about 2 hours 0
ރައީސް ސޯލިހު މިރޭ އައްޑޫގައި: ވިދާޅުވީ ސަރުކާރުން އިތުރު ކުރި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް -- ފޮޓޯ: އެމްޑީޕީ
about 2 hours 0
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ލިބުމުން ބާރުތައް ޖަމާ ކުރުން ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ޕްރޮޖެކްޓުތައް ކުރިއަށްގެންގޮސް މެނިފެސްޓޯ ތަންފީޒު ކުރަން ރައްޔިތުން ވޯޓު ދިނުމުން ސަރުކާރުގެ ފަރާތުން ފެނުނީ މުޅިން އެހެން މަސައްކަތެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން ދީފި. އައްޑޫ ސިޓީ އިން ވެސް ދިން. ބޭނުމަކީ އެއިރު ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި ތިބޭފުޅުން އެ ހުށަހެޅުއްވި މެނިފެސްޓޯއާ އެއްގޮތަށް މި އައްޑޫ ސިޓީ ތަރައްގީ ކުރުން. އެހެން ނަމަވެސް މަޖިލީހުގެ އެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ކުރައްވަމުންދާ ކަންކަމަކީ ގާނޫނުގެ ވެރިކަން ނެތިކޮށްލުމާއި ބާރުތައް ޖަމާކުރުން،" ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ސޯލިހު މިރޭ ފާޅުކުރެއްވި އެވެ.
"ސަރުކާރުގެ މުސާރަތަކަށް އެއިރު ހަރަދުކުރިވަރާއި މިހާރު ހަރަދުކުރާވަރު، ހަމައެކަނި އެއަށް ތިބޭފުޅުން ބައްލަވާ. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ ފަހު އަހަރު ނިމިގެންދިޔައިރު ހަރަދު ކުރަނީ 900 މިލިއަން ރުފިޔާވަރު. އެއަށްވުރެ ބޮޑެއް ނުވާނެ. އެހެންނަމަވެސް މިއަދު އެ ބިލު އަރައިފި 1.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު އިތުރު ކުރި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަމައެކަނި އިތުރު ކުރި މުވައްޒަފުންނަށް. މި ދައްކަނީ އަހަރެއްްގެ މައްޗަށް 4.8 ބިލިއަން ރުފިޔާ ހަރަދު ކުރާ ވާހަކަ މުސާރަތަކަށް އެކަނި. ހަރަދު ކުޑަ ކުރާ ކަމަށްވަންޏާ މިކަމަށް ނޫންތޯ ބަދަލެއް ގެންނަންވީ،" ސޯލިހު ވިދާޅުވި އެވެ.
Comment