Advertisement

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކުރި ހަވާ އެރުވުން އެމްއެންޑީއެފް އިން ފަހު ވަގުތު ކެންސަލްކޮށްފި


އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކުރި ހަވާ އެރުވުން އެމްއެންޑީއެފް އިން ފަހު ވަގުތު ކެންސަލްކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ކައުންސިލުން އިންތިޒާމްކޮށްފައި އޮއްވައި، އެމްއެންޑީއެފް އިން ފަހު ވަގުތު އެކަން ކެންސަލްކޮށްފި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަވާ އެރުވުމުގެ ހުރިހާ ކަމެއް އެމްއެންޑީއެފްއާ ހަވާލުކޮށްގެން އެކަމުގެ އިންތިޒާމްތައް ވެސް ރާވާފައި އޮއްވައި، ކެންސަލް ކުރިކަން އެންގީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.

"ކައުންސިލުން އިންތިޒާމުކުރި ކަމެއް މިއީ ޕާކު ހުޅުވުމަށް. ހުރިހާ ސެޓަޕެއް ވެސް އެމީހުން އޮތީ ހަދާފައި. ކުއްލިއަކަށް ގާތްގަނޑައަކަށް 5:30 ހާއިރު ސެޓަޕް އެމީހުން ނެގީ. ދެން މެއިލްއަކުން އަންގާފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެކަން ކުރެވެން ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނިޒާރު ތުހުމަތުކުރައްވާ ގޮތުގައި އައްޑޫ ސިޓީގައި ހަވާ އެރުވުމަށް ހުރަސްއެޅީ ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުން ނުފޫޒު ފޯރުވަންޖެހޭ ވަރުގެ ކަމެއް ވެސް ނޫން ކަމަށާއި މިއީ ކައުންސިލުން ރައްޔިތުންނަށް ކޮށްދޭން އުޅުނު ކަމެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު މިރޭ އެތަނުގައި ހަވާއަރުވާތީ ދާންވެގެން އިންތިޒާރު ކުރަމުންދިޔަ ކަމަށާއި މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ.

އައްޑޫ ސިޓީގައި ހަވާއެރުވުން ކުއްލި ގޮތަކަށް އެމްއެންޑީއެފް އިން ކެންސަލް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ހިތަދޫގައި ގާއިމުކުރި ސެންޓްރަލް ޕާކަކީ 2024 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްގެން ތަރައްގީކުރި ތަނެކެވެ.