Advertisement

ދާރުލްއުލޫމް ތައުލީމީ ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 އޮގަސްޓު 2024 - 06:38 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލުގެ އެންމެ އިހުގެ ހަނދާންތަކާއި އެ ސްކޫލަށް 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު އެ ސްކޫލުގެ މުސްކުޅި ދަރިވަރުން ފަރުމާކޮށް ބިނާކުރި، ހަނދާނީ ބިނާ، "ސައްތަވީ ބިނާ" އިފުތިތާހު ކުރުމުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ދާރުލްއުލޫމް ތައުލީމީ ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 އޮގަސްޓު 2024 - 06:38 0

ރާއްޖޭގެ ތައުލީމީ ތާރީހާއި އެ ދާއިރާގެ ވާހަކަ ދައްކުވައިދޭ ދާރުލްއާސާރެއްގެ ގޮތުގައި ދާރުލްއުލޫމް ތަރައްގީ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލުގެ އެންމެ އިހުގެ ހަނދާންތަކާއި އެ ސްކޫލަށް 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު އެ ސްކޫލުގެ މުސްކުޅި ދަރިވަރުން ފަރުމާކޮށް، ބިނާކުރި ހަނދާނީ ބިނާ، "ސައްތަވީ ބިނާ" އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުއިއްޒު ވިދާޅުވީ މަޖީދިއްޔާ ސްކޫލު ބާވެފައި ވާތީ، 40 ކްލާހުގެ އާ އިމާރާތެއް އަންނަ އަހަރު އިމާރާތް ކުރަން ފަށާނެ ކަމަށެވެ. އެތަން ބިނާ ކުރާނީ ކުރިން ދަރުމަވަންތަ ސްކޫލު ހުރި ބިމުގަ އެވެ.

އެ އިމާރާތުގައި ސްމާޓު ކްލާސްރޫމްތަކެއް ވެސް ހަދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ކްލާސްރޫމުތަކުގެ ތެރެއިން ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ ސްމާޓު ކުލާސްތަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ހުރި ތާރީހީ ބިނާ، ދާރުލްއުލޫމު، ތައުލީމީ މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުން މަޖީދިއްޔާ ސްކޫލުގެ ވާހަކަ އާއި ރާއްޖޭގެ ތައުލީމީ ހަޔާތުގެ ވާހަކަ އެތަނުން ފެންނަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ބިނާ އެތައް އަހަރަކަށް ރައްކާތެރިކަމާއެކު ރީތިކަމާއި އާރޯކަމާއެކު ދެމި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދާރުލްއުލޫމްގެ ކުރީގެ ފޮޓޯއެއް. މި ތަން ބިނާކޮށް ހުޅުވީ 1952ގައި


މިފަދަ އަމާޒުތައް ހާސިލު ކުރެވޭނީ ނުގުޑާ ފަދަ އަޒުމެއްގައި ހުރެގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހިތުގައި ބިންވަޅު ނަގާ އަޒުމަކަށް ވާންވީ މި އަޒުމް. ތިމަންނާ ކުރަން އޮތް ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ، ތިމަންނާ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނުގުޑާފަދަ އަޒުމު ކަނޑައެޅުމަށް، ރައީސްގެ ކުރު ތަގުރީރުގައި ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި މަޖީދިއްޔާ ސްކޫލުގައި އެ މަނިކުފާނު ތައުލީމު ހާސިލް ކުރެއްވި ދުވަސްވަރުގެ ބައެއް ހަނދާތައް ވެސް ހިއްސާ ކުރެއްވި އެވެ.

ދާރުލްއުލޫމަކީ ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީނު ބިނާ ކުރެއްވި ތަނެކެވެ. އެތަން ހުޅުވީ 1952 ގަ އެވެ. މުހައްމަދު އަމީން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން ދައުލަތުގެ މުހިއްމު އެތައް ހަފުލާއެއް އެތަނުގައި ބާއްވާފައިވެ އެވެ.