މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިނގި މުހިންމު ކަންކަމުގެ ތެރެއިން އެއް ކަމަކީ، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ސުތުރާގެ ނަމުގައި ހަދާފައި ހުންނަ އުފުލާ ގެންގުޅެވޭ ސާމާނުތަކަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ފަތުވާ ކައުންސިލުން ފަތުވާއެއް ނެރުއްވުމެވެ. އަދި އެ ފަތުވާ ނެރުއްވުމާއެކު އިސްލާމިކް މިނިސްޓަރު އެ ފަތުވާ ތަންފީޒުކުރައްވާނެކަން އާންމުކުރައްވައި، މިސްކިތްތަކުގައި ސުތުރާގެ ނަމުގައި ހުރި ތަކެތި ނަގަންޖެހޭކަމުގެ ބަސްފުޅު ވިދާޅުވެ، އަޅުގަނޑު ހިތުން މި ލިޔުން ލިޔާއިރު، އެކަން އޮންނާނީ ތަންފީޒުވެ ނިމިފައިވެސްމެއެވެ.
ސުތުރާ ނެގުމޭ މި ކިޔެނީ ނަމާދުކުރުމުގައި މީހުން ކުރި ކަނޑާފާނެތީ އެމީހެއްގެ އިސްކޮޅަށްވުރެ އެބަހީ ސަޖިދަ ޖަހާނެ ހިސާބަށްވުރެ ކުޑަ ތަންކޮޅެއް ނަމަވެސް ހުސްތަންކޮޅެއް ދޫވާ ގޮތަށް ނަމާދަށް ހުންނައިރުގައި އެއްޗެއް ކުރިމަތިކުރުމަށެވެ. އެއީ މިސްކިތެއްގެ ފާރުވިޔަސް ނުވަތަ ތަނބެއް ވިޔަސް ނުވަތަ އެހެންވެސް އެއްޗެކެވެ.
މިމައުލޫގައި އައިސްފައިވާ ވަރަށް ގިނަ ހަދީސްތަކާއި ރިވާޔަތްތައް ބެއްލެވުމަށްފަހު ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަނި ހުރެ ނަމާދުކުރާ މީހާއާއި ޖަމާއަތެއް ނަމާދުކުރާއިރު އިމާމަކަށް ހުންނަ މީހާ ސުތުރާއެއް ނެގުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ބޮޑެތި ފިޤުހުވެރިންކުރެ އުސޫލީ އެއްވެސް ބޭފުޅަކު އެއީ ވާޖިބެއްކަމުގައި ވިދާޅުވެފައި ނުވެއެވެ. އަދި ސުތުރާއެއްގެ ގޮތުގައި ދަމާލެވޭ ރޮނގަކުންވެސް ފުދިގެންވާ ކަމަށް ރިވާޔަތްތައް އެބަހުއްޓެވެ. މިހާރު މިޒަމާނުގައި މިސްކިތްތަކުގައި ސަފުތައް ތަރުތީބުކުރުމުގެ ބޭނުމަށް ރޮނގުދެމިފައި ހުންނާތީ މީކީ މާބޮޑު މައްސަލަތަކާ ދެބަސްވުންތަކާއި އަރާރުންތައް އުފެދެންޖެހޭ ޒާތުގެ ކަމެއް ނޫނެވެ.
މިހާ ފަސޭހަ ސާދާކޮށް އޮތް ކަމެއްގައި، އެތައް މިސްކިތެއްގައި ސުތުރާގެ ނަމުގައި ތަފާތު ބާވަތުގެ ތަކެތި ހަދައި، އެކަން އާންމުވެގެން އެއީ ޝިރުކަށް ވެސް މަގުފަހިވެދާނެ ކަމެއްކަމަށް ފެނިގެން ދިވެހިރާއްޖޭގެ ފަތުވާ ކައުންސިލުން ބަސްފުޅެއް ވިދާޅުވާންޖެހުނީ ކީއްވެތޯއާއި އެހާ ސާދާ ކަމެއް އެހާ ބޮޑު ކަމަކަށް ދިވެހިންގެ ތެރޭގައި ވެގެން މިދިޔައީ ކީއްވެތޯ މިއީ ވިސްނާލަން އެންމެ ރަނގަޅު މައްސަލައެކެވެ.
ވަރަށް ކުރުކޮށްފައި ދަންނަވާނަމަ، ސަހާބީންގެ ޒަމާނުން ފެށިގެން، މިއަދާ ހަމައަށް އިސްލާމީ އިލްމުވެރިންގެ މެދުގައި ދެ ބާވަތެއްގެ ފިކުރެއް އޮވެއެވެ. އިސްލާމީ ތާރީހުގައި އެކި އިރަށް އެކި ނަމުން މިކަން ސިފަކުރެވެމުން އައިސްފައިވެއެވެ.
ޤުރުއާނާއި ސުންނަތުން އައިސްފައިވާ ނައްސުތަކުގެ ބޭރުފުށުގެ އާންމު މާނައަށް އިސްކަންދިނުމުގެ ފިކުރަކާއި، އެޔަށްވުރެ ޝާމިލްކޮށް މަގުސަދުތަކާއި ސަބަބުތަކަށް އިސްކަންދިނުމުގެ ފިކުރެކެވެ. ހަނި ވިސްނުމެއް ގެންގުޅޭ އިލްމުވެރިންނާއި ފުޅާ ވިސްނުމެއް ގެންގުޅޭ އިލްމުވެރިންނޭ ބުންޏަސް އެވާނީ އިލްމުވެރިންނަށް އަޅުގަނޑު ކުޑައިމީސްކުރީކަމުގައެވެ. އެއްބަޔަކު ކިއީ އަހުލުއްރައުޔު ވަ އަހްލުލް ހަދީސެވެ. ހަދީސްގެ އަހުލުވެރިންނާއި ރައުޔުގެ އަހުލުވެރިންނެވެ. އަނެއް ބަޔަކު ކިޔަނީ ކޮންޒަރވޭޓިވް ވިސްނުމާއި ޕްރޮގްރެސިވް ވިސްނުމެވެ.
އިސްލާމީ އުންމަތުގައި މިފަހުން އުފެދުނު ހޭލުންތެރިކަމުގެ ނުވަތަ ހޭލައްވާލުމުގެ އެކި ހަރަކާތްތައް އިސްލާމީ އުންމަތުގެ އެކި ދިމާއިން ފެންމަތިވެގެން އައިއިރުވެސް ހަމަ މި ތަފާތު ބަލާފައި ވިސްނާ މީހަކަށް ފާހަގަކުރެވޭނެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ނަޖިދުން އުފަންވި އަލިގަދަ ތަރި މުހައްމަދު ބިން ޢަބްދުލްވައްހާބް ގެ ޝަރަފުވެރި ހަރަކާތެވެ. އެ ހަރަކާތް ގަރުނުތަކަށް ދެމެމުން ގޮސް، އެހަރަކާތުގެ ތެރެއިން އުފަންވެގެން އައި ބޮޑެތި މުސްތަގިއްލު އިމާމުންވެސް މަދެއް ނޫނެވެ. މަޝްހޫރު ބޮޑެތި އިލްމުވެރިންގެ ގޮތުގައި ދިވެހިންގެ ގިނަ ބަޔަކު ވެސް މިފަހުން ދަންނަ މުހައްމަދު ބިން އަލްޢުޘައިމީންއާއި ޢަބްދުﷲ ބިން ބާޒާއި މުހައްމަދު ނާޞިރުއްދީނުލް އަލްބާނީއާއި އަދި އެނޫންވެސް ސުޕަރ ސަލަފްގެ އިލްމުވެރިންނަކީ ވެސް މުހައްމަދު ބިން ޢަބްދުލްވައްހާބްގެ ސްކޫލަށް ނިސްބަތްވާ އިލްމުވެރިންނާއި ދާއީންނެވެ.
އިންސާފުވެރި ނަޒަރަކުން ދިރާސާއެއް ހައްދަވައިފިނަމަ، މިދިޔަ ހަފުތާގައި އަޅުގަނޑު ލިޔުނު ލިޔުމުގައި ހަވާލާދިން އިސްލާމީ މުފައްކިރު މުހައްމަދު ޢަބްދޫ އަކީ ވެސް މިދެންނެވި ފަދަ ހަރަކާތެއް ބިނާކުރެއްވި މުހައްރިކެކެވެ. ތަފާތަކީ މަންހަޖެއްގެ ތަފާތެވެ. މުހައްމަދު އަބްދޫއަކީ މާސޫނީއެއްކަމަށް އޭނާގެ ދުޝްމަނުން އަޑުއެރުވި ނަމަވެސް، އެއީ ދޮގެއްކަން އޭނާގެ ފޮތް ރިސާލަތުއްތައުޙީދް ވިދާޅުވީމާ ޔަގީންވާނެއެވެ. އަދި އޭނާ މިސްރުގެ މުފްތީ އާންމުގެ ގޮތުގައި ހުރެ ކުރެއްވި ގިނަ ކަންކަމާއި އުންމަތް އިގުތިސާދީ ގޮތުން ކުރިއަރުވަން ކުރެއްވި މަސައްކަތްޕުޅުތަކާއި އޭރު މިސްރުގެ ވެރިޔަކަށް ހުރި ހުދު އޭނާ މުފްތީއެއްގެ ގޮތުގައި ކަނޑައެޅުއްވި ވެރިމީހާއާ ދެކޮޅަށް ވެސް ކުރެއްވި އިހުތިޖާޖްތައް ދިރާސާކުރެއްވުމުން ތިޔަ ޝައްކު ފިލައިހިނގާދާނެއެވެ.
