގުތުން އުޖާލާވެގެން ދިޔަތަން ފެނުނެވެ.
ނަދާލް ގޮވައިގެން އިވާންގޮސް އެރީ ހޮސްޕިޓަލާ އެންމެ ކައިރީގައި ހުރި މިސްކިތަށެވެ. ވުޟޫކުރުވައިގެންގޮސް ޖަމާއަތުގެ ސަފަށް އެރުވިއިރު ނަދާލްއެކޭ ޗާބީ ދެވިފައިވާ ބުދެކޭ ތަފާތެއް ނެތެވެ. އޭނާއަށް އަދިވެސް ވިސްނެމުންދ ދޔައީ އައިލީންއާ މެދުގަ އެވެ. ބޭނުންވީ ވީހާވެސް އަވަހަށް ނަމާދުން އަވަދިވެގެން އައިލީންގެ ގާތަށް ދާށެވެ. ފުރަތަމަ ރަކުއަތް ނިމުނުއިރު އިމާމު މީހާ މާލަސްވެގެން އެކަމާވެސް ހިތާހިތުން ޝަކުވާ ކުރެވުނެވެ. އެހެނަސް މިސްކިތުގެ އެ ހަމަހިމޭންކަމާއި، ނަމާދުގެ ޚުޝޫއާތްތެރި ކަމުގައި ހޭދަވި ކޮންމެ ސުކުންތެއް ދިޔައީ ނޭނގިނަމަވެސް އޭނާގެ ސިކުނޑި ތާޒާ ކުރަމުންނެވެ. އިމާމުގެ އަޑުން ތަކުބީރުގެ ކަލިމަ އިވިލާ ކޮންމެފަހަރަކު އޭނާގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ހިތަށް ލިބެމުންދިޔައީ ބަޔާން ނުކުރެވޭހާ ފިނި ހަމަޖެހުމެކެވެ. އައިލީންގެ ހާލަތާމެދު ހިތުގައި އުފެދިފައިވާ ބިރުވެސް މަޑުމަޑުން ފިލައިގޮސް ވެރި ރައްބާމެދު އޮތް އުއްމީދު އާވެއްޖެ އެވެ.
ފަހު ރަކުއަތް ނިމެން ދިޔައިރު ނަދާލްގެ ދެލޯ ފެންކަޅިވަމުން ދިޔައީ ބޭއިޙްތިޔާރުގަ އެވެ. މި ހިތްހަމަޖެހުމާއި މި އުއްމީދު އޭނާގެ ހަޔާތުން ގެއްލިފައިވާތާ ހާދަ ދުވަހެއް ވެއްޖެ އެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގެ ފޭރާމުގައި މުޅި ދުނިޔެއާ ކުރިމަތިލަމުން ދިޔަ ނަމަވެސް އޭނާގެ ހިތުގައިވި ހުސްކަން އެނގޭނެ އިތުރު މީހަކު ނުހުންނާނެ އެވެ. މިއަދު އެ ހުސްކަމަށްވެސް ނިމުމެއް އައިސްފި އެވެ. ފެށިއިރު އަވަހަށް ނިންމައިލަން ބޭނުންވެފައިހުރި ނަމާދުގެ ހަތަރު ރަކުއަތް ނިމުނުލެ އޭނާއަށް މާ ބޮޑަށްވެސް އަވަސްވެއްޖެ އެވެ. އޭރު އޭނާގެ މޫނާއި ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅިވަނީ ކަރުނައިން ފޯވެފަ އެވެ. ސަލާން ދިނުމަށްފަހުވެސް އޭނާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ.
އިވާން ނަދާލްގާތު އިށީނދެލައިގެން އިނީ ނަދާލް ބޭނުންވަރަކަށް ރޯލާނެ ފުރުސަތު ދޭށެވެ. އޭނާ ނަދާލްއަށް ގޮވައިލީ މިސްކިތުން މީހުން މަދުވާން ފެށުމުންނެވެ.
"ހިޔަރ... ދެޓްސް އިނަފް.. ދެން ހިނގާ ދާން" ނަމާދު ނިންމާފައި ދިޔަ މެދުއުމުރުގެ ފިރިހެނަކު ދިން ޓިޝޫ ޕެކެޓު ނަދާލްއަށް ދިއްކޮށްލަމުން އިވާން ބުންޏެވެ. ނަދާލްވެސް އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު މޫނު ސާފުކޮށްލައިގެން އިވާންއާއެކު މިސްކިތުން ނުކުތެވެ. ލަސް ހިނގުމެއްގައިގޮސް ހޮސްޕިޓަލުގެ ކުރިން ތިބި ދިމާލަށް ދިޔައިރު އެތަނުން މައިރާ ފެންނާކަށް ނެތެވެ. ދެމީހުން ހާސްވެފައި ތިބެ އިވާންގެ ފޯނުން މައިރާއަށް ފޯނުކުރި އެވެ.
