Advertisement

އެމްޑީޕީ ޕްރައިމަރީ: ތިނަދޫ ސިޓީގެ މޭޔަރު ޓިކެޓު ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ މޭޔަރު ސައުދު


އެމްޑީޕީ ޕްރައިމަރީ: ތިނަދޫ ސިޓީގެ މޭޔަރު ޓިކެޓު ސައުދު ކާމިޔާބު ކުރައްވައިފި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުވެސް އެ މަގާމުގައި ހުންނެވި ސައުދު އަލީ ކާމިޔާބު ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ސައުދުއާ ވާދަކުރެއްވީ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރިން ދެ ދައުރެއްގައި ފުރުއްވާފައިވާ އަހުމަދު ނަސީރު އެވެ.

އެ ރަށުގެ އެމްޑީޕީގެ ބައެއް މެންބަރުން ބުނީ އިންތިހާބު ސައުދު ކާމިޔާބު ކުރެއްވީ 462 ވޯޓު ހޯއްދަވައިގެން ކަމަށެވެ. އޭނާއާ ވާދަކުރެއްވި ނަސީރަށް ލިބިވަޑައިގެންފައިވަނީ 417 ވޯޓެވެ.

މި ނަތީޖާއާއެކު، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާނީ މިހާރު ވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަން މިވަނީ ކަށަވަރުވެފައެވެ.

މާލެ ސިޓީ އާއި ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވީ އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރައްވާފައި ނުވާތީއެވެ.

އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހުރިހާ ސިޓީއަކަށްވެސް ނެރޭނީ މިހާރުވެސް ހިދުމަތުގައި ތިއްބެވި މޭޔަރުންނެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މޭޔަރަކަށް ހުންނެވި އާދަމް އާޒިމް އެވެ.