Advertisement

ޒަރިޔަންދުގެ ނަސެހަތަކީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން ވެސް ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނުން

about 1 hour 0

ޒަރިޔަންދު: ވިދާޅުވީ މާ ގިނަ ދުވަހަކު މުއިއްޒަށް ވެރިކަން ނުކުރެއްވޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ޒަރިޔަންދުގެ ނަސެހަތަކީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން ވެސް ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނުން

about 1 hour 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓުގައި ސަރުކާރުގެ މުވައްޒަފުން ވެސް ނޫނެކޭ ބުނަން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ޒަރިޔަންދު އިސްމާއިލް ޒަރިޔަންދު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ގައުމުގެ ކުރި މަގަށް ނުވިސްނައި، ހަމައެކަނި ވަޒީފާގައި ތިބުމަކީ ޒުވާނުންނަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ސަރުކާރު ވަޒީފާތަކުގައި ތިބި ބޭފުޅުންނަށް ވެސް އެންމެ ރަނގަޅުވާނީ މި ކުރިއަށް އޮތް ރެފެރެންޑަމްއަށް ހަމަ ނޫނެކޭ ވިދާޅުވުން. ސަބަބަކީ ހަގީގަތުގައި އޭގެ ނަތީޖާއާއެކީ މިހާރު މި އޮތް ސަރުކާރަށް ލޮޅުން އަންނަ ގަޑީގައި ތިބޭފުޅުން ތިއްބަވާނީ ރަނގަޅު އަތުގައި،" ޒަރިޔަންދު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒަކަށް މާ ގިނަ ދުވަހަކު ވެރިކަމެއް ނުކުރެއްވޭނެ އެވެ.

"ޑރ. މުއިއްޒަކަށް، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މާ ގިނަ ދުވަހަކު ވެރިކަމުގައި ހުންނެވިދާނެ ކަމަކަށް. ސަބަބަކީ ޑރ. މުއިއްޒު އެ އުޅުއްވާ ގޮތުން، ޑރ. މުއިއްޒު އަމިއްލަފުޅަށް ވެސް ހަމަ ކޮންމެވެސް ކައްސާ ދިމާލަކަށް ފައިންފުޅު އެރުއްވިދާނެހެން ހީވަނީ،" އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ ކާރިސާއަކަށް ގޮސްފައިވާއިރު ވެސް ރާއްޖޭގެ އިގްތިސާދު މުއިއްޒު މެނޭޖް ކުރައްވަނީ ސިޔާސީ ކަންކަމަށް އެކަނި ވިސްނަވައިގެން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނި އެހާ ބޮޑުކޮށް އޮތް އިރުގައި، ރައްޔިތުން ތިމަންގެ ދަށުގައި އަޅުވެތި ކުރުމުގެ ބޭނުމުގައި ހެސްކިޔާފަ ވަޒީފާ ދިނީމާ ދައުލަތުގެ ހަރަދު ބޮޑުވެގެން ގޮސް މިއަދު މި ވަނީ ގާތްގަނޑަކަށް އެއްގޮތަކަށް ވެސް ދައުލަތުގައި ނެތް އެއްޗަކުން ހަރަދު ކުރާ މިންވަރަށް ތެލާއި، ކާބޯތަކެއްޗާައި ބޭހާއި އިމްޕޯޓަށް ވެސް ދައުލަތަށް ބޭރު ފައިސާ ބޭނުންވެފައި،" އޭނާ ވިދާޅުވި އެވެ.

މައި ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ވޯޓު ނަގަން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު އޭޕްރީލް 4، ގަ އެވެ. އެކަމަކު، ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިޖުރާއަތުތައް ސަރުކާރުން ކުރިއަށްގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް މިވަގުތު އެބަ ކުރިއަށްދެ އެވެ.