"ހަލޯ-"
"މައި؟ މައި ވެއަރ އާރ ޔޫ؟ ލޫނާ ކޮބާ؟" އިވާންއަށް އެއްޗެކޭ ނުބުނެވެނީސް ނަދާލް ފޯނު ޖަހައިގަންނަމުން މައިރާއާ ސުވާލުކުރި އެވެ.
"މިހިރީއޭ އަހަރެން މިތާ ފަހަތުގަ.." މައިރާ އެމީހުންގެ ފަހަތުން އައިސް އެދިމާލަށް ހުއްޓުނެވެ.
"އިޒް.. އިޒް ޝީ އޯކޭ؟ ވެއަރ އިޒް ޝީ؟" ނަދާލްގެ އިތުރުން އިވާންއަށްވެސް ނޭވާ ހިފަހައްޓައިލަން މަޖުބޫރުވީ އެ ސުވާލާއެކު މައިރާގެ މޫނުމަތި އޮއްސިގެން ދިޔަތަން ފެނުމުންނެވެ.
"ނޯ.. ނޯ.. ޝީ ކާންޓް" މައިރާއަށް އެއްޗެކޭ ނުބުނެވެނީސް ނަދާލް ދެފަރާތަށް ބޯ ހޫރައިލި އެވެ.
"ލީން ހޭލައިފި. ޝީ އިޒް ފައިން ނެޑް!" މައިރާގެ އަޑުން ފާޅުވި އުފާވެރިކަމާއެކު އިވާންއަށް ހަމްދުކޮށްލެވުނު އިރު ނަދާލްއަށް އިރުކޮޅަކު ހުއްޓުން އަރާފައި ހުރެވުނީ އެވެ.
"އަދި ރޫމެއް ނުލިބޭތީ ވާރޑަށް ގެންގޮސްފަ ވީ. އަހަރެން މިއުޅެނީ ބޭސް ގަންނަން ނުކުމެ. ޝީ އިޒް ސޭފް ނެޑް" މައިރާގެ އަތުގައި އޮތް ބޭސް ކޮތަޅު ދައްކައިލުމަށްފަހު ނަދާލްގެ ގައިގައި އުފަލުން ބައްދައިލި އެވެ.
ނަދާލް އެވަގުތު ހުރީ އުފާފާޅުކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނާގެ ދެލޯ ބޭގަރާރުވަމުން ދިޔައީ އައިލީން ދެކިލުމަށެވެ. އިންޒާރަކާނުލައި މައިރާ ގަޔާ ދުރުކޮށްލުމަށްފަހު ވާރޑާ ދިމާލަށް ދުއްވައިގަތެވެ.
"ނެޑްއަށް ކިހިނެއްވީ؟" މައިރާއަށް ސުވާލު ކޮށްލެވުނީ ކައިރީގައިހުރި އިވާންއާ އެވެ. މައިރާގެ ސުވާލަށް ޖަވާބެއް ނުދީ އިވާންވެސް ހެވިފައިހުރެ މައިރާއާއެކު ކުރިއަށް ހިނގައިގަތެވެ.
----------------
އެނދުމަތީގައި ނެގިމަޑުވެފައި އިން އައިލީންގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮޅާލެވިފައިވާ ބެންޑޭޖަށެވެ. ޙުދު އޭނާއަށްވެސް އިނދެވުނީ ކުރެވިދިޔަ ކަންތައް ގަބޫލު ނުކުރެވިފައި ކަހަލަ އެވެ. އެއީ އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުން އޭނާ ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫނެވެ. ހަޔާތުގެ ނައު ކިތަންމެ ބަނަ ކޮޅިގަނޑެއްގައި ދުއްވަން ޖެހުނު ނަމަވެސް ކުރަން ހިތުލައިގެންހުރި ކަމެއް ނޫނެވެ. ވީއިރު މިއަދު އޭނާގެ އަމިއްލަ ނަފްސުދެކެވެސް ބިރުގަންނަ ހިސާބަށް އޭނާގެ ނަފްސާނީ ހާލަތު މި ވަނީ ވެއްޓިފަ އެވެ.
