about 4 hours 0
ލީވާން އަލީ ނާސިރު
އެސްޓީއޯގެ ތެޔޮ ރައްކާކުރާ ކ. ފޮނަދޫ
about 4 hours 0
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކާއި، ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެދާނެ ސަޕްލައި މެދުކެނޑުމަކުން ރާއްޖެ ސަލާމަތްކުރުމަށް "ގައުމީ ތެލުގެ ރިޒާވް" އެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ސިފަކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ އިގުތިސާދީ ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި ބިނާކުރާ "ރައްކާތެރިކަމުގެ އައްޑަނަ" އެކެވެ. ނަމަވެސް، މިފަދަ ބިޔަ މަޝްރޫއެއްގެ އަމަލީ ފުރުސަތުތަކާއި، މާލީ ގޮތުން މީގެ ސަބަބުން އުފުލަންޖެހޭ ބުރައަށް ބަލާއިރު މިއީ ކިހާވަރެއްގެ ހަގީގީ މަޝްރޫއެއްތޯ ސުވާލު އުފެދެ އެވެ.
މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ތެޔޮ ރައްކާކުރާ މަރުކަޒު ކަމަށްވާ ފޮނަދޫގައި ހުރީ 60,000 ޓަނުގެ ސްޓޯރޭޖެކެވެ. މިއީ އެވްރެޖްކޮށް 21 ދުވަހުގެ ބޭނުން ކުރެވޭނެ ތެލެވެ. އެއް އަހަރު ދުވަހުގެ ރިޒާވްއެއް ގާއިމުކުރުމަށްޓަކައި ގާތްގަނޑަކަށް ޑީސަލާއި ޕެޓްރޯލާއެކު އެއް މިލިއަން ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ބޭނުންވާނެ އެވެ.
އެއް އަހަރު ދުވަހު ބޭނުން ކުރެވޭ މިންވަރަށް ތެޔޮ ރައްކާކުރުމުގެ މަޝްރޫއު ފަރުމާކޮށްފައިވަނީ ތިން ސަރަހައްދަކަށް ބަހާލައިގެން، ފިޔަވަހިތަކަކަށް ކުރިއަށް ގެންދާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިއީ އެއް އަހަރަކުން ނުވަތަ ދެ އަހަރަކުން ނިންމާލެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި މަޝްރޫއު ފުރިހަމަކުރުމަށް ގާތްގަނޑަކަށް ހަތަރު އަހަރާއި ބައި ނުވަތަ ފަސް އަހަރު ހޭދަވާނެ ކަމަށެވެ.
"އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް މިގެންދަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަނެއްހާ ޑޮލަރު އިންވެސްޓުކުރަންޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރާނީ، އޭގެ ފައިދާ އާއި ގެއްލުމަށް އަދި އޭގެ ދެމެހެއްޓޭނެ ގޮތްތަކަށް ބަލާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން އަންދާޒާ ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން 450 މިލިއަން ޑޮލަރު (7.4 ބިލިއަން ރުފިޔާ) މިކަމަށް ހޭދަވާނެ ކަމަށެވެ. ނަމަވެސް، ފަންނީ ނަޒަރަކުން ބަލާއިރު މި ހިސާބު ދިމާ ނުވާ ކަމަށް ތަޖުރިބާ ކާރުން ވިދާޅުވެ އެވެ.
ސަބަބަކީ، މިވަރުގެ ބޮޑު ސްޓޯރޭޖެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމާއި، ޖެޓީތަކާއި، ސޭފްޓީ ސިސްޓަމްތަކުގެ އަގު ސަރުކާރުގެ އަންދާޒާއަށްވުރެ މާ މަތިވުން އެކަށީގެންވާތީ އެވެ. އަދި އިތުރު ހަރަދުތައް ވެސް އިންވެސްޓުމަންޓާއެކު އެކުލެވިގެން އަންނާނެ އެވެ.
ފައިސާ ހުރި ނަމަ ބިން ހިއްކައި، ޓޭންކުތައް ބަނދެ މުޅި އިންވެސްޓުމެންޓު ގާއިމު ކުރެވިދާނެ އެވެ. ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ ޓޭންކުތަކަށް އަޅާނެ ތެޔޮ ގަތުމަށް ހިނގާނެ ބިލިއަނުން ގުނާލެވޭ ހަރަދެވެ.
ގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދަރަނި ދެއްކުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި، އެތައް މިލިއަން ޑޮލަރެއްގެ ތެޔޮ "ބޭނުންނުކޮށް" ޓޭންކުތަކުގައި ބަހައްޓާފައި ހުރުމަކީ އިގުތިސާދީ ގޮތުން ބަލާއިރު ބޮޑު އިސްރާފަކަށް ވާނެ އެވެ.
