Advertisement

ފަސް މޭޔަރުން ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުކޮށްފި

ސިޓީ ކައުންސިލްތަކުގެ ފަސް މޭޔަރުން: އެ ފަސް މޭޔަރުން ވެސް ވަނީ އެމްޑީޕީގެ ޓިކެޓު ކަށަވަރުކޮށްފައި


ފަސް މޭޔަރުން ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުކޮށްފި

މިހާރު މޭޔަރުކަމުގައި ތިއްބެވި އެމްޑީޕީގެ ފަސް މޭޔަރުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ޓިކެޓު ކަށަވަރުކޮށްފި އެވެ.

މޭޔަރުގެ ޓިކެޓު ކާމިޔާބުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ.

މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ:

  • މާލެ ސިޓީގެ މޭޔަރުގެ ޕްރައިމަރީ އާދަމް އާޒިމް ކާމިޔާބުކުރެއްވީ އަލީ އާޒިމާ ވާދަކުރައްވާ 1،411 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އަލީ އާޒިމަށް ލިބުނީ 962 ވޯޓެވެ.
  • ތިނަދޫ ސިޓީގެ މޭޔަރު ޕްރައިމަރީ ސައުދު ކާމިޔާބުކުރެއްވީ 462 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އަހްމަދު ނަސީރަށް ލިބުނީ 417 ވޯޓެވެ.
  • އައްޑޫ މޭޔަރު ކަމަށް އެމްޑީޕީން ނިޒާރު އެކަނި ކުރިމަތިލުމުން، އޭނާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައި.
  • ފުވައްމުލައް މޭޔަރު ކަމަށް އެމްޑީޕީން ރަފީގު އެކަނި ކުރިމަތިލުމުން، އޭނާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައި.
  • ކުޅުދުއްފުށި ސިޓީގެ މޭޔަރު އެމްޑީޕީން އާތިފް އެކަނި ކުރިމަތިލުމުން، އޭނާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ޕްރައިމަރީތައް ބާއްވާ ނިންމާ، ޓިކެޓުތައް ލިބޭ ކެންޑިޑޭޓުން ކަނޑައަޅާފަ އެވެ.

އަންނަ އެޕްރީލް 4، ގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ހުޅުވާލާފަ އެވެ.

އީސީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލީ މިއަދުން ފެށިގެން ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.

އެހެން އަހަރުތަކާ މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.