މިފަހު ޒަމާނުގެ މިޞްރުގެ ބޮޑެތި ޢިލްމުވެރިންގެ ގޮތުގައި ނަންހިނގި، އުސްތާޒު މުހއްމަދު ރަޝީދު ރިޟާއާއި ޢައްލާމާ ޝަލްޠޫތާއި މުހައްމަދުލްޣަޒާލީއާއި ޑރ ޔޫސުފުލް ޤަރަޟާވީ ފަދަ ބޭބޭފުޅުންނަކީ އިމާމް މުހައްމަދު ޢަބްދޫގެ ފިކުރުން ފައިދާ ލިބިގަތް މަޝްހޫރު ބޭބޭކަލުންނެވެ.
ތެދެކެވެ. އެބޭފުޅުންގެ ފޮތްފޮތުގައި މުހައްމަދު ޢަބްދޫއަށް ފާޑުވިދާޅުވި ކަންކަންވެސް އެބަހުއްޓެވެ. އެހެނީ ކޮންމެ އިންސާނަކާއި ކޮންމެ އިންސާނެއްގެ އިޖުތިހާދުން އުފައްދާ މަންހަޖުތަކާއި ދައުވަތުތަކަކީ އޭގައި އުނިކަންކަން ހުންނާނެ ކަންކަމެވެ. އުނިކަމެއް ނުވަނީ އުނިކަމެއް އެކަލާނގެ ޒާތުފުޅަށް ނިސްބަތްވުން މުސްތަހީލު މާތް ﷲ ބާވާލެއްވި ފޮތާއި އެކަލާނގެ ނަބިއްޔާގެ ދޫފުޅުން ބާވާލެއްވުނު ގޮތުގައެވެ. ނަމަވެސް އެފޮތާއި ސުންނަތުގައި ހުރި ކަންކަމަށް އިންސާނާގެ އުނި ބުއްދިން ދެވޭ މާނަޔާއި ދޭހައިގައި އުނިކަން ހުރުމަކީ އިންސާނީ ތަބީއަތެވެ.
ސުތުރާގެ ވާހަކައަށް އެނބުރި ވަޑައިގަންނަވާށެވެ. ގިނަ އިސްލާމީ ގައުމުތަކަކޭ އެއްފަދައިން ދިވެހިރާއްޖޭގެ އިސްލާމީ ދައުވަތާއި އިސްލާމީ ވެށީގައި މިއަދު ލީޑްކުރަނީ ނަޖިދުގެ ތަރި މުހައްމަދު ބިން ޢަބްދުލްވައްހާބްގެ ސްކޫލަށް ނިސްބަތްވެވަޑައިގަންނަވާ އިލްމުވެރިންގެ ރައުޔުތަކެވެ.
ސުތުރާއެއް ނެގުމުގެ އާންމު ހުކުމަކީ ސުންނަތްވެގެންވުންކަމަށާއި އެއީ ވާޖިބެއް ކަމަށް އުސޫލީ އެއްވެސް އިލްމުވެރިއަކު ވިދާޅު ނުވާ ކަމަށް އަޅުގަނޑު މި ލިޔުމުގެ ވަކި ހިސާބެއްގައި ދަންނަވާފައިވާނެއެވެ. މަޝްހޫރު ހަދީސް އިލްމުވެރިޔާ އިމާމް މުހައްމަދު ނާޞިރުއްދީނުލްއަލްބާނީ ދެކެވަޑައިގަންނަވާ ގޮތުގައި ސުތުރާއެއް ނެގުމަކީ، ދޫކޮށްލުން ފާފަވެރިވާނެ ވާޖިބެކެވެ.
