8 ޖަނަވަރީ 2026 - 07:47 2
ލީވާން އަލީ ނާސިރު
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުހައްމަދު މުއިއްޒުއާއެކު، އެ ޝޯގެ ހުށަހަޅައިދެއްވި، ޕީއެސްއެމްގެ މިހާރުގެ އެމްޑީ އަހުމަދު ޝަކީބު. -- ފޮޓޯ: ރައީސް އޮފީސް
8 ޖަނަވަރީ 2026 - 07:47 2
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު އައްޔަންކުރުމުގެ ކުރިން، ރައީސް އޮފީހުން ދޭ ހާއްސަ އެލަވަންސްއަކާއެކު އޭނާގެ ޖުމުލަ މުސާރަ 70،000ރ. އަށް ބޮޑުކޮށްފައިވާކަން އެނގިއްޖެ އެވެ.
ޕީއެސްއެމްގެ ގާނޫނު ބުނާ ގޮތުން އެ މުއައްސަސާއަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮތް ތަނަކަށް ވާންޖެހޭއިރު، މުސާރައިގެ ބޮޑު ބައެއް ރައީސް އޮފީހުގެ "ހާއްސަ އިނާޔަތެއްގެ" ގޮތުގައި ކަނޑައެޅުމަކީ ގާނޫނުގެ ރޫހާ ހިލާފު ކަމެކެވެ.
ރައީސް މުހައްމަދު މުއިއްޒުއާއެކު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓު ގެނެސްދެއްވި ޝަކީބު ޕީއެސްއެމްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އޭނާގެ މުސާރައަށް ބަދަލު ގެނައި ކަމަށް، އިތުބާރުކުރެވޭ މަސްދަރުތަކުން ބުންޏެވެ.
ގެއްލުމުގައި ހިންގާ ޕީއެސްއެމްގެ އެމްޑީގެ މުސާރަ ބޮޑުކުރުމަށް ރައީސް އޮފީހުގެ ހާއްސަ އެލެވަންސްގެ ގޮތުގައި ހިމަނާފައި ވަނީ 31،000ރ. ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރައިގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މިފަދަ ހާއްސަ އެލަވަންސެއް އިތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ސަރުކާރުން، އަދި ޕީއެސްއެމްއިން ވެސް ޕީސީބީން ވެސް ހާމައެއް ނުކުރެ އެވެ.
މިދިޔަ ޑިސެންބަރު މަހު ޝަކީބު ޕީއެސްއެމްއާ ވަޑައިގަތުމުގެ ކުރިން އެ ކުންފުނީގެ އެމްޑީގެ މުސާރަ އަކީ 40،000ރ. އެވެ.
ޕީއެސްއެމްގެ އެމްޑީގެ މުސާރަ ސީދާ ރައީސް އޮފީހުގެ ނިންމުމަކަށް ބިނާވެފައި އޮތުމަކީ ޕީއެސްއެމްގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ޕީއެސްއެމްގެ ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައި ވަނީ ޕީއެސްއެމްއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ. އަދި ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.
މީގެ އިތުރުން، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމުން އެއްކިބާވެފައިވާ އަމަލެއް ހިންގައިގެން ނުވާނެ ކަމަށްވެސް ގާނޫނު ލާޒިމުކުރެއެވެ. ނަމަވެސް، އެމްޑީގެ މުސާރައިގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ރައީސްގެ "މުރުވަތްތެރިކަމެއްގެ" ގޮތުގައި އޮތުމަކީ، މުއައްސަސާގެ އެޑިޓޯރިއަލް މިނިވަންކަމަށް އޮތް ސީދާ ނުފޫޒެކެވެ.
(ހ) ޕަބްލިކް ސާވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ. (ށ) ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ. (ނ) ޕަބްލިކް ސާވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސާވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. (ރ) ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ.
ޝަކީބު އަކީ، މުއިއްޒުގެ ވެރިކަމުގައި ޕީއެސްއެމްއަށް އައްޔަން ކުރެއްވި ހަތަރު ވަނަ އެމްޑީއެވެ. އެންމެ ފުރަތަމަ އައްޔަން ކުރެއްވީ، ޒީނާ ޒާހިރު އެވެ. އެއަށް ފަހު މުހައްމަދު ސައީދު އެވެ. އެންމެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގެ މާކެޓިންގެ އިސްވެރިޔަކަށް ގިނަ އަހަރުތަކެއް ހޭދަކުރެއްވި އިބްރާހިމް ނަސްރީން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment