Advertisement

މަޝްރޫއުތައް ކުރިއަށް ގެންދަން ހުއްދަ ނުދިނީ ކޮން ކައުންސިލްތަކެއްކަން ސަރުކާރަކަށް ނުބުނެވުނު

ރައީސް މުއިއްޒު އާއި އިފްރާސްޓަރަކްޗާ މިނިސްޓަރު މުއްތޮލިބް -- ފޮޓޯ: ރައީސް އޮފީސް


މަޝްރޫއުތައް ކުރިއަށް ގެންދަން ހުއްދަ ނުދިނީ ކޮން ކައުންސިލްތަކެއްކަން ސަރުކާރަކަށް ނުބުނެވުނު

ބައެއް ރަށްރަށުގެ ކައުންސިލްތަކުން މަޝްރޫއުތަކަށް ބިން ހަވާލުނުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ސަރުކާރަކަށް ނުބުނެވުނެވެ.

މިދިޔަ ފެބްރުއަރީ 26، 2026 ގައި މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ބައެއް މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. މިކަމާ ގުޅިގެން "އަދަދު" އިން ސާފުކުރަން ބޭނުންވި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ؛

  • ބިން ހަވާލުނުކޮށްގެން މަޝްރޫއުތައް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައިތޯ؟
  • އެއީ ކޮން ކަހަލަ މަޝްރޫއުތަކެއްތޯ؟
  • އެ މަޝްރޫއުތަކަށް ސަރުކާރުގެ ބަޖެޓުން ކަނޑައަޅާފައިވަނީ ކިހާ ފައިސާއެއްތޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި މި ސުވާލުތަކަށް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޖަވާބު ދިނުމުގެ ބަދަލުގައި، ރައީސް އޮފީހުން ވަނީ 14 ދުވަހުގެ މުއްދަތެއް އިތުރުކޮށްފަ އެވެ.

ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން ހުށަހަޅާ ސުވާލުތަކަށް 21 ދުވަސްތެރޭގައި މައުލޫމާތު ދޭންޖެހެ އެވެ. އެ މުއްދަތު 14 ދުވަހަށް އިތުރު ކުރެވިދާނެ ކަމަށް ގާނޫނުގައި އޮތަސް، ގާނޫނު ބޮޑަށް ބާރު އަޅަނީ ވީހާ ވެސް އަވަހަކަށް މައުލުމާތު ފޯރުކޮށް ދިނުމަށެވެ.

މިހާތަނަށް އަދަދު ނޫހުން ވާހަކަ ދެއްކި ކައުންސިލްތަކުން ބުނެފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ނުފެށި އޮތީ ބިން ހަވާލު ނުކޮށްގެން ނޫން ކަމަށެވެ. ރައީސް ދެއްވި އެ ވާހަކަ އައްޑޫ، ފުވައްމުލައް އަދި ތިނަދޫގެ މޭޔަރު ވެސް ދޮގުކުރެއްވި އެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކައަކީ ކައުންސިލުތަކުގެ އަގު ވައްޓައިލުމަށް މި ސަރުކާރުން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.

"ބަލަންވާ ވަރަށް ނުބަލައި، އަދި ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ޒިންމާދާރުކަން ކުޑަކޮށް ކައުންސިލްތަކުގެ އަގު ހަމަ ތަކުރާރުކޮށް މި ސަރުކާރު އައިއްސުރެ ކައުންސިލްތަކުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރެވޭ، އޭގެން، އެ ސިލްސިލާގެ ތެރެއިން ހިނގާދިޔަ ވާހަކަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ މި ކަން ވެސް ހިނގައިދިޔައީ،" ނިޒާރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 150 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ނުދީ، އެ ސިޓީގެ ތަރައްގީ އަށް ހުރަސް އަޅާފައިވާ ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެފައިވެ އެވެ.

އަދަދު ނޫހުން ގެނެސްދޭ "ފެންނަނުފެންނަ" ޕްރޮގްރާމުގައި އާތިފު ވިދާޅުވީ ބައެއް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ނުފެނި އޮތީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ކުޅުދުއްފުށްޓަށް އަންނަ ތަރައްގީ [ކައުންސިލުން] ހިފަހައްޓާނެ ކަމަށް ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ މިއަދު. މާކުރީގެ ވިސްނުންފުޅަކާއިގެން އެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ،" އާތިފު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ ސަރުކާރުގެ ސަބަބުން ކަމަށް އެއްބަސްނުވެ މުއިއްޒު ދާދި ފަހުން ވިދާޅުވީ 57 ރަށެއްގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި އޮތީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު ލާމަރުކަޒީ ގާނޫނު ބަދަލުކޮށްފައިވާ ގޮތުން ކައުންސިލަކުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެވެ.

ރަށު ކައުންސިލެއް، އަތޮޅު ކައުންސިލެއް އަދި ސިޓީ ކައުންސިލެއްގެ ހުއްދަ ނުލިބެގެން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ނުގެންދެވިގެން ރައީސް އޮފީހުން އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާތަކުން ތިޔަ އިދާރާގެ ހުއްދައަށް އެދި ހުށަހަޅާފައިވޭތޯ ސާފުކުރުމަށް ލޯކަލް ކައުންސިލް އޮތޯރިޓީ އަށް ހުށަހެޅި ސުވާލުތަކަށް ޖަވާބު ނުދީ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ލޯކަލް ކައުންސިލް އޮތޯރިޓީއަށް ހުށަހެޅި ސުވާލުތައް؛

  • ރަށު ކައުންސިލެއް، އަތޮޅު ކައުންސިލެއް އަދި ސިޓީ ކައުންސިލެއްގެ ހުއްދަ ނުލިބެގެން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ނުގެންދެވިގެން ރައީސް އޮފީހުން އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާތަކުން ތިޔަ އިދާރާގެ ހުއްދައަށް އެދި ހުށަހަޅާފައިވޭތޯ؟ ހުށަހަޅާފައި ވާނަމަ އެ މަޝްރޫއުއަކީ ކޮބައިކަމާއި އަދި އެ ރަށަކީ ކޮބައިތޯ؟
  • މަޝްރޫއު ކުރިއަށް ގެންދިޔުމަށް ލޯކަލް ގަވާމެންޓުގެ ހުއްދަ ދީފައި ވަނީ ކިތައް ރަށަށްތޯ؟
  • މިފަދަ ކަމާ ގުޅިގެން އެއްވެސް ކައުންސިލަކާމެދު ފިޔަވަޅެއް އަޅާފައިވާނަމަ އެއީ ކޮން ފިޔަވަޅެއްތޯ އަދި ފިޔަވަޅު އެޅީ ކޮން ތާރީހެއްގައިތޯ؟
  • ލޯކަލް ގަވާމެންޓު އޮތޯރިޓީގެ ހުއްދަށް އެދި ސަރުކާރުގެ އޮފީސްތަކުން ފޮނުވި ސިޓީގެ ކޮޕީ؟