about 2 hours 0
މުހައްމަދު ޝަހްޒާން
ކުރީގެ ދެ ރައީސުން އެކުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބަސްދީގަތުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން
about 2 hours 0
މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތިން އަހަރަށްފަހު ދެ ބޭފުޅުން އެއްގަލަކަށް އަރުއްވައި މިއަދު ދެއްވި ނޫސްވެރިންގެ ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިހުނަށްވުރެ ބާރަށް ކުރަން ގަސްދުކުރާ ކަމަށާއި އެ މަސައްކަތުގައި ނަޝީދުގެ އިތުރުން ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އޭގެތެރޭގައި އަޅުގަނޑުމެންނާ އެކީގައި އަދި އިތުރަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި، އެއީ އަޅުގަނޑުމެން ނޫނަސް ކުރީގައި ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ އެ ބޭފުޅުންނާ އެކީގާ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔުން،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހުގެ އެ ވާހަކައަށް ބާރު ދެއްވަމުން ނަޝީދު ހަނދާން އައު ކޮށްދެއްވީ ޔާމީންގެ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫންއާއެކު ކުރެއްވިކަމެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫން އާއެކު މަސައްކަތް ކުރެއްވި ގޮތަށް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައީސް ޔާމީންއާއެކު ވެސް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
"ރައީސް މައުމޫން އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރީމެއްނޫންތޯ؟ ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަ ފުރިހަމަކޮށްދެއްވަމުން ސޯލިހު ވިދާޅުވީ ޔާމީންއާއެކު މަސައްކަތް ކުރެވޭނެ މަގު ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އެކީގައި މަސައްކަތް ކުރެވޭނެ. މިހާރު ގައުމު މި އޮތް ހާލަތުން ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމާ އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ..." ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދޭ ކަމެއް،" ސޯލިހުގެ ވާހަކަ ފުރިހަމަކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރީގެ ތިން ރައީސުން އެކުގައި ކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު އާއި ސޯލިހު ފާޅު ކުރެއްވިއިރު، ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީއާ ގުޅިގެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިދިޔަ ނޮވެމްބަރު މަހު ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖެއަށް ހެޔޮ ގޮތް އެދިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނޫން. ތިއީކީ ވާނެ ކަމެއް ނޫން. ވާގޮތަކީ، އަޅުގަނޑުމެންގެ އައިޑޮލޮޖީއާ އެމްޑީޕީގެ އައިޑޮލޮޖީއާ ތަފާތު. އަޅުގަނޑަށް މި ކުރި ހުރިހާ ޖެއްސުމަކާ ހުރިހާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންތޯ. އެހެންވީމަ ކީއްކުރަންތޯ އެމީހުންނާ އެކީ ކުރިއަށްދާންވީ،" އެމްޑީޕީއާއެކު ކޯލިޝަނަކަށް ވަޑައިގެންފާނެތޯ އެހުމުން ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެމްޑީޕީއާ ވާހަކަތަކެއް ދެއްކިދާނެ. އެކަމު އެމީހުންނާ އެކީ އެގްރީމެންޓެއް ހަދައިގެން، އެމީހުންނާ އެކީ ސިޔާސީ މަސައްކަތް ކޮށް މި ސަރުކާރު ވައްޓާލަން. ސަރުކާރަށް ދެރަދޭން. މިކަންކައް ކުރާކަށް ކޮންމެހެން އަޅުގަނޑު ނެތިން އެމްޑީޕީއާ އެކީ."
އެމްޑީޕީން ބައެއް ކަންކަން ރަނގަޅަށް ކުރި ނަމަވެސް ރާއްޖެ އިންޑިއާގެ ދަށުވެގެން، ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވެ ޔާމީނު ވަނީ އެއީ ވެސް އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
ރަސްމީ ސިފައެއްގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި ނަމަވެސ،ް މިދިޔަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި ޕީއެންއެފް އިން ވަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށްފަ އެވެ. އެކަން އޭރު ކުރީ ޕީއެންއެފް އިން ހުރިހާ ދާއިރާއަކަށް ވާދަނުކުރާތީ އެވެ.
Comment