Advertisement

ސައިކަލެއް ވަގަށް ނެގި މީހަކު ކުށަށް އިއުތިރާފުވުމުން އެއް އަހަރުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓު: ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލާން އެ ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ؛ އަދަދު


ސައިކަލެއް ވަގަށް ނެގި މީހަކު ކުށަށް އިއުތިރާފުވުމުން އެއް އަހަރުގެ ޖަލު ހުކުމެއް

މާލޭގެ ޕާކިން ޒޯނަކުން ސައިކަލެއް ވަގަށް ނެގި މީހަކު ކުށަށް އިއުތިރާފްވުމުން އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލަ ސާބިތުވެ ޖަލަށްލާން ހުކުމްކުރީ ށ. ފޯކައިދޫ، ޗަނބޭލީގެ، ހަސަން ރަޝީދު އަހްމަދެވެ.

އޭނާގެ މައްޗަށް މައްސަލަ ސާބިތުވީ މާލޭ ބުރުޒުމަގު / ޝަހީދު އަލީ ހިނގުން ގުޅުނު ކަންމަތީގައި އޮންނަ ޕާކިން ޒޯނުކޮށްގައި ޕާކްކޮށްފައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22، ގައި ގެއްލުނު އެ ސައިކަލު ވަގަށް ނެގި ކަމަށް އިއުތިރާފްވުމުންނެވެ.

އެ ސައިކަލު އޭނާ ދުއްވާފައި ދަނިކޮށް ފުލުހުންނަށް ފެނިފައިވަނީ ސެޕްޓެމްބަރު 23، ގަ އެވެ.

މައްސަލައިގައި އަދަބާ ގުޅޭގޮތުން ވާހަކަދައްކަމުން ހަސަން ރަޝީދު ބުނީ އޭނާއަށް ޖޫރިމަނާ އަދަބެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށާއި އެ ފައިސާ އޭނާގެ އާއިލާއިން ދައްކާނެ ކަމަށެވެ. އޭގެއިތުރުން އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އޭނާ ކޯޓަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކުން އޭނާއަކީ ވަޒީފާ އަދާކުރާ މީހެއްކަން އެނގެން ނެތް ކަމަށާއި ވަޒީފާ އަދާކުރާ ކަމަށް ބުނެ ކޯޓުގައި ދެއްކީ ތެދުނޫން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

ހަސަން ރަޝީދު ކުރި ކުށަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށްވާއިރު، އެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވުމުން އަދަބުގެ ދަރަޖަ އެއް ދަރަޖަ ވަނީ ދަށްކޮށްފަ އެވެ.

މިގޮތުން އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެތެރެއިން ހަ ދުވަހަކީ އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށްވާތީ، އެ މުއްދަތު ކެނޑުމަށްފަހު ޖުމްލަ ޖަލުގައި ހޭދަކުރަންޖެހޭނީ އެއް އަހަރާއި ހަ ދުވަހެވެ.