Advertisement

މުއިއްޒު އަންގަވައިގެން ކަސްޓަމްސް އިން ވަކިކުރި އަބްދުالله ވަހީދުއަށް ރިޓަޔަމެންޓް ޕެންޝަން ހަމަޖައްސައިދީފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުالله ވަހީދު ވަޒީފާއިން ވަކިކުރީ ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް -- ފޮޓޯ: ކަސްޓަމްސް


މުއިއްޒު އަންގަވައިގެން ކަސްޓަމްސް އިން ވަކިކުރި އަބްދުالله ވަހީދުއަށް ރިޓަޔަމެންޓް ޕެންޝަން ހަމަޖައްސައިދީފި

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލަ އާއި ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ރައީސް މުހައްމަދު މުއިއްޒުއަށް ދިން ލަފަޔާ އެއްގޮތަށް ވަޒީފާއިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު، އަބްދުالله ވަހީދުއަށް ރިޓަޔަމެންޓް ޕެންޝަން ހަމަޖައްސައިދީފި އެވެ.

ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުالله ވަހީދު މިދިޔަ އޮކްޓޯބަރު 29، ގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ.

އަބްދުالله ވަހީދު ވަޒީފާއިން ވަކިކުރީ މުއިއްޒު އަންގަވައިގެންނެވެ. އެ ދުވަހު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ރާއްޖެއަށް ވަގަށް ސިނގިރޭތުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓުތަކެއް ބޭރުކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާއެކު ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކި ކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.

މުއިއްޒު އެންގެވި ގޮތަށް އެ މައްސަލައިގައި އަބްދުالله ވަހީދު ވަޒީފާއިން ވަކިކުރުމަށްފަހު، މިހާރު ރިޓަޔަމެންޓް ޕެންޝަން އޭނާއަށް ހަމަޖައްސައިދީފައިވާކަން، އިތުބާރު ހިފޭ މަސްދަރުތަކުން މި ނޫހަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އަބްދުالله ވަހީދުއަށް ރިޓަޔަމެންޓް ޕެންޝަން ފައިސާ ދޭން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ.

ނަމަވެސް، ކަސްޓަމްސްގެ ގާނޫނުގައި ބުނާ ގޮތުން، ރިޓަޔަމެންޓް ޕެންޝަން ލިބޭނީ އެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ މީހުންނަށް އެކަންޏެވެ.

ކަސްޓަމްސްގެ ގާނޫނުގެ 20 ވަނަ މާއްދާގެ ބ. ގައި ބަޔާން ކޮށްފައި ވަނީ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ އެ ގާނޫނުގެ ދަށުން ހަދާ ރިޓަޔަމެންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާއިން ވަކިވި މީހެއް ކަމަށް މިނިސްޓަރަށް ކަނޑައެޅި ދާނެ ކަމަށެވެ.

އޭގެ ފަހަތުން، އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރާ އެއްވެސް މީހަކަށް އެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ކަސްޓަމްސް ގާނޫނުގެ 21 ވަނަ މާއްދާ


މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެވޭ މީހަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް ނުލިބޭނެ އެވެ.

ގާނޫނުގައި އެގޮތަށް ބަޔާން ކޮށްފައި ވަނިކޮށް، ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހަކަށް ރިޓަޔަމެންޓް ޕެންޝަން ހަމަޖައްސައިދިނީ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭނގެ އެވެ.

ދިވެހިރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭތުތަކެއް ބޭރުކުރި މައްސަލައިގައި އަބްދުالله ވަހީދުގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަހްމޫދު ރިޔާޒް ވެސް މަގާމުން ވަކިކުރި އެވެ.

ނަމަވެސް، އޭގެ ކުޑަ ދުވަސްކޮޅެއްފަހުން މަޖިލީހުގެ 241 ކޮމިޓީން އަނެއްކާ ވެސް ވަނީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިއާދަކުރަން ފެންނަ ކަމަށް ލަފާ ދޭން ފާސްކޮށްފަ އެވެ.

މަހުމޫދު ރިޔާޒުގެ މަގާމު އިއާދަކުރަން ފެންނަ ކަމަށް 241 ކޮމިޓީން ލަފާ ދިނުމަށް ނިންމީ، އެކަމަށް އެދި ރައީސް މުއިއްޒުގެ ފަރާތުން ހުށަހެލުމެއް ލިބިގެން ކަމަށް، އެ ކޮމިޓީގެ މެންބަރަކު ވިދާޅުވި އެވެ.

މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެ ނިންމުން ނިންމާއެކު، މަހުމޫދު ރިޔާޒުގެ މަގާމު އިއާދަކުރިކަން، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއުލާނު ކުރެއްވީ ނޮވެމްބަރު 8، ގަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީކާ ގުޅިގެން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހްގީގު ކުރެއްވުމަށް ފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި،" ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މަހުމޫދު ރިޔާޒުއާ ގުޅޭ ގޮތުން ކޮމިޓީގެ ނިންމުން ބަދަލުކުރީ 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓު ގެއްލުނު މައްސަލައިގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަން ފަހުން އެނގުމުން ކަމަށެވެ.