"ލޫނާ.." އައިލީންއަށް އިސްއުފުލައިލެވުނީ ފޮތިގަނޑު ކަހައިލުމަށްފަހު އެތެރެއަށް ފިޔަވަޅު އަޅައިލި ނަދާލްގެ އަޑަށެވެ. ފުސްވެފައިވާ ދެލޮލުގެ ތެރެއިން އޭނާއަށް ނަދާލްގެ ސިފަ ރަނގަޅަށް ނަގައި ނުގަނެވެނީސް ނަދާލް އައިސް އޭނާގެ ގައިގައި ބާރަށް ބައްދައިލައިފި އެވެ. މިނެޓެއްހާއިރު އެހެން އިނުމަށްފަހު އޭނާއާ ދުރުވެލިއިރު ނަދާލްގެ ރަތްވެ، ދުޅަވެފައިވާ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަވިދައި ހުއްޓެވެ. ނަދާލް ތުރުތުރު އަޅަމުންދިޔަ އަތަކުން އައިލީންގެ ބެންޑޭޖް ކުރެވިފައިވާ އަތުގައި ހިފަހައްޓައިލަމުން ތުންފިއްތައިލި މަންޒަރު ބަލަން އުނދަގޫވެ އައިލީންއަށް އިސްޖަހައިލެވުނެވެ.
"ކަމް ހިޔަރ" ނަދާލް އަނެއްކާވެސް އައިލީން އޭނާއާ ގާތަށް ދަމައިލަމުން އައިލީންގެ ނިތްކުރީގައި ބޮސްދިނެވެ. "ވައި ވުޑް ޔޫ ޑޫ ދެޓް މިއާ ކާރާ؟ ވައި؟" އޭނާގެ އަޑުގައިވަނީ ޝަކުވާއެވެ. "ޑޯންޓް ޖަސްޓް ސްޓޭ ލައިކް ދެޓް. ޔޫ އޯ މީ އެން އެކްސްޕްލެނޭޝަން!" ނެތް ހިތްވަރުން އައިލީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލުމަށްފަހު ނަދާލް މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ނަދާލް... އަހަ.. އަހަރެންނަކަށް ނޭނގެ ވީ ގޮތެއް. ބޭނުންވި ގޮތެއް ނޫނޭ މިއީ.." އައިލީންއަށް ގިސްލެވެން ފެށުނެވެ.
"އަހަރެން ހާދަ ގިނަ ކަމަކަށް ކެތް ކުރީމޭ.. އެކަމަކު އަހަރެންނާހެދި ބައެއްގެ އުފާވެރި އާއިލާއެއް ހަލާކުވެގެން ދިޔުން.. އެކަމަކަށް ކެތެއް ނުވާނެ.. ދެޓްސް މައި ބިގެސްޓް ފިއަރ. އެންޑް ޔޫ ވަރ ލޫޒިންގް ޔޯރ ފެމިލީ.. ޔޯރ ކެރިއަރ.. ޔޯރ ލައިފް އޯލް ބިކޯޒް އޮފް މީ.. އައި ޓްރައިޑް ބަޓް އައި ޖަސްޓް ކުޑުންޓް ހޭންޑަލް ދެޓް ތޯޓް-"
"ދޮގު.. ހުސް ދޮގު.. ލޫނާ އަހަރެންނާ ދޭތެރޭ ހަމަ އެންމެ ފަހަރަކު ވިސްނާލިޔަސް މިވަރުގެ ކަމެއް ނުކުރާނެ" ނަދާލް އެތެރެއަށް ނޭފަތް ދަމައިލަމުން ނޫނެކޭބުނެ ބޯ ހޫރައިލި އެވެ. "އަހަރެން ކިހިނެއްތަ ލޫނާއާނުލާ ދިރި ހުންނާނީ؟ ހިތޭ މި ކިޔާ މަސްކޮޅެއް މޭތެރޭގަ އޮތެއްކަމަކު އަހަރެންގެ ހަށީގަ ލޭ ހިނގަނީ ތި ހިތުގެ ވިންދުންކަން... އަހަރެން ދިރި ހުންނަނީ ތި ނޭވާއިން ކަން... މި ހުރިހާ އެއްޗެއް ޖެހެނީ މިވަރަށް ތިލަކޮށް ކިޔައިދޭންތަ؟ އައި ޑޯންޓް މައިންޑް ލޫޒިންގް އެނީތިންގް އެލްސް ބިކޯޒް ޔޫ އަރ އެވްރީތިންގް ދެޓް މެޓަރޒް ޓު މީ.. އައި ލަވް ޔޫ ސޯ ޑޭމްންޑް މަޗް އައިލީން ޑޯންޓް ޔޫ ޖަސްޓް ގެޓް އިޓް؟" ނަދާލްގެ އަޑު ކުރެހެން ފެށި އެވެ. "ހަނދާން ކުރާތި! ލޫނާއަށް ކަމެއް ވެގެން.. ލޫނާ މި ފަސްދަށަށް ލެވޭ ދުވަހަކީ އަހަރެންވެސް މި ފަސްގަނޑު މަތީގަ ހުންނާނެ ފަހުދުވަސް. ސޯ ދަ ނެކްސްޓް ޓައިމް ޔޫ ތިންކް އޮފް ސަމްތިންގް ލައިކް ދިސް މައިޓް އޭޒް ވެލް ސްޓްރޭންގްލް މީ ޓު ޑެތް! އަހަރެންގެ އެއްވެސް ޝަކުވާއެއް އަދި ހިތްބުރަކަމެއްވެސް ނުބާއްވާނަ-"
"ތިކަހަލަ އެއްޗެހި ނުކިޔާ" އައިލީން ކަރުނުން ފުރިފައިވާ ދެލޮލުން ނަދާލްއާ ހަތަރުކަޅި ހަމަކޮށްލަމުން ނަދާލްގެ އަނގަމަތީގައި އަތް އެޅި އެވެ. އެ އަޑުގައިވި އާދަޔާހިލާފު ރިހުން އައިލީންގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި އެވެ. އެ ބެލުމުގައިވި ޔަގީންކަމާއި ސާބިތުކަންފެނި އައިލީންގެ ހިތް ބިރުން ރޫރޫ އަޅައިލި އެވެ. ހިތާ ދެކޮޅަށްވިޔަސް އޭނާއަށް މި ދުނިޔެމަތީގައި ލޯބިވެވުނު އަލަތު އަދި ހަމައެކަނި އިންސާނަކީ ނަދާލް އެވެ. އޭނާގެ ފަރާތުން ނަދާލްއަށް ލިބޭ ކުޑަވެސް ގެއްލުމެއް ލިބެން ނޭދޭއިރު، އޭނާގެ ސަބަބުން ނަދާލްގެ އަމިއްލަ ފުރާނަ ނަގާލައިފާނެކަމުގެ ހިޔާލު ބަރުދާސްތު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
"އައިމް ސޮރީ.. އައި ރިގްރެޓް އިޓް ސޯ މަޗް.." އައިލީންއަށް ގިސްލަމުންގޮސް ނަދާލްގެ މޭގެތެރޭގައި މޫނު ފޮރުވައިލެވުނެވެ. އެދުވަހު އޭނާގެ ހަބަރުހުސްވުމުގެ ކުރިން ނަދާލް އުޅެމުންދިޔަ ގޮތް ފަނޑުކޮށް ނަމަވެސް ލޯމައްޗަށް ސިފަވާން ފެށީ އެވެ.
"ޖަސްޓް ޑޯންޓް.. ޑޯންޓް އެވަރ.." ނަދާލްއަކަށްވެސް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އައިލީންގެ ގައިގައި ވަށާލެވިފައިވާ އަތަށް އިތުރު ބާރެއްލަމުން އައިލީންގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. ބަސްމޮށުންތެރިކަމަކާ ނުލައިވެސް އޭނާ އައިލީންދެކެ ވާ ލޯބި ހާމަ ކޮށްދެމުންނެވެ.
"ނުދާނަންތަ؟" ފަރުދާގެ އަނެއްފަރާތުން ތަންކޮޅެއް ދުރުގައި އައިލީންއާއި ނަދާލްގެ ވާހަކަ އަޑުއަހަން ތިބުމަށްފަހު މައިރާ މަޑުމަޑުން އިވާންގެ އަތުގައި ކޮށްޓައިލި އެވެ.
