Advertisement

ވޯޓު އަޅައިގެން 2028 ގެ އިންތިހާބެއް މުއިއްޒުއަށް ނުނެގޭނޭ: ފިއްޓޭ

މެންބަރު ފިއްޓޭ.


ވޯޓު އަޅައިގެން 2028 ގެ އިންތިހާބެއް މުއިއްޒުއަށް ނުނެގޭނޭ: ފިއްޓޭ

ރާއްޖޭގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ރައީސް މުހައްމަދު މުއިއްޒުއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "ކުޅިކޮށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވި ގޮތުގައި އެޕްރީލް ހަތަރެއްގައި މި ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބު މުއިއްޒުއަށް ކާމިޔާބުނުކުރެވޭ މަންޒަރު ފެންނާތީ ނަގަން އުޅޭ ވޯޓެއް ކަމަށެވެ.

"ގާނޫނުއަސާސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ވޯޓަކާ ހަމައަށް ދާއިރު އިލެކްޝަންސް ކޮމިޝަނުން ދީފިއްޔާ ލިބިދާނެ [ވެރިކަން]،" ފިއްޓޭ ވިދާޅުވި އެވެ.

ހަމައެހެންމެ ރިޔާސީ އިންތިހާބުގެ ވޯޓު ޕްރިފަރެންޝަލް ނިޒާމަކަށް ބަދަލުކުރުމަށް ވެސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިއްޓޭ ވިދާޅުވި އެވެ. ގާނޫނުއަސާސީއަށް މުއިއްޒު ބޭނުންވާ އެފަދަ ބަދަލުތައް ގެންނަމުން ދަނީ ދެވަނަ ދައުރެއް ހޯދުމަށް ކަމަށް ވެސް ފިއްޓޭ ވިދާޅުވި އެވެ.

"މުއިއްޒުގެ ހުރިހާ ވެސް ވިސްނުމަކީ ދެވަނަ ދައުރެއް. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުން މަޖިލިސް ނެގީ. މެޖޯރިޓީ ރައްޔިތުން ދިނީމާ ގާނޫނަކުން މުއިއްޒުގެ ބާރުގެ ދަށަށް ގެނައީ. ދެވަނަ ކަމަކީ ކޯޓުތައް، ފަނޑިޔާރުގެ މުއިއްޒުގެ އަތް ދަށަށް ގެނައީ،" ފިއްޓޭ ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނެތް ކަމަށާއި މިނިވަން މުއައްސަސާތައް ވެސް މިނިވަންކަމާއެކު ހިންގުމުގެ ޖާގަ ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފިއްޓޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ 2028 ވަނަ އަހަރު އެ ދެ އިންތިހާބު އޮންނާނީ އެއް ދުވަހެއްގަ އެވެ.