Advertisement

ދެ ލެގުން ވެސް ރެއާލާއި ޕީއެސްޖީ އަތުން ސިޓީ އާއި ޗެލްސީ ބަލިވެއްޖެ

about 2 hours 0


ދެ ލެގުން ވެސް ރެއާލާއި ޕީއެސްޖީ އަތުން ސިޓީ އާއި ޗެލްސީ ބަލިވެއްޖެ

about 2 hours 0

ލަންޑަން (މާޗް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ކުޅުނު ދެ ލެގުން ވެސް ރެއާލް މެޑްރިޑާއި ޕީއެސްޖީ އަތުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވަނީ ބަލިވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 5-2 އިން ޗެލްސީ ބަލިކޮށް، ރޭ ޗެލްސީ ދަނޑުގައި މޮޅުވީ 3-0 އިންނެވެ. އެގްރިގޭޓަށް ބަލާއިރު، ޕީއެސްޖީ މޮޅުވީ 8-2 އިންނެވެ. އަމިއްލަ ދަނޑުގައި ސިޓީ އަތުން 3-0- އިން މޮޅުވި، ރެއާލުން ރޭ ސިޓީ ދަނޑުގައި، 2-1 އިން ކުރިހޯދައި، އެގްރިގޭޓަށް ބަލާއިރު މޮޅުވީ، 5-1 އިންނެވެ.

ރޭގެ މެޗުގައި ސިޓީ އަށް މައްސަލަ ދިމާވީ އެ ޓީމުގެ ކެޕްޓަން، ބެނާޑޯ ސިިލްވާ އަށް ރަތެއް ދެއްކުމުންނެވެ. އެ ގޮތުން، ރެއާލުން ފޮނުވާލި ބޯޅައެއް ގަސްދުގައި އަތްލައިގެން ހުއްޓުވުމާ އެކު، ޕެނަލްޓީއެއް ދޭން ނިންމައި، ބެނާޑޯ ސިލްވާ އަށް ރަތެއް ދެއްކި އެވެ. ރެއާލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، 20 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ވަނީ ލީޑުނަގައިދީފަ އެވެ. ފުރަތަމަ ލެގުގައި ވިނީޝިއުސް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ސިޓީން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި، އެއްވަރުކުރި އެވެ. މިއީ، 41 ވަނަ މިނިޓްގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލެކެވެ. މެޗުން ރެއާލް މޮޅުވި ލަނޑު ޖެހީ، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އައުރެލިއަން ޗުއަމެނީ ދިން ބޯޅައަކުން ވިނީޝިއުސް އެވެ.


އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން ރަށުންބޭރުގައި ކުޅުނު ނަމަވެސް، ދެ ވަނަ ލެގުގެ ކޮންޓްރޯލް ނަގަން މާ ލަހެއް ނުކުރެ އެވެ. އެ ގޮތުން، ޗެލްސީ ދަނޑުގައި ޕީއެސްޖީން ވަނީ 14 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި، ޕީއެސްޖީން ލީޑުނެގީ ކްވިޗާ ކްވަރަޝްކޭލިއާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ 14 ވަަނަ މިނިޓްގައި، އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ބްރެޑްލީ ބާކޮލާ ވަނީ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީން މެޗުގައި ޖެހި ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ސެނީ މަޔޫލޫ އެވެ. ލަނޑެއް ޖެހޭތޯ ޗެލްސީން ގިނަ މަސައްކަތްތަކެއް މި މެޗުގައި ކުރި ނަމަވެސް ޕީއެސްޖީން ވަނީ ވަރުގަދަ އަށް ޑިފެންސްކޮށްފަ އެވެ.

މިއީ، ދެ ލެގަށް ބަލާއިރު، ޗެލްސީ އަށް ޔޫރަޕްގެ މުބާރާތުގައި ބޮޑު ބައްޔެކެވެ.

ޕީއެސްޖީން ކުއާޓާގައި ކުޅޭނީ ގަދަ 16 ބުރުގައި، ލިވަޕޫލާއި ގަލަތަސަރާއި ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އަދި، ރެއާލުން ނުކުންނާނީ އެޓަލަންޓާ އާއި ބަޔާން މިއުނިކް ވާދަކޮށްގެން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ.