Advertisement

އެމެރިކާއަށް ހަމަލާދޭން މުއިއްޒު ހިތްވަރުނުދެއްވި ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރަނީ

about 2 hours 3

ޑިފެންސްގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް: ރައީސްގެ ވާހަކަ ތަރުޖަމާ ކުރެއްވިއިރު އެމެރިކާ އާއި އިޒްރޭލުގެ ނަން ވެސް އޮތީ އުނިކޮށްފައި -- ފޮޓޯ: މޯލްޑިވްސް ކެޑޭޓްސް ކޯ


އެމެރިކާއަށް ހަމަލާދޭން މުއިއްޒު ހިތްވަރުނުދެއްވި ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރަނީ

about 2 hours 3

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ރައީސް މުހައްމަދު މުއިއްޒު ލައިވް ޕްރެސް ކޮންފަރެންސެއްގައި ހިތްވަރުދެއްވި މައްސަލަ ހޫނުވެ، އެފަދަ މޭރުމަކުން އެމަނިކުފާނު ވާހަކަ ނުދައްކަވާ ކަމަށް ދައްކުވަން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިރާނުން ހަމަލާދޭންޖެހޭނީ އިރާނަށް ހަމަލާދޭ ދެ ގައުމު ކަމަށްވާ އިޒްރޭލު އަދި އެމެރިކާގެ ތަންތަނަށް ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް އިރާނުން ހަމަލާދޭއިރު މެދުއިރުމަތީގެ މުސްލިމުންނަށް ގެއްލުންނުވާ ގޮތެއް ބަލަންޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން، މުއިއްޒު އެ ވިދާޅުވަނީ އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދިނުމުގެ ވާހަކަ ކަން އެނގެ އެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަ އޮޅުވާލަން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަދި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތަށް ވާހަކަ ދައްކާ މީހުން ބުނަނީ، އެމެރިކާގެ ތަންތަނަށް ހަމަލާދޭން ރައީސް ހިތްވަރުނުދެއްވާ ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަ ތަރުޖަމާ ކުރެއްވި އެއް ބޭފުޅަކީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް އެވެ. އޭނާ ވިދާޅުވާ ގޮތުން ރައީސް ވިދާޅުވި ވާހައިގެ "އެސެންސަކީ" އެބަޔަކާ ހަނގުރާމަ ކުރާ ބަޔަކާ އެކަނި ހަނގުރާމަ ކުރާ ވާހަކަ އެވެ. ރައީސް ވިދާޅުވި އެއްޗެއް މުއާޒް ތަރުޖަމާ ކުރެއްވިއިރު، އެމެރިކާ އަދި އިޒްރޭލުގެ ނަން މުއިއްޒު ބޭނުން ކުރެއްވި ކަމަށް ވެސް ވިދާޅެއް ނުވެ އެވެ.

އެމެރިކާ އާއި އިޒްރޭލުގެ ނަން އުނިކޮށް ރައީސް މުއިއްޒުގެ ވާހަކަ ތަރުޖަމާ ކުރެއްވުމަށްފަހު މުއާޒް ދެން ބަހުގެ ހަމަލާތަކެއް ދެއްވީ މީޑިއާތަކަށެވެ. އޭނާ ތުހުމަތު ކުރެއްވީ މީޑިއާތަކުން މުއިއްޒުގެ ވާހަކަ އޮޅުވާލައި، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހަބަރު ގެނެސްދީފައިވާ ކަމަށެވެ.

"ބުއްދީގެ ހަމައިން، ވަރަށް ފުޅާކޮށް ރައީސް މުއިއްޒު ވިދާޅުވި ވާހަކައެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެފައިވާ މީޑިއާތަކުން ވަނީ އޮޅުވާލާފައި. ހިޔާލުފާޅު ކުރުމުގެ ހައްގަކީ އަސާސީ ހައްގެއް ނަމަވެސް އެ ހައްގުގެ ބޭނުން ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު އަދި ގައުމީ ސަލާމަތަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް،" އިނގިރޭސި ބަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވި އެވެ.

މުއާޒްގެ އިތުރުން ވެސް ޕީއެންސީ އިން ހިންގާ ސޯޝަލް މީޑިއާ އެހެން އެކައުންޓުތަކުގައި ވެސް ރައީސް ދެއްކެވި ވާހަކަ އޮޅުވާލަން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ރައީސް ދެއްކެވި ވާހަކަ އޮޅުވާލީ މީޑިއާތަކުން ކަމަށް ތުހުމަތުކޮށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ރޭ ބަޔާނެއް ނެރުނެވެ.

"'އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން' މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހާ ނޫސްވެރިންނަށް ހަނދާންކޮށްދެން،" އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރެއާއި ދުވާލު އިޒްރޭލަށް ހަމަލާދިނުމަށް ވެސް އެމަނިކުފާނު ގޮވާލައްވައި، އެކަމަށް ބާރު އެޅުއްވި އެވެ.

"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ،" މުއިއްޒު ވިދާޅުވި އެވެ.