about 2 hours 0
about 2 hours 0
މެންޗެސްޓާ (ޖެނުއަރީ 20) - ކްރިސްޓަލް ޕެލަސްގެ ކެޕްޓަން، މާކް ގޭހީ، މެންޗެސްޓާ ސިޓީ އަށް ސޮއިކުރުމަށް ފަހު، އެއީ އިންގްލެންޑްގެ އެންމެ މޮޅު ކްލަބް ކަމަށް ބުނެފި އެވެ.
ގޭހީ، 25، ސިޓީ އަށް ބަދަލުވީ، ޖުމްލަ ޕެކޭޖް 25 މިލިއަން ޑޮލަރަށް އަރާ ޑީލެއްގެ ދަށުން ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގަ އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ލިވަޕޫލަށް ބަދަލުވުމާ ގާތަށް ދިޔަ، ޗެލްސީގެ ޔޫތު ޓީމު ކުޅުންތެރިޔާ، ގޭހީ، ޕެލަސްގައި ހުރީ މި ސީޒަނުގެ ނިޔަލަށް ހަދާފައި އޮތް ކޮންޓްރެކްޓެއްގަ އެވެ.
ހިލޭ ޑީލެއްގައި ޓީމުގެ ކެޕްޓަން، ގޭހީ، ކްލަބް ދޫކޮށްލުމުގެ ފުރުސަތު އޮތުމުން، ޓްރާންސްފާ ފީއެއްގައި އޭނާ ދޫކޮށްލުމަށް އޮތް ފަހު ފުރުސަތުގެ ބޭނުން ޕެލަސް އިން މި މަހުގައި ހިފީ އެވެ. ޕެލަސް އަށް 188 މެޗު ކުޅެދީ އެ ޓީމަށް އެފްއޭ ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން، ގޭހީ އެ ކްލަބް ދޫކޮށްލީ ކެރިއަރަށް ވިސްނުމަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.
"މިއީ އަހަރެންގެ މުޅި ކެރިއަރުގަައި އަހަރެން މިހާތަނަށް ކުރި މަސައްކަތުން އާދެވުނު ހިސާބެއް. އަހަރެން މިހާރު މި ހުރީ އިންގްލެންޑްގެ އެންމެ މޮޅު ކްލަބްގައި. ވަރަށް އާދަޔާހިލާފު މޮޅު ސްކޮޑެއްގެ ބައިވެރިއެއް އަހަންނަކީ، އެހެން ބުނެލެވުމަކީ ވެސް ހިތްހަަމަޖެހުމެއް،" ގޭހީ ބުންޏެވެ.
ސިޓީން ވަނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ބޯންމައުތުގެ ގާނާ ފޯވާޑް، އެންޓޮއިން ސެމެންޔޯގެ ސޮއި ވެސް ހޯދައިފަ އެވެ.
Comment