"މިއުޅެނީ އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ނުދެއްކިގެން. އެހެންވީމަ ތެޔޮ މުހިއްމު ވިޔަސް ކިހިނެއްތޯ، ތެލުގެ އެވަރުގެ ބޮޑު ސްޓޮކެއް ގެންގުޅޭނީ. އެވަރަކަށް ސަރުކާރުގައި ފައިސާއެއް ވެސް ނެތް،" އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރީގައި ގިނަ އަހަރު ތަކެއް ހޭދަކޮށްފައިވާ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ތެޔޮ ގަންނަ ވަގުތު ބާޒާރުގައި އަގު ބޮޑުވެފައި، ފަހުން އަގު ވެއްޓިއްޖެނަމަ ގައުމަށް ލިބޭނެ މާލީ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ.
"އެއް އަހަރު ކީއްކުރަށް، ފައިސާ ހުރިނަމަ ފަސް އަހަރުގެ ސްޓޯރޭޖު ވެސް ހަދަންވީ. ނަމަވެސް އެއް އަހަރު ދުވަހުގެ ސްޓޭރޭޖު ބެހެއްޓުމަކީ ވެސް ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ތެލަކީ ގިނަދުވަހު ބެހެއްޓުމުން އޭގެ ކޮލިޓީ ދަށްވާ އެއްޗެކެވެ. އަމްރު އަދި ރާއްޖޭގައި ތެލުގެ ދާއިރާގެ ހަރަކާތްތެރިވާ ފަންނީ ބައެއް ބޭފުޅުން އަދަދު ނޫހަށް ވިދާޅުވި ގޮތުގައި ޑީސަލް ގިނަދުވަހު ބެހެއްޓުމުން އޭގެ އަޑީގައި ކިލަނބު އުފެދި، އިންޖީނުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.
މިކަން ހައްލުކުރަން ބޭނުންވާ "އިންވެންޓްރީ ރޮޓޭޝަން" ނިޒާމު ހިންގުމަކީ ބޮޑު ހަރަދެއް ހިނގާނެ އަދި ލޮޖިސްޓިކަލީ އިންތިހާއަށް އުނދަގޫ ކަމެކެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް 90 ދުވަހުގެ ރިޒާވްއެއް ގެންގުޅެނީ މި ސަބަބުތަކަށްޓަކަ އެވެ. އެއް އަހަރު ނުވަތަ 365 ދުވަހުގެ ރިޒާވްއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު ވެސް އާދަޔާ ހިލާފު ބޮޑު އަދަދެކެވެ.
"ޓޭންކުތަކުގައި ތެޔޮ ބެހެއްޓުމަކީ ގެއްލުން ބޮޑު ކަމެއް. އެހެންވެ ގައުމުތަކުން އެކަން ނުކޮށް ވެސް ހުންނަނީ. ޑީސަލަށް ބެލިޔަސް ރަނގަޅަށް ނުބެލެހެއްޓި އެހާ ގިނަ ދުވަހު ތެޔޮ ބަހައްޓާނަމަ، އަޑީގައި ކިލަނބު އުފެދި، އަދި ތެލުގެ ފެންވަރު ވެސް ދައްވާނެ،" އަމްރު ވިދާޅުވި އެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ އެހެން ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ ރައީސް އެ ވިދާޅުވި ވާހަކައަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ރާއްޖެ މި އޮތް ލޮކޭޝަންގެ ގޮތުން މުހިންމު ސަރަހައްދުތަކުގައި ބޮޑު ސްޓޯރޭޖެއް ގާއިމުކޮށްފައި ބެހެއްޓިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެއީ ކުޑަ ހަރަދެއް ނޫން،، މިހެން ބުނަލޭއިރަށް ކުރެވޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެލުގެ ބޮޑު ސްޓޯރޭޖެއް ގާއިމުކޮށް، ފައިސާ ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައަށް އިސްކަން ދިނުން އަވަސްކުރުން ވެސް މުހިންމެވެ.
---
ތެލުގެ ރިޒާވްއެއް އޮތުމަކީ ގައުމީ ސަލާމަތަށް މުހިންމު ކަމެއް ނަމަވެސް، އެއް އަހަރުގެ ސްޓޮކެއް ބެލެހެއްޓުމަކީ ރާއްޖެ ފަދަ ކުޑަ އިގުތިސާދަކަށް އުފުލޭނެ ބުރައެއްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މި މަޝްރޫއަކީ ކަނޑުއަޑީގެ ޓަނަލް ފަދަ ސިޔާސީ "މެގަ-ޕްރޮޖެކްޓް" އެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ރާއްޖޭގެ މާލީ ގާބިލްކަމާއި ފަންނީ ހަގީގަތްތަކަށް ބިނާވެފައިވާ މަޝްރޫއަކަށް ވާންޖެހެ އެވެ. ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ 90 ދުވަހުގެ ރިޒާވްއަކަށް އަމާޒު ހިފުމަކީ މާ ބުއްދިވެރި އަދި ކުރެވިދާނެ ކަމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment