Advertisement

އެންމެ ބޮޑަށް ކަންބޮޑުވަނީ ތިން އަހަރު ފަހުން ރާއްޖެ އޮންނާނެ ކަމާމެދު: ފައްޔާޒް

މީގެ ކުރިން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފައްޔާޒް ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


އެންމެ ބޮޑަށް ކަންބޮޑުވަނީ ތިން އަހަރު ފަހުން ރާއްޖެ އޮންނާނެ ކަމާމެދު: ފައްޔާޒް

މި ވަގުތު އެންމެ ބޮޑަށް ކަންބޮޑުވަނީ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ރާއްޖެ އޮންނާނެ ކަމާމެދު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި މި ވަގުތު ހުރި ދަތިތަކަށްވުރެ ބޮޑަށް ކަންބޮޑުވަނީ ތިން އަހަރުފަހުން ރާއްޖެ އޮންނާނެކަމާމެދު ކަމަށެވެ.

"އަޅުގަނޑަށް އުފެދޭ ސުވާލަކީ ދިވެހިރާއްޖެ އޮންނާނެބާއޭ، މި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރުގައި ދިވެހިރާއްޖެ އޮންނާނީ ކޮންތަނަކު ބާއޭ، ދިވެހިރާއްޖޭގެ ދަރަނި އެހާ ބޮޑުވެގެން ގޮސް، ދަރަނި ނުދެއްކޭ ހިސާބަށް ގޮސްފި، ދަރަނި ދައްކާނެ ގޮތެއް ނޭނގޭ ހަދާނެ ގޮތެއް ނޭނގޭ. އެ މީހުން ކަންބޮޑުވާ ތަނެއް ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިގުތިސާދު ވެސް ދަނީ ފުނޑުފުނޑުވެގެން ކަމަށެވެ. ކުދިކުދި ވިޔަފާރިތައް ބަނގުރޫޓުވެ އާންމު ރައްޔިތުންގެ ޖީބަށް މިއަށްވުރެ ބޮޑަށް ދަތިވި ދުވަސްވަރެއް ހަނދާނުގައި ވެސް ނެތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީގެ 35 ވަރަކަށް އަހަރުކުރިން، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅޭ މީހުންނާ ފުލުހުން ސުވާލުކޮށް ނަން ނޯޓުކޮށް ހެދިކަމަށާއި މިއަދު ވެސް އަނެއްކާ ގައުމުގެ މިސްރާބު ހުރީ އެ ދިމާލަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ފުރަތަމަ ބިދޭސީންނޭ ކިޔާފައި މި ފަށަނީ. ހަގީގަތުގައި ބޭނުންވަނީ ދިވެހި ރައްޔިތުން މި ސަރުކާރަށް، ރައީސް މުއިއްޒުއަށް ފާޑު ކިޔުމާއި އިދިިކޮޅު ހެދުން ހުއްޓުވައިލަން، އެކިއެކި ގޮތްގޮތަށް، އަމަންއަމާންކަމޭ ރައްޔިތުންނަށް އުނދަގޫވަނިއްޔޭ ކިޔައިގެން މި ގެންދަން މި އުޅޭ ތަނަކީ ހަމަ، ވަރުގަދަ ހުތުމުހުތާރު ވެރިކަމަކާ ދިމާލަށް،" ފައްޔާޒް ވިދާޅުވި އެވެ.

ދުނިިޔެ ދުށް ހުދުމުހުތާރު ވެރިކަންތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ގައުމުތަކަށް އައިސްފައި ހުރިކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ހުދުމުހުތާރުކަމާއެކުގައި ވެސް އެ ކަންކަން ހާސިލު ކުރެވުނީ އެ މީހުންގެ ކޮންމެ ވެސް ވަރެއްގެ ބުއްދިއެއް ހުރެގެން ކަމަށެވެ.

އެހެންމަަވެސް، ރާއްޖޭގެ ވެރިކަމުގައި މި ވަގުތު ހުންނެވި މުހައްމަދު މުއިއްޒުގެ އެއްވެސް ބުއްދިއެއް ނެތް ކަމަށާއި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ވަޑައިގަންނަވާއިރު، އެއްވެސް ކަމެއް ހާސިލު ނުކުރެއްވެނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.