"މިތާ މަޑުކޮށްލާނީ.. ފެނުނެއްނު ދާނުގެ ޖަނާޒާގަވެސް ލީން ކަންތައްކުރި ގޮތް. ނަދާލް ބުނިހެން އަހަރެންނަށްވެސް ހީވަނީ ހަގީގަތާ ކުރިމަތިލާން ލީން އަދި ތައްޔާރެއް ނޫންހެން. ހަގީގަތް ނޭނގޭހާ ހިނދަކު އަހަރެންނާ ބައްދަލުކުރާކަށްވެސް ތައްޔާރެއް ނުވާނެއެއްނު. އެހެންނޫނަސް.. ލެޓް ހިމް ހޭވް ދިސް މޮމެންޓް" އިވާންވެސް ވާހަކަދެއްކީ އިތުރު ބަޔަކަށް އެމީހުންގެ އަޑު ނީވޭނެ ވަރަށެވެ.
"ދެން މިރޭ ހަމަ އަސްލުވެސް ފުރަނީތަ؟ ލީންއަށް މިހެން ވީމަވެސް؟" ދެމީހުން އެކުގައި ވާރޑުން ނުކުތުމަށް ހިނގައިގަންނަމުން މައިރާ އަހައިލި އެވެ.
"ލީން މިހާރު ރަނގަޅެއްނު؟ އެވަރުން އަހަރެންނަށް ފުދޭ. މަޑުކުރުމުގެ ބޭނުމެއް ނެތް" އިވާން ދެކޮނޑު އަރުވައިލި އެވެ.
"އޯކޭ. އެބަ އަންނަން ނުސްދައްތަމެނަށް ގުޅާލާފަ. ލީންގެ ހަބަރެއް ދޭށޯ ބުނި. ހަނދާން ނެތިފަ މި ހުންނަނީ" މައިރާގެ ހިތަށް ލިބުނު މާޔޫސްކަން ފޮރުވައިލަމުން ދުރަށް ހިނގައިގަތީ އެވަގުތު އިވާންގާތު ހުރެފިނަމަ ބޭކާރު އާދޭސްތަކެއް ކުރެވިދާނެކަމަށް ވިސްނަމުންނެވެ.
މައިރާ ދިޔުމާއެކު އިވާން އަދިވެސް އެއްފަހަރު ފަސްއެނބުރި ވާރޑުގެ ދޮރާ ދިމާލަށް ބަލައިލި އެވެ. އޭނާ އަދި ކުރަންޖެހޭ މުހިއްމުކަމެއް އޮތްކަން ހަނދާނުގައި ކޮށްޓައިލުމާއެކު ކުރިއަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަކަށް ހުރަސް އެޅުނީ ފަހަތުން ނަދާލް އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ.
"ލުކް މޭން.. އައި އެ އެޕްރިޝިއޭޓް ޔޫ ކަމިންގް ހިއަރ އައި ރިއަލީ ޑޫ ބަ-"
"ޑޯންޓް ވޮރީ. އަހަރެން ނޫޅެން މިވަގުތު ލީންއަ ވާހަކަދައްކާކަށް" ނަދާލްގެ ވާހަކައިގެ މިސްރާބުހުރީ ކޮން ދިމާލަކަށްކަން އެނގިހުރެ އިވާން އަވަސްއަވަހަށް ޖަވާބު ދިނެވެ.
"އޯކޭ.. ތޭންކްސް.. ކޮންއިރަކު ފުރަނީ؟" ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"މިހާރު ދެން ދާންވީ.. ޕެކް ކޮށްފަ މި އައީ. އަދި ލޭ ދޭން ގޮސްލާފަ ދެވޭނީ" އިވާން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.
"އޯހް އެ ކަންތައް ދޯ.. ކޮބާތަ މައި؟" ނަދާލް ވަށައިގެން ހޯދައިލަމުން ބުންޏެވެ.
"ނުސްދައްތައަކަށް ގުޅާށޭ ކިޔާފަ ދިޔައީ.." އިވާންވެސް މައިރާ ފެނޭތޯ އެތަން މިތަނަށް ކަޅި ހިންގައިލި އެވެ. "ދެން ދިޔައީ އޭ.. ޓޭކް ކެއަރ އޮފް މައި ސިސްޓަރ.. އައިލް ޓޭކް ކެއަރ އޮފް ޔުއަރސް" އޭނާ ބުންޏެވެ.
"ވިޗް ވަން؟" ނަދާލް ޖެއްސުމުގެ ރާގެއްގައި އަހައިލި އެވެ. އެފަދަ ވަގުތެއްގައި ނަދާލް އެކަހަލަ ސަމާސާއެއް ކުރަން ހިތުލީތީވެސް އިވާންއަށް ލިބުނީ ހައިރާން ކަމެކެވެ. އެހެނަސް އެއީ ނަދާލް ހަމައަކަށް އެޅިއްޖެކަމުގެ ފާލެއްކަމުގައި ބަލަމުން އޭނާ ލުއި ހިނިތުންވުމަކުން ފުއްދައިލީ އެވެ. ދެފަހަރަކު ނަދާލްގެ ކޮނޑުގައި ޖަހައިލުމަށްފަހު ލިފްޓާ ދިމާލަށް ދިޔަވަގުތު ކައިރީގައި މަޑުކޮށްލައިގެންހުރި މައިރާފެނި ފުން ނަޒަރަކުން އެދިމާލަށް ބަލައިލެވުނެވެ.
