about 2 hours 0
ލީވާން އަލީ ނާސިރު
އައްޑޫ ސިޓީ: އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ: އަދަދު
about 2 hours 0
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ބޮޑުވެ، މިއަދު ވެސް އެ ސިޓީގެ ރަށްތަކަށް ގަޑިއިރުތަކަކަށް ފެން ކެނޑިއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދަދު އަށް ވިދާޅުވީ އެ ސިޓީގެ ރަށްތަކަށް ފެނުގެ މައްސަލަ މިއަދު އެއްކޮށް ދިމާވި ކަމަށެވެ. އެގޮތުން އައްޑޫ ފޭދޫއިން ފެނުގެ ހިދުމަތް ނުލިބި ގިނައިރުތަކެއް ވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ފެނުގެ ހިދުމަތް މެދުކެނޑުނީ މަސައްކަތެއް ކުރާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނާ ކަމަށެވެ. އެކަމަކު ފެނަކައިން ދައްކާ ވާހަކަ ގަބޫލު ކުރަން ދަތި ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިއަދު ގާތްގަނޑަކަށް އެއްކޮށްހެން ފެން ނުލިބި ދިޔައީ. ފޭދޫއަށް އެއްގޮތަކަށް ވެސް ފެނެއް ނުލިބޭ. ހަވީރު ހިތަދޫއަށް ވެސް ފެނެއް ނުލިބޭ. ފެނަކައިން ގިނަފަހަރަށް ވެގެންއުޅޭ ގޮތެއް ސާފެއް ނުކޮށްދޭ. ތެދެއް ނަހަދާ މިހާރަކު،" މޭޔަރު ވިދާޅުވި އެވެ.
ކަމެއް ދިމާވެގެން ފެނުގެ ހިދުމަތް މެދުކެނޑޭ ގިނަ ފަހަރު ސްޕެއާއެއް ވެސް ލިބެން ނުހުންނަކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އެފަދަ ހާލަތެއްގައި ވެސް ފެނަކައިން ހަދަނީ ދޮގު ކަމަށެވެ.
އައްޑޫގައި ފެނުގެ ހިދުމަތް މެދުކެނޑުނު ސަބަަބާ ގުޅޭގޮތުން ފެނަކައާ ސުވާލުކުރުމުން އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު ވިދާޅުވީ މިއަދު އައްޑޫއިން ފެން ކެނޑުނީ ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތަށްފަހު މިހާރު ފެނުގެ ހިދުމަތް ދީފައިވާ ކަމަށެެވެ.
އައްޑޫ އިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސިޓީން ކޮންމެ ދުވަހަކުހެން އެކި ވަގުތުތަކުގައި ފެން ކެނޑޭ ކަމަށެވެ. އެގޮތުން ވަރަށް ބޮޑެތި ދަތިތައް އޭގެ ސަބަބުން ދިމާވާ ކަމަށް އޭނާ ބުންޏެވެ.
Comment