Advertisement

އަންނަ އަހަރުގެ ބޮޑު ދަރަނި ދައްކަން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރަށް ފައިސާ ހޯދުމުގެ ކަަންކަމުގެ މަޝްވަރާތަކުގެ އިސްކޮށް އުޅުއްވަނީ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް


އަންނަ އަހަރުގެ ބޮޑު ދަރަނި ދައްކަން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

އަންނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި އެކަމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ މަޝްވަރާ ކުރަމުން އަންނަކަން އެނގިއްޖެ އެވެ.

ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން އަދަދު އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އެ ލޯނު ނަގަން ހަމަޖެހިފައިވަނީ ކޮން ތަނަކުން ކަމެއް، އެއީ ކިހާ ވަރެއްގެ އިންޓްރެސްޓެއްގައި ނަގާ ލޯނެއް ކަމެއް ނޭނގެ އެވެ. 300 މިލިއަން ޑޮލަރަކީ 4.6 ބިލިއަން ރުފިޔާ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އަދި ބަހެއް ނުލިބެ އެވެ.

މުއިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އޭގެ ތެރެއިން ދަރަނި ދެއްކުމަށް އަންނަ އަހަރު 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓު ފޮތުން އެނގެ އެވެ. ހަމައެކަނި އެޕްރީލް މަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެ އެވެ.

އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކަން ޖެހެނީ އެޕްރީލް 8، 2026 ގަ އެވެ. އަދި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑަށް ފައިސާ ދައްކަން ޖެހޭ މުއްދަތަކީ އެޕްރީލް 26، 2026 އެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ދަރަންޏާއެކު އަންނަ އަހަރު ދަރަނި ދެއްކުމަށް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެ އެވެ.

އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް އެޕްރީލް 2021، ގައި ވިއްކީ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ޖީއެމްއާރަށް ފައިސާ ދައްކާށާއި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ވިއްކި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" ރީފައިނޭންސް ކުރުމަށާއި ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ގެއްލުމުން ހަރަދުތައް ފޫބެއްދުމުގެ ގޮތުންނެވެ.

ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޑިފޯލްޓްނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖަހައި، ރާއްޖޭގެ ދަރަނިތައް އަދާކުރަމުން، ރާއްޖޭގެ އެތެރޭގެ ދަރަނިތަކާއި، ބޭރުގެ ދަރަނިތައް އަދާކުރަމުން، ހުރިހާ ކަމެއް ކުރަމުން މިގެންދަނީ،" ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރުމަށް ޑިސެމްބަރު 21، ގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކުރުމުން އެކަމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް ހާމަނުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހެޔޮ އަގުގައި ފައިނޭންސިން ހޯދުމަށް ދަތިވާނެ

ދަރަނި ދެއްކުމާއި ޑެފިސިޓު ފޫބެއްދުން ހިމެނޭހެން ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.

ސަރުކާރުން ވިސްނާފައި އޮތީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ބޭނުންކޮށްގެން ސުކޫކު ރީފައިނޭސްކުރަން، ނުވަތަ އެ ނޫން ވެސް ގޮތަކުން ރީފައިނޭންސް ކުރާށެވެ. ސަރުކާރުން ނެގުމަށް މަޝްވަރާ ކުރަމުންދާ ލޯނަކީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ކަމަށް ނުބެލެވެ އެވެ.

ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރާއިރު، ހެޔޮ އަގެއްގައި ރީފައިނޭންސް ކުރަން ދަތިވާނެ އެވެ. ސަބަބަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމެވެ. ރޭޓިން ދަށް ދުވަސްވަރެއްގައި ދަރަނި ނަގާނަމަ، ދަރަނި އަދާކުރުމުގެ އަގު ބޮޑު ވާނެ އެވެ.

ދިވެހި ސަރުކާރަށް ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ބަލައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދެމެހެއްޓީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

"ސީއޭއޭ-1" ގައި މިދިޔަ އަހަރުގެ މެދުތެރޭ ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

ލޯނު ދައްކަން ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުންކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ފަންޑުގައި މިހާރު ވެސް ނަގުދު ފައިސާއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެބަ ހުރި ކަމަށް ސަރުކާރުން ބުނެ. އަންނަ އަހަރު އެސްޑީއެފް ބޭނުންކޮށްގެން ދަރަނި ދައްކަން 4.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން އޮތީ ރާވާފަ އެވެ.

ސުކޫކު ރީފައިނޭންސް ކުރުމާ އެކު ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމަކީ ސަރުކާރުގެ މި އަހަރުގެ ވެސް ޕްލޭނެވެ. އެކަމަކު މި އަހަރު ބަޖެޓުގައި ރޭވި ގޮތަށް ބޭރުން ފައިސާ ނުލިބެ އެވެ. އަދި ސުކޫކު ދެއްކުމުގެ ކުރިން ހެޔޮ އަގެއްގައި ދަރަންޏަށް ފައިސާ ނުލިބޭނެ ކަމަށް ބައެއް މާހިރުން ގަބޫލުކުރެ އެވެ.