ލިފްޓު އެބަޔަށް މަޑުކޮށްލުމާއެކު އިވާން އެތެރެއަށްވަދެ މައިރާ އެރުމަށްޓަކައި އެ ލިފްޓުގެ ދޮރު ހިފަހައްޓައިލައި ދިނެވެ. ހީކުރިގޮތާ ހިލާފަށް މައިރާގެ މޫނު އަނބުރައިލީ އޭނާއާ ދުރަށެވެ. އިވާން އެ އިޝާރާތް ނަގައިގަތެވެ. މައިރާއަށް މަޑުނުކޮށް ލިފްޓުގެ ދޮރު ލައްޕައިލި އެވެ. އޭނާ ދިޔުމާއެކު މައިރާ ލޮލުގެ ހިމަކޮޅުން ނީރައިލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލުމަށްފަހު ކުރިއަށް ޖެހިލައި އަނެއް ލިފްޓުގެ ބަޓަނަށް ފިތައިލި އެވެ.
-----------------
އޮއްސުނު އިރާއެކު ފުރައިގެން އިވާންމެންނަށް ރަށަށް އާދެވޭވަރުވީ އެރޭގެ އެއްދަން ފާއިތުވެދިޔަ ފަހުންނެވެ. އޭރު ޝާވިންމެންގެ ކާރު އެމީހުންގެ އިސްތިގްބާލުގައި ބަނދަރު ދޮށުގައި އޮތެވެ. އެމީހުން ރަށަށް އައީ ޕްރައިވެޓް ލާންޗެއްގައިކަމުން އެވަގުތު މާގިނަ މީހުންނެއް ބަނދަރުދޮށަށް އެއްވެފައެއް ނެތެވެ. އިވާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަލަކްއާއި މާޒިޔާއަށް ލާންޗުން ފައިބަން އެހީވުމަށްފަހު އޭނާގޮސް ކާރު ދުއްވަން އިން ބިދޭސީ މީހާގެ އެހީއާއެކު ފޮށިތައް ޑިކީއަށް އަރުވައިލި އެވެ.
"ދައްތާ؟ ޝޯން ނާދޭތަ؟ ފޯނަކަށްވެސް ނުގުޅޭ" ކާރުގެ ކުރީ ސީޓުން ފޭބި ޝާވިންގެ މަންމަ އާޝިޔާއަށް ހިނިތުންވެލަމުން އިވާން އެއްސެވެ.
"އާން އޮފީސް ދަތުރަކު ކައިރި ރަށަކަށްގޮސް އުޅެފަ އައިސް ނިދިގޮތަށް އެބައޮތް. ދައްތަ މި އައީ އެކޮއިމެންގެ ގެ ސާފުކޮށް ކާން ހަދައި ހުރިހާކަމެއް ކޮށްލާފަ. މިރޭ ދެން އަރާމުކޮށްލާ.. މާދަމާ ދެން ޝާވިން ހޯދައިގެން ތި ޖަހާ ސަކަރާތެއް ޖަހާނީ. ކޮބާތަ ލީން؟ ނާދޭތަ؟" އާޝިޔާ ސުވާލުކޮށްލި އެވެ.
"އާން މިއީ.. ލީންއަކަށް ނާދެވުނޭ. ދައްތާ މިހިރީ މަލްއަކީ.. ދެން މިއީ މަލްގެ މަންމަ މާޒިޔާއްތަ" އިވާން އޭނާއާއެކު ތިބި ދެމީހުން ތަޢާރަފު ކޮށްދިނުމާއެކު އާޝިޔާ އެމީހުންނަށް ހިނިތުންވެލަމުން ހާލާއިހުވާލު އަހައި ސަލާންގަލާން ކޮށްލި އެވެ.
