Advertisement

ސިޓީބިޓީ: އިންތިހާބީ ކަޑައަކުން އައްޑުއަށް ކަރަންޓެއް ނުލިބޭނެ

about 1 hour 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: އިންތިހާބީ ކަޑައަކުން އައްޑުއަށް ކަރަންޓެއް ނުލިބޭނެ

about 1 hour 0

ރައީސް މުހައްމަދު މުއިއްޒަށް،

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ ދިގުލީ މައްސަލައަށް "ދާއިމީ ހައްލެއް" ގެނައުމުގެ ނަމުގައި، މިރޭ ހިތަދޫގައި އާ އިންޖީނުގެއެއްގެ ބިންގާ އެޅުމަށް ނިންމާފައިވާ ނިންމުމަކީ، ފުންކޮށް ވިސްނާލާއިރު ސުވާލު އުފެދޭ ބޮޑެތި ކަންތައްތަކެއް އެކުލެވިގެންވާ ކަމެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ތިރީގައިވާ ނުކުތާތަކަށް އިއްޒަތްތެރި މަނިކުފާނުގެ ސަމާލުކަން އިލްތިމާސްކުރަމެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި، ގައުމީ ފެންނަ ނުފެންނަ ވޯޓެއް ކުރިމަތީ އޮއްވައި މިފަދަ ބިޔަ މަޝްރޫއެއްގެ ބިންގާ އެޅުމަކީ ހަމައެކަނި އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތިވެއެވެ. މިއީ ތަރައްގީގެ ހަގީގީ ފެށުމެއްގެ ބަދަލުގައި، ވޯޓު ހޯދުމަށް ޖަހާ "ކަޑައެއް" ކަމުގެ ތުހުމަތު ރައްޔިތުން ކުރަނީ މާޒީގައި މަނިކުފާނު ޖެއްސެވި އެތައް ބައިވަރު މިފަދަ ކަޑަތައް އަދިވެސް ހުރިގޮތަށް ހުރުމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަނިކުފާނު ވިދާޅުވީ އައްޑޫގެ ކަރަންޓަށް "ބިޔަ، ބޮޑު" މަޝްރޫއެއް ފައްޓަވާނެ ކަމަށެވެ. ނަމަވެސް، މަޖިލިސް އިންތިހާބާ ދިމާކޮށް ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރި 32 މެގަވޮޓްގެ މަޝްރޫއަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.

އެ މަޝްރޫއަށް އެޑްވާންސްގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ދައުލަތުން ހަރަދުވި އިރު، އައްޑޫގެ ރައްޔިތުން އަދިވެސް ތިބީ ކަރަންޓު ކެނޑޭނެ ވަގުތެއްގެ ބިރުވެރިކަމުގައެވެ. ކަމެއް ނުކޮށް އެޑްވާސްއަށް އެތައް މިލިއަން ރުފިޔާއިން ދިނީ އިންތިހާބަށް ފައިސާ ހޯދުމަށް ކަމަށް ތުހުމަތު ކުރެވެނީ، އޭރު އިންތިހާބަށް ދިމާކޮށް އެޑްވާންސްގެ ގޮތުގައި ދިން އެހެން ބައެއް މަޝްރޫއުތައް ވެސް ހުވަފެނަކަށް ވެގެން ގޮސްވައިވުމާއި، އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް ހަވާލުކުރި މަޝްރޫއުތައް ވެސް ނުނިންމޭތީ އެވެ. އަދި މިފަދަ މައްސަލައެއް އޭސީސީން ވެސް ބަލައިލުމުގެ ހިތްވަރެއް ނެތުމުންނެވެ.

މިފަހަރުގެ އިންތިހާބާ ދިމާކޮށް، ކަރަންޓުގެ ހައްލުކުރަން ކަމަށް ބުނި އިންޖީނުގެ ހަވާލުކުރި "ޑެފިނިޓް ސޮލިއުޝަންސް" އަކީ ވަނަވަރު އޮޅުންބޮޅުން ބޮޑު ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުންޏާ 31 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހަވާލުކުރި އިރު، އެއީ އިންޓަނެޓްގައި ނަމެއް ނެތް، ދުބާއީގެ ހޮޓަލެއްގެ އެޑްރެހަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެހެންވެ މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރާ މެދު ސުވާލު އުފެދެ އެވެ. އަދި ދައުލަތުގެ ބޮޑެތި މަޝްރޫއުތައް "ޝެލް" ކުންފުނިތަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ.

މިފަދަ ކަންކަމުން ދައްކައިދެނީ މައުނަވީ ހައްލެއް ހޯދައިދިނުމުގެ ނިޔަތެއް ނެތުމާއި، މަޝްރޫއުތައް ހިންގުމުގެ ބޭނުމަކީ ވެސް ހިޔާނާތުގެ ގޮތުގައި ފައިސާ ހޯދުންކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. އައްޑޫގެ ރައްޔިތުންނަށް މިއަދު ބޭނުންވަނީ އާ އިންޖީނުގެއެއްގެ އިމާރާތެއް ނޫނެވެ. ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ފެންވަރު ރަނގަޅު ޖަނަރޭޓަރު ސެޓުތަކާއި، ޒަމާނީ ޑިސްޓްރިބިއުޝަން ނެޓްވޯކެކެވެ. ފްލޯޓިން ސޯލާ މަޝްރޫއު ފަދަ އިއާދަކުރަނިވި ހަކަތައިގެ ވާހަކަ ދައްކާއިރު، އޭގެ އަމަލީ މަސައްކަތް 2026 އަށް ލަސްވެފައި އޮތުމަކީ ރައްޔިތުން މާޔޫސްވާ ކަމެކެވެ. އަދި މި ސަރުކާރުގެ ދެއުޅެއް ނުވާކަމާއި 20 އަހަރުގެ ޕްލޭނެއް ހެދުމުގެ ވާހަކަ ބާރަށް ދެއްކިޔަސް އެއްވެސް ޕްލޭނެއް ނެތްކަމެވެ.

އިއްޒަތްތެރި ރައީސެވެ! އައްޑޫގެ ރައްޔިތުންނަކީ ތަރައްގީގެ ހުވަފެންތަކަށް ފެންބޮވައިގެންފައި ތިބި ބަޔަކަށް ވިޔަސް، އެ ރައްޔިތުންނަކީ ސިޔާސީ އޮޅުވާލުންތަކަށް ހޭލުންތެރި ބައެކެވެ. އިހުލާސްތެރިކަމެއް ނެތި، ހަމައެކަނި އިންތިހާބަށް އަމާޒުކޮށްގެން އަޅާ ބިންގާތަކުން އައްޑޫގެ ކަރަންޓު މައްސަލައަކަށް ހައްލެއް ނުލިބޭނެއެވެ.

ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފެށި މަޝްރޫއުތައް ހަގީގަތަކަށް ވި ނަމަ މިއަދު އައްޑޫ އޮންނާނީ ހާދަ ޗާލުކޮށެވެ. ބްރިޖު ވެސް ފެތުރިގެންދާ މަންޒަރު ފެންނާނެ އެވެ. އެހެން މަޝްރޫއުތަކުގެ ވާހަކަ އިތުރަށް ނުދެއްކިޔަސް މަނިކުފާނަކީ ކޮންފަދަ ސިޔާސަތެއް ގެންގުޅުއްވާ ކާކުކަން މިހާރު އައްޑޫ ރައްޔިތުންނަށް އަދި މުޅި ރާއްޖެއަށް އެނގެ އެވެ.

ޝުކުރިއްޔާ

-- އައްޑޫ މީހެއް

ސިޓީބިޓީ ފޮނުވާނެ ގޮތް


ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.