Advertisement

އިގްތިސާދީ އަދި ދީނީ ގޮތުން ރާއްޖެ ކުރިއަށްދާ މިސްރާބު ޝަހީމަށް ރަނގަޅު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: އިގްތިސާދާއި ދީނީ ގޮތުން ރާއްޖެ ކުރިއަށްދާ މިސްރާބު ރަނގަޅު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އިގްތިސާދީ އަދި ދީނީ ގޮތުން ރާއްޖެ ކުރިއަށްދާ މިސްރާބު ޝަހީމަށް ރަނގަޅު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިގްތިސާދީ، ދީނީ އަދި އިޖުތިމާއީ ގޮތުން ވެސް ރާއްޖެ ކުރިއަށްދާ މިސްރާބު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީން މާލޭގައި ތިނަދޫ ސިޓީގެ ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ މިސްރާބު ހުރީ ވަރަށް ވެސް ހެޔޮ އަމާޒަކަށް ކަމަށެވެ.

"ރާއްޖޭގައި މިހާރު މިއޮތް ހެޔޮ ދުވަސްތައް އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވޭ. މިގޮތުން މިކުރެވޭ މަސައްކަތްތަކުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ރާއްޖެ ދަތުރުކުރަމުން މިދަނީ ﷲ ގެ މަތިވެރި ރަހްމަތްފުޅާއެކުގައި ވަރަށްވެސް ހެޔޮ އަމާޒަކަށް،" ޝަހީމް ވިދާޅުވި އެވެ.

"އިޖުތިމާއީ ގޮތުންވެސް، ދީނީ ގޮތުންވެސް އަދި އިގްތިސާދީ ގޮތުންވެސް ﷲ އިރާދަކުރެއްވިއްޔާމުން ރާއްޖެ ދަތުރުކުރަމުން މިދަނީ ރަނގަޅު އަމާޒަކަށް."

އިސްލާމިކް މިނިސްޓަރު އެހެން ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ބިލިއަނުން ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި އަހަރުގެ މެދު ތެރޭގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ބޮޑު ބޭރު ދަރަންޏެއް ވެސް ދައްކަންޖެހެ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރެއްހާ ދުވަހު ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކާބޯތަކެތީގެ އަގު ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 4.18 ޕަސެންޓު އުފުލިފަ އެވެ. ވެއެތުވެދިޔަ އަހަރު ދުވަސް ތެރޭގައި މަހުގެ އަގު ވެސް ވަނީ 6.45 ޕަސެންޓު އުފުލިފަ އެވެ.

އަގު އުފުލުނު ބާވަތްތަކުގެ އަގު ބޮޑު ވާން މެދުވެރިވީ މައިގަނޑު ސަބަބަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ބުނެފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިހާރުގެ ހާލަތު ދެމެހެއްޓުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާފައި ތިބި ކެންޑިޑޭޓުން ހޮވުން މުހިންމު ކަމަށެވެ. އަދި މި ވެރިކަން ބަދަހިކަމާއެކު ދަމަހައްޓަން ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން މި ހާލަތު ދެމެހެއްޓުމަށްޓަކައި މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުން، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން، ސަރުކާރުގެ ތަސައްވުރަށް ތާއީދުކުރާ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބުކުރުމަކީ ކުރިއަށް މިއޮތް ދުވަސްތަކުގައި މިވެރިކަން ބަދަހިކަމާއެކު ދެމެހެއްޓުމަށް އެޅިގެންދާނެ ވަރަށްވެސް ވަރުގަދަ ބިންގަލަކަށްވާނެ،" ޝަހީމް ވިދާޅުވި އެވެ.