"މާޝާﷲ.. ބުނަން؟ މި މަންޖެ މިރަށުގަ ބަހައްޓާފަ ދާން ބޭނުން ނެތިއްޔާ މިރަށު ކުދިންނަށް ފޮރުވައިގެން ގެންގުޅެން ވާނީ" ނުސީދާކޮށް މަލަކްގެ ރީތިކަމަށް ތައުރީފެއް ކޮށްލަމުން އާޝިޔާ ހިތްހެޔޮކަމާއެކު ބުންޏެވެ. އޭނާގެ ދަރިންނަށްވެސް ލިބިފައިވަނީ ހަމަ އޭނާގެ ހިތްހެޔޮކަމާއި ހިތްތިރިކަމެވެ.
"ދައްތާ.. ދެން ދަމާ ދޯ؟" އިވާން ކާރުގެ ކުރީ ސީޓަށް އަރަމުން ގޮވައިލި އެވެ. މަލަކްއާއި މާޒިޔާ ގޮވައިގެން ވާފިޔާ އެރީ ފަހަތަށެވެ. ކާރުގޮސް އިވާންމެންގޭ ދޮރުމައްޗަށް މަޑުކޮށްލުމާއެކު އިވާން ލަސްނުކޮށް ފޮށި ތަންމަތި ބޭލުމުގެ މަސައްކަތާ ހަވާލުވެއްޖެ އެވެ. އޭރު އާޝިޔާއާއެކު މާޒިޔާގެ ދެމައިން ގޭތެރެއަށް ވަދެއްޖެ އެވެ. އެ ދެމައިންނަށް ތައްޔާރުކޮށްފައި ހުރީ އައިލީން ކުރިން އުޅުނު ކޮޓަރި އެވެ.
އާޝިޔާގެ މެހެމާންދާރީ ވަރަށްވެސް ފުރިހަމަ އެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން އިވާން ދެދުވަހަކަށް އެ ރަށަށް އައިއިރު އޭނާއަށް ފެނުނު ގެއާ އެގެ މިހާރު ވަރަށްވެސް ތަފާތެވެ. ގޭތެރެ ސާފުކޮށް، ކަރަންޓު ދީފައި އޮތްއިރު ސުފުރާމަތީގައި ހުރިހާ ބާވަތެއް ހަމަ ދިވެހި ކެއުމެއް ތައްޔާރުކޮށްފައި ވިއެވެ. މެހެމާނުންނާއެކު އެރޭގެ ކެއުމުގައި ބައިވެރި ވެލުމަށްފަހު އޭނާ އެގެއިން ނުކުތުމާއެކު ދެންތިބި މީހުންވެސް އަވަސްވެގަތީ
----------------
"ސާބަހޭ ދަރިފުޅާ! ތި ތަންކޮޅެއް ލަސްލަހުން ކައިގެން ދިޔަސް އިވާން މިރަށަކުން ފުރައުގެނެއް ނުދާނެއޭ" ނޭފަތުން ނޭވާ ނުލެވިގެން އުޅޭ މީހަކު ފަދައިން ހެނދުނުގެ ނާސްތާ ނިންމައިލުމަށްފަހު އެއް ކޯވަރުން ކޮފީތަށި ދަމައިލި ޝާވިންއަށް ބަލަން އިން އާޝިޔާއަށް ކުދި ކިޔައިލެވުނެވެ. އޭރު މޭޒުގެ އަނެއް ފަރާތުގައި ނާސްތާކުރަން އިން އާޝިޔާގެ ފިރިމީހާ ނަފީސްވެސް އިނީ ޝާވިންގެ އުޅުން ހުރި ގޮތުން މަޖާވެފަ އެވެ.
"މަންމަ ރެޑީވެގެންތަ ތިހުރީ؟ އަވަސް ކޮށްލަބަ. އަދި އޮފީހަށް ސައިން-އިން ވެލާފައެއްނު ދެވޭނީވެސް" ޝާވިންއަށް ވާފިޔާ ކީއެއްޗެއް އަޑު ނީވޭ ކަހަލަ އެވެ. އަވަސްއަވަހަށް އަތް ދޮވެލައިގެން ކާގެއިން ނުކުތުމާއެކު އާޝިޔާ އޭނާ ތައްޔާރު ކުރަމުންދިޔަ ތަށިބަރި ބަންދުކުރަން ފެށްޓެވެ.
"އައިލީން އައިސްގެން އުޅޭކަމަށް ދޯ އެ ހީކުރަނީ؟ އާޝިޔާ ނުބުނަންތަ؟" ނަފީސް އަހައިލި އެވެ.