އިމާމް ނާޞިރުއްދީނުލްއަލްބާނީއާއި އަދި އެނޫންވެސް މުހައްމަދު ބިން ޢަބްދުލްވައްހާބްގެ އިސްލާމީ ތުރާސަށް ނިސްބަތްވާ ގިނަ އިލްމުވެރިންގެ މަސައްކަތްޕުކީ ތައުރީފު ހައްގު ހިދުމަތްތަކެކެވެ. ނަމަވެސް އެބޭކަލުންގެ ހަރަކާތުގައި ވެސް އުނިކަންކަން ހުންނާނެ ކަމަށް ގަބޫލުކުރުމަކީ އެއްވެސް އިންސާނަކު މައުސޫމްކަމަށް ގަބޫލުނުކުރުމުގެ އިސްލާމީ ފަލްސަފާއާ ގުޅުންހުރި ކަމެކެވެ.
މައްސަލައިގެ ހައްލަކީ، އިސްލާމީ ހުރިހާ ސްކޫލްތަކެއް އަދި ހުރިހާ ފިކުރުތަކެއްގެ މުއްސަނދި ސަގާފަތެއް ރާއްޖޭގައި އަށަގެންނެވެމަށް މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ އިސްލާމިކް މިނިސްޓްރީއާއި ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ ނަގާ ކިޔާ އިލްމުވެރިން، ވަކި ފިކުރެއްގެ އިލްމުވެރިންގެ ބަސްފުޅުތަކަށް އިސްކަން ދެއްވި ނަމަވެސް، މުއްސަނދި އިސްލާމީ ތަރިކައިގެ އެހެން ހަރަކާތްތަކަށް އަދާވާތްތެރިކަމާއެކު ހަމާލާދެއްވުން ހުއްޓަވާލައްވައިގެންނެވެ.
ޒަމާނީ އިލްމުތަކުގައި ހޭލުންތެރިވަމުންދާ ދިވެހި ޒުވާން ޖީލުގެ ހުޅުވިފައިވާ ސިކުނޑިތަކަށް އިސްލާމް ދީނުގެ ތަރުބިއްޔަތު ދިނުމަށް އިސްލާމީ ފިކުރީ މަދަރުސާތަކާއި އަހުލުއްރައުޔުގެ އިލްމުވެރިންގެ ސްކޫލްތަކާއި މަޒުހަބުތައް ހުރިކަން އަންގައިދޭންޖެހެއެވެ. ހަނިވިސްނުންތަކާއި ސަބަބުވެރި ނޫން ބައެއް ފަތުވާތަކަކީ ބަޔަކު މީހުންނަށް ކިތަންމެ ކަމުދިޔަސް، އެކަމުގެ ސަބަބުން ދީނާ މެދު ބުއްދީގެ އަހުލުވެރިން ފިތުނަވެރިވެދާނެ ކަމެއްކަން ވެސް ގަބޫލުކުރަންޖެހެއެވެ.
ދީނީ ފަތުވާދޭ މީހުންނާއި ދައުވަތުދޭ މީހުން އެބައިމީހުންގެ ހަރަކާތްތައް ބިނާކުރަންޖެހޭ ގަވާއިދުތަކުގެ ތެރެއިން އެއްކަމަކީ ޒަމާނީ ބަހުރުވައާއި ބަސްމަގުން މީސްތަކުންނާ މުހާތަބުކުރުމެވެ. އިބްރާހީމް ސޫރަތުގެ 4 ވަނަ އާޔަތަށް ވިސްނާވަޑައިގަންނަވާށެވެ! "ތިމަންކަލާނގެ އެއްވެސް ރަސޫލަކު އެބޭކަލެއްގެ ގައުމުގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެމީހުންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ." ދީނަށް ގޮވާލުމަކީ ރަސޫލުބޭކަލުންގެ މަންހަޖުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ.
އާދޭހެވެ އެބަޔެއްގެ ބަހާއި ބަހުރުވައެވެ. މިޒަމާނުގައި މީސްތަކުންނަށް ދީނަށް ގޮވާލުމާއި ދީނީ އިލްމުފެތުރުމުގައި އެބައިމީހުންގެ ޒަމާނީ ބަހުރުވަކަމުގައިވާ މަންތިގީ އުސޫލުތަކަށް އިސްކަންދޭންޖެހޭނެއެވެ. އިސްލާމީ ގޮތަކީ މަންހަޖަކީ އެއީއެވެ.
Comment