7 ޖަނަވަރީ 2026 - 14:11 0
ލީވާން އަލީ ނާސިރު
މަދީދިއްޔާ ސްކޫލަށް އަންނަ އަހަރު 100 އަހަރު ފުރުމުގެ ގުނާނަ -- ފޮޓޯ: ރައީސް އޮފީސް
7 ޖަނަވަރީ 2026 - 14:11 0
މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރޭތީ "މާހެފުން 99" ނަމުގައި ފެބްރުއަރީ 13، 2026 ގައި މާހެފުމެއް ބާއްވަން އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ނިންމައިފި އެވެ.
އެ ޖަމިއްޔާއިން ބުނީ މާހެފުން ބޭއްވުމުގެ މަގުސަދަކީ އެ ސްކޫލުން ފާއިތުވި އަހަރުތަކުގައި ކިޔެވި ދަރިވަރުންތައް އަހަރީ ދުވަހާ ދިމާކޮށް އެއްތަންކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް ބާއްވާ މާހެފުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 99ރ. އަށް ޓިކެޓެއް ގަނެގެން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މަޖީދިއްޔަ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މާހެފުން ކުރިއަށް ގެންދަން ނިންމާފައިވަނީ ފެބްރުއަރީ 13، ގެ ރޭގަނޑު 20:30 އިން 23:00 ޖަހުމާ ހަމައަށެވެ.
ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލަށް އަންނަ އަހަރު 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު ހަނދާނީ ބިނާއެއް އެ ސްކޫލުގައި 2024 ގައި ވަނީ ބަހައްޓާފަ އެވެ.
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ ފެށުމެވެ. 60 ދަރިވަރުންނާއެކު މަދްރަސަތުލް ސަނިއްޔާގެ ނަމުގައި އެ ސްކޫލް ފުރަތަމަ ހުޅުވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ގެ އިސްނެންގެވުމާއެކު 1927 ވަނަ އަހަރުގެ އޭޕްރިލް 19 ގަ އެވެ. މަދްރަސަތުލް ސަނިއްޔާގެ ނަމުން މަދްރަސަތުލް މަޖީދިއްޔާގެ ނަމަށް ބަދަލު ކުރީ 1947 ވަނަ އަހަރު އެވެ.
2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު ހުޅުވުމާ ހަމައަށް މަޖީދިއްޔާ ސްކޫލަކީ ފިރިހެން ކުދިންނަށް ހާއްސަކޮށް މާލޭގައި ސާނަވީ ތައުލީމު ދިން ހަމައެކަނި ސަރުކާރު ސްކޫލެވެ.
Comment