"ކިހިނެއް ބުނަން ކެރޭނީ؟ އައިލީން އަންނާނޭ ބުނީއްސުރެން ދެފައި އެއްތާކު ނުޖަހާ އެގޭގެ އެކި ކަންތަކުގަވިއްޔަ އެ އުޅެނީ. ދެން މިއަދު ދިޔައިމަ އެނގޭނެތާ ދޯ. އެމީހުންނަށް ސައި ގެންގޮސްދޭން މި ދަނީ އެނގޭ" އާޝިޔާ ޖަވާބު ދިނެވެ. ތަށިބަރި ހިފައިގެން ގެއިން ބޭރަށް ނުކުމެވުނުއިރު ޝާވިން ސައިކަލުގައި އޭނާގެ އިންތިޒާރުގައި އިނެވެ. އާޝިޔާ ފެނުމާއެކު އަވަސްކުރާށޭ ބުނެ އަތުކުރީގައި އޮތް ގަޑި ދައްކައިލުމުން އާޝިޔާ ބޯ ހޫރާލައިފައިގޮސް ސައިކަލުގައި އަރިއަކަށް އިށީނެވެ.
ކިތަންމެ ކެތްމަދުވެފައި އިން ނަމަވެސް މަންމަ އިށީނުމާއެކު ޝާވިން ސައިކަލު ދުއްވައިލީ އާދައިގެ ދުވެއްޔަށްވުރެ ލަސް ދުވެއްޔެއްގަ އެވެ. އޭނާގެ ފުރަތަމަ މަންޒިލަކަށްވީ ރަށުގެ ކައުންސިލް އިދާރާ އެވެ. އެތަނަށްގޮސް އަށެއް ޖެހުމުގެ ކުރިން "ސައިން-އިން" ވެލުމަށްފަހު އިވާންމެންގެ ގެއާ ދިމާލަށް މިސްރާބުޖެހި އެވެ. އާޝިޔާ އޭނާ ގެނައި ހެނދުނުސައި މޭޒުމައްޗަށް ތައްޔާރުކުރަން ހިނގައިގަތުމުން ޝާވިން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް ދުއްވައިގަތެވެ. ދެފަހަރަކު އިވާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ނުހުޅުވުމުން އަނެއްކާވެސް ތަކުރާރުކޮށް ޓަކިޖަހާލައިފައި އެ ދޮރު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި އެ ކޮޓަރީގެ ދޮރާ ކުރިމަތިވާނެހެން ހުންނަ އައިލީންގެ ކޮޓަރީގެ ދޮރުފަތަށް ލެގިލި އެވެ. އެވަގުތު ހަމަ ކުއްލިއަކަށް އޭނާ ލެގިގަތް ދޮރު ތަންމިނަށް ހުޅުވައިލެވިއްޖެ އެވެ. އެ ދޮރަށް ހަށިގަނޑު ބަރު އެކީ ދޫކޮށްލައިގެންހުރި ޝާވިންއަށް ފައިގެ ހަމަ ކޮންޓްރޯލު ކޮށްލުން ވީ އުނދަގޫ ކަމަކަށެވެ. އިސާހިތަކު ބާރު އަޑުފަށްގަނޑަކާއެކު އޭނާ ގޮސް އެ ކޮޓަރީގެ ތެރެއަށް ވެއްޓިއްޖެ އެވެ.
"ވަޓް ދަ-" ޝާވިންއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ދޫކޮށްލެވުނީ ތަގުޅިކޮށްލެވުނު ދެލޯ ހުޅުވައިލިއިރު ސިހުމުގެ ލޮލަކުން އޭނާއަށް ބަލަހައްޓައިގެން ހުރި ނުދަންނަ އަންހެންކުއްޖާ ފެނުމުންނެވެ. ހަމަގައިމުވެސް އެއީ އައިލީންއެއް ނޫނެވެ. ކޮނޑާހަމައަށް އޮތް އެކުއްޖާގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑާއި، ހުދު އަރައިފައިވާ މޫނުގެ އިތުރުން ސިހުމާއެކުވެސް ކުޑަކުޑަކޮށް ފެންނަންހުރި ދެލޮލުގައި އައިލީންއާ އެއްވެސް އެއްގޮތް ކަމެއް ނެތެވެ. އެހެނަސް އެ ކުޑަކުޑަ ދެލޮލުގައިވާ ކަޅުކަންގަދަ ކަޅީގެ ފުންކަމަށް ގެއްލިފައި ޝާވިންއަށް އޮވެވުނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފަ އެވެ.
- ނުނިމޭ -
Comment