Advertisement

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އިސްތިއުފާ ދީފި

ޑރ. އަޝްރަފް: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ


ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އިސްތިއުފާ ދީފި

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މަގާމުން އަޝްރަފް އިސްތިއުފާ ދީފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު އޭނާ މަގާމުން އިސްތިއުފާ ދިން ސަބަބެއް ނޭނގެ އެވެ.

އޭނާ ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މަގާމަށް އިންތިހާބުވީ އޯގަސްޓް، 2021 ގަ އެވެ.

ދިވެހި ބަހުގެ އެކަޑަމީގައި އަޝްރަފްގެ އިތުރުން ހަތަރު މެންބަރުން ތިއްބަވަ އެވެ. އެ އެކަޑަމީއަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަން ކުރައްވާވާއިރު، ރައީސާއި ނައިބްރައީސް ހޮވަނީ މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މަގާމުގައި އަޝްރަފް ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެތަން ހިންގުމަށް މަށް ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށްފަ އެވެ.

ޑިސެމްބަރު 5، 2024 ގައި މިނިސްޓަރު އާދަމް ނަސީރު ފޮނުއްވި މެމޯގައި ވިދާޅުވެފައި ވަނީ؛ "ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން 2024 ނޮވެންބަރު 26 އިން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވާނީ މި ވުޒާރާގެ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖު، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބު އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ."

ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން 2009 ގައި އުފެއްދި ބަހުގެ އެކަޑަމީ ހިންގަން ފަސް މެންބަރުންގެ ބޯޑެއް އައްޔަން ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންވެ، މިނިސްޓަރު ފޮނުވި މެމޯގެ ގާނޫނީ ބާރުވެރިކަމެއް ނެތް ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

ބަހުގެ އެކަޑެމީ ހިންގުމަށް މިނިސްޓަރުގެ މެމޯއަކުން އައްޔަން ކުރި ވަހީދު އަކީ، މިހާރު ވެސް ބަހުގެ އެކެޑަމީގެ މެމްބަރެކެވެ.