about 6 hours 0
ލީވާން އަލީ ނާސިރު
މަޖީދިއްޔާ ސްކޫލުގައި އޭސީ ހަރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ: އޭސީ ހަރު ކުރަން ބެލެނިވެރިން އަތުން ވެސް ފައިސާ ނެގި -- ފޮޓޯ: އަދަދު
about 6 hours 0
ބެލެނިވެރިން ވެސް ހަރަދުގެ ބައެއް ދޭ ގޮތަށް، މަޖީދިއްޔާ ސްކޫލުގައި 52 އޭސީ ހަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު "އަދަދު" އަށް ވިދާޅުވީ ސްކޫލުގައި އޭސީ ހަރު ކުރުމަށް ހަރަދު ކުރީ ބެލެނިވެރިންނާއި ޕީޓީއޭގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން ދިން އެހީއާ އެއްކޮށްލައިގެން ކަމަށެވެ.
"ސްޕޮންސާއިންނާއި ބެލެނިވެރިންނާއި، ޕީޓީއޭގެ ފަންޑަށްވުރެ ޕީޓީއޭއިން ފަންޑްރައިޒް ކުރައްވަނީ އެކަންތަކަށް [އޭސީ ހަރު ކުރުމުގެ ހަރަދަށް]. ފަންޑްރައިޒިންގެ އެކި އެކްޓިވިޓީސްތައް ހިންގަވާނެ އެބޭފުޅުން [ޕީޓީއޭ]. ހެޔޮ އެދޭ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް އެހީތެރިވި،" އޭނާ ވިދާޅުވި އެވެ.
އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ އަހަރު ސްކޫލު ހުޅުވެންވާއިރަށް ސްކޫލުގައި އޭސީ ހަރު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭގެއިތުރުން ސްކޫލުގައި އޭސީ ހަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާ އެކު އުސޫލުގެ ތެރެއިންކަން ފާހަގަކުރައްވައި އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލުތައް މިނިސްޓްރީއާ ހިއްސާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ސްކޫލުގައި ވާނެގޮތަކީ ކްލާސް ރޫމެއްގެ ކަމެއް ނުކުރާނެ މިނިސްޓްރީގެ ހުއްދަ ނުހޯދައި. އަނެއްކާ ސްޕޮންސާ އެއްޗެހި ލިބުނަސް، ސްޕޮންސާގެ ތަފްސީލު ވެސް މިނިސްޓްރީއަށް އަރުވާނަން،" އޭނާ ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލުގައި ބެލެނިވެރިންގެ ހަރަދުގައި އޭސީތައް ހަރުކޮށްފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮގްރާމެއް ފަށާފައި ވަނިކޮށެވެ.
ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކެއް އޭސީ ކުރަން އެޑިއުކޭޝަން މިނިސްޓަރީން ނިންމީ ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވުމުންނެވެ. އެޑިއުކޭޝަން މިނިސްޓަރީން އޭރު ބުނީ ކުލާސްތައް އޭސީ ކުރާނީ "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" ކަމަށެވެ.
"ކޫލް ސްކޫލް" ގެ ނަމުގައި އެ މަޝްރޫއު ސަރުކާރުން އިފުތިތާހު ކުރީ ޖޫން 2، ގަ އެވެ. އެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން ސަރުކާރު ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކޮށްފައިވެ އެވެ.
Comment