މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: އެމެރިކާގެ ބޭސްތަކަށް ހަމަލާދޭން ވެސް މުއިއްޒު ހިތްވަރުދެއްވި -- ފޮޓޯ: ރައީސް އޮފީސް
އިރާނުން ރެއާއި ދުވާލު އިޒްރޭލަށް ހަމަލާދިނުމަކީ އެމަނިކުފާނު ވަރަށް ބޭނުންވެވަޑައިގަންނަވާ ގޮތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، އިރާނުން ހަމަލާދޭން ޖެހޭނީ އިޒްރޭލަށް ކަމަށާއި އެއީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ވެސް ގޮތް ކަމަށެވެ.
"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން،" މުއިއްޒު ވިދާޅުވި އެވެ.
އެމެރިކާއިން އަރަބި ގައުމުތަކުގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ވެސް ރައީސް މުއިއްޒު ވަނީ މިއަދު ހިތްވަރުދެއްވައިފަ އެވެ.
"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު ހިތްވަރު ދެއްވިއިރު އެމެރިކާ ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ. ރާއްޖެ ވަޑައިގެން އުޅުއްވަނީ އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ އެވެ. ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރަން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހަނގުރާމައާ ގުޅޭ ގޮތުން ރާއްޖެއިން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ އެއްވެސް ކަމަކަށް އެމެރިކާއަށް އެހީތެރިކަން ފޯރުނުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު މިއަދު ހިތްވަރުދެއްވިއިރު، އިރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތައް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ. ހާރިޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގައި ޝާމިލުވާ "ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރާ" ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment