Advertisement

ރިޔާސީ ބަޔާން އިއްވާތީ ފެބްރުއަރީ 5، ގައި ސަރުކާރު ބަންދު

މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ: ރިޔާސީ ބަޔާން އިއްވާތީ ފެބްރުއަރީ 5، އަކީ ސަރުކާރު ބަންދު ދުވަހެއް ގޮތަށް ވަނީ ކަނޑައަޅާފައި -- ފޮޓޯ:


ރިޔާސީ ބަޔާން އިއްވާތީ ފެބްރުއަރީ 5، ގައި ސަރުކާރު ބަންދު

އަންނަ ފެބްރުއަރީ 5، އަކީ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮންމެ އަހަރެއްގައި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ 15، ގައި މުއިއްޒު ކަނޑައަޅުއްވާފައިވާތީ، އަންނަ ފެބްރުއަރީ 5، ގައި ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުވާނެ ކަމަށެވެ.

މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަސް ބަންދު ނުކުރަން ނިންމި އެވެ. ނަމަވެސް މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަން މަހަކަށްވުރެ ކުޑަތަންވެފައި ވަނިކޮށް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވާ ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުވާނެ ކަމަށް ކަނޑައަޅުއްވާފަ އެވެ.

މި ސަރުކާރުން ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމި ސަބަބެއްވެސް އަދި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ގޮތަށް ހަމަޖައްސަން ނިންމި ސަބަބެއް ވެސް ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފްތާގައި ޕީއެންސީގެ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިމުނު އަހަރު ކުރެވުނު ކަންތައްތަކާއި މި އަހަރަށް ކުރަން ރާވާފައި ހުރި ކަންކަން އިއުލާންކުރައްވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަން ޖެހޭނެ ކަމަށެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ އެއިރުގެ ހާލަތު ބަޔާންކޮށްދީ، ހާލަތު އިތުރަށް ރަނގަޅު ކުރަން ރައީސް ރާވާފައިވާ ކަންކަން މަޖިލީހަށް އިއްވަން ޖެހެ އެވެ.