Advertisement

ވެސްޓް ހޭމާ އެއްވަރުވެ ސިޓީ އުނދަގޫ ހާލަތަަކަށް

about 1 hour 0


ވެސްޓް ހޭމާ އެއްވަރުވެ ސިޓީ އުނދަގޫ ހާލަތަަކަށް

about 1 hour 0

ލަންޑަން (މާޗް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުން 1-1 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެ، ލީގު ހޯދުމުގެ ރޭހުގައި އުނދަގޫ ހާލަތަކަށް ގޮސްފި އެވެ.

ރޭގެ މެޗަށް ސިޓީ ނުކުތްއިރު، އެ ޓީމު އޮތީ އެއް ވަނައިގައި އޮތް އާސެނަލަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ. އެއީ، އާސެނަލް ކުޅުނު މެޗުން ފަހު ވަގުތު ދެ ގޯލު ޖަހައި، 2-0 އިން އެވަޓަން އަތުން މޮޅުވުމުންނެވެ. ސިޓީ އަށް ވެސްޓް ހޭމް އަތުން ލިބުނު ޕޮއިންޓާ އެކު، އާސެނަލުން މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 30 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި 31 ވަަނަ މިނިޓްގައި ސިޓީގެ ކެޕްޓަން، ބެނާޑޯ ސިލްވާ ވަަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ، އޮމަރު މާމޫޝް ދިން ބޯޅައަކުން ސިލްވާ ހަމަޖެހިލައިފައި، ވެސްޓް ހޭމްގެ ކީޕަރު، މެޑްސް ހާމަންސެން ކައިރިން ޖެހި ގޯލެކެވެ.

ސިޓީ އަށް ލީޑުގައި އޮވެ، ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. ސިޓީން ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން، ވެސްޓް ހޭމް އިން އެއްވަރުކުރި އެވެ. މިއީ، ޖެރަޑް ބޮވެން ނެގި ހުރަހަކުން އެ ޓީމުގެ ގްރީސް ޑިފެންޑަރު، ކޮންސްޓަންޓީނޯސް މަވްރަޕޯނަސް ޖެހި ލަނޑެކެވެ. މިއީ، ކުރިން އާސެނަަލަށް ކުޅުނު މަވްރަޕޯނަސް މިދިޔަ ތިން އަަހަރު ތެރޭ ޖެހި ފުރަތަމަ ލަނޑެވެ.

އަލުން ސިޓީ އަށް ލީޑުނަގައިދޭން އެންޓޮއިން ސެމެންޔޯ އާއި އާލިން ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި މެޗު އެއްވަރުވެގެން ނިމުނީ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަަރަށް ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ. ވެސްޓް ހޭމަށް 30 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ ޗެލްސީގެ ދަނޑުގައި 1-0 އިން އެ ޓީމު އަތުން މޮޅުވެފަ އެެވެ. ނިއުކާސަލުން ޗެލްސީ ބަލިކުރި ލަނޑު ޖެހީ ފުރަތަމަ ހާފުގައި އެންތަނީ ގޯޑަން އެވެ. ޗެލްސީ އޮތީ 30 މެޗުން 48 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.