about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ، "Semaglutide" އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ، "Azelaic Acid" އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ކްލެއިމްކޮށް، އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް، ވިއްކަމުންދާ ކަމަށެވެ.
"މި އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއި ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ އާންމުކޮށް އިއުލާންކުރަން،" އެޗްޕީއޭއިން ބުންޏެވެ.
ނަމަވެސް ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ވެސް ލިބިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެއިތުރުން އިމްޕޯޓްކުރާ ހުރިހާ ބޭހަކީ ވެސް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް އެޗްޕީއޭ އިން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށް އެތެރެކޮށް ހުއްދަ ނެތި އިޝްތިހާރުކޮށް ވިއްކަމުންދާ ދެ ބޭހަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެއް ކަމަށައި ފާމަސީތަކުން ވެސް އެފަދަ ބޭސް ދޫކުރެވޭނީ ޑޮކްޓަރުގެ ލިޔުމަކާ އެކުގައި ކަމަށެވެ.
މިގޮތުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާ ނުލައި